މާލޭގައި މީހަކު ރަހީނުކޮށްގެން ގެންގުޅުނު މައްސަލާގައި ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރަހީނުކުރި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 19 އަހަރާއި 22 އަހަރުގެ ދެ ފިރިހެނުން ކަމަށެވެ.

" މިނިސްޓްރީ އޮފް ހޯމް އެފެއާޒް އިން ކަނޑައަޅާ ތަނެއްގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 10 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ދީފައި." ފުލުހުން ބުންޏެވެ.

ގާނޫނުލްއުގޫބާތު ބުނާގޮތުން މީހެއްގެ ރުހުމެއްނެތި އެކަށީގެންވާ މުއްދަތަށް މީހަކު ހިފަހައްޓައިގެން ގެންގުޅުމަކީ ކުށެކެވެ. އެކުށުގެ އަދަބު ދަރަޖަކުރާ މިންގަނޑުތަކެއްވެސް ހުރެ އެވެ.

އެގޮތުން މީހަކު ލައްވާ އެ މީހާގެ އިހްތިޔާރުން ބޭރުގައި ގަދަކަމުން މަސައްކަތެއް ކުރުވުމުގެ މަގްސަދުގައި މީހަކު ހިފަހައްޓައިފި ނަމަ އެއީ ޖިނާއަތުގެ ތިން ވަނަ ދަރަޖައިގެ ކުށެކެވެ. އޭގެން ދެވޭ އެންމެ ބޮޑު އަދަބަކީ އަށް އަހަރަށް ޖަލަށް ލުމެވެ.

ކަނޑއެޅިގެން އެނގިހުރެ އެއް ދުވަހަށްވުރެ ދިގުމުއްދަތަކަށް މީހަކު ހިފަހައްޓައިފި ކަމުގައިވާނަމަ އެ ކުށަކީ ޖިނާއަތުގެ ހަތަރުވަނަ ދަރަޖައިގެ ކުށެކެވެ. އޭގެން ދެވޭ އެންމެ ބޮޑު އަދަބަކީ ހަތަރު އަހަރަށް ޖަލަށް ލުމެވެ. އެނޫން ހާލަތެއްގައި މީހަކު ހިފަހައްޓައިފި ނަމަ ދެވޭނެ އެންމެ ބޮޑު އަދަބަކީ އެއް އަހަރަށް ޖަލަށް ލުމެވެ.

އޭގެ އިތުރުން މީހަކު ރަހީނުކޮށްގެން ގެންގުޅުމަކީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުންވެސް ކުށެކެވެ.