ސްރީނަގަރު (އޮގަސްޓު 5): ކަޝްމީރުގައި އިންޑިއާއިން ވެރިކަން ކުރާ ފަޅީގައި ސަލާމަތީ ކަންތައްތައް ވަރުގަދަކޮށް، ބައެއް ސިޔާސީ ލީޑަރުން ގޭ ބަންދުގައި ބައިތިއްބައިފި އެވެ.

ޖައްމޫ އެންޑް ކަޝްމީރުގެ ސަރުކާރުން ރޭ ނެރުނު ބަޔާނެއްގައިވާ ގޮތުން އެސަރަހައްދުގެ ސްރީނަގަރުގައި ގިނަ އަދަދެއްގެ މީހުން އެއް ތަނަކަށް އެއްވުން ވަނީ މަނާކޮށްފަ އެވެ. އަދި ބައެއް ސަރަހައްދުތަކުގައި ސްކޫލުތަކާއި ކޮލެޖުތައް ވަނީ ވަގުތީ ގޮތުން ބަންދުކޮށްފަ އެވެ.

މީގެ އިތުރުން އިންޑިއާއިން ވަނީ ކަޝްމީރުގެ ކުރީގެ ދެ ޗީފް މިނިސްޓަރުން ކަމަށްވާ އުމަރު އަބްދުﷲ އާއި މެހެބޫބާ މުފްތީ ގޭ ބަންދުގައި ހައްޔަރުކޮށްފައި ކަމަށް އެގައުމުގެ މީޑިއާތަކުން ބުނެ އެވެ.

އިންޑިއާއިން އެފިޔަވަޅުތައް އެޅީ ކަޝްމީރުގައި ޓެރަރިސްޓު ހަމަލާއެއް ދީފާނެ ކަމުގެ ނުރައްކާ އޮތް ކަމަށް ބުނެ، މިދިޔަ ހަފްތާގައި އެސަރަހައްދަށް އިތުރު 10،000 ސިފައިން ފޮނުވި ފަހުންނެވެ. އަދި ކަޝްމީރުގައި ތިބި ފަތުރުވެރިންނާއި ހިންދޫންގެ އަޅުކަމަކަށް އެސަރަހައްދަށް ގޮސްފައިވާ މީހުން އަނބުރާ ދިޔުމަށް އެންގުމަށް ފަހުގަ އެވެ.

ކަޝްމީރުގެ ބައެއް ރައްޔިތުން ތުހުމަތު ކުރާ ގޮތުގައި އިންޑިއާއިން އެފިޔަވަޅު އަޅަނީ، އިންޑިއާގެ ގާނޫނު އަސާސީގެ މާއްދާ 35އޭގެ ދަށުން ކަޝްމީރަށް ދީފައިވާ ހާއްސަ ދަރަޖަ އުވާލަންވެގެންނެވެ. އެ މާއްދާގައިވާ ގޮތުން ޖައްމޫ އެންޑް ކަޝްމީރުގައި ދިރިނޫޅޭ މީހުންނަށް އެސަރަހައްދުން ބިން ނުގަނެވޭނެ އެވެ.

ނަމަވެސް މާއްދާ 35އޭ އުވާލުމަކީ ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)ގެ މެނިފެސްޓޯގައި ހިމަނާފައިވާ ވައުދެކެވެ. އަދި މިދިޔަ މަހު ބީޖޭޕީގެ ލީޑަރަކު ވަނީ އެޕާޓީން ދަނީ ކަޝްމީރުގައި ހަމައެކަނި ހިންދޫން ވަޒަންވެރި ކުރާ ސަރަހައްދުތައް ހަދަން ވިސްނަމުން ކަމަށް ވިދާޅުވެފަ އެވެ.