02 Nov 2011, 10:01
ރާއްޖޭގެ ޖުޑިޝަރީއާ ދެކޮޅަށް ހިންގާ ހަރަކާތްތަކާއި ރާއްޖެ އަށް މިހާރު ކުރިމަތިވެފައިވާ ޙާލަތުން ރާއްޖެ ސަލާމަތް ކުރެވޭތޯ އަދާލަތުން ކުރަމުން އަންނަ މަސައްކަތްތަކަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ގައުމީ ޕާޓީން އެއްބާރުލުން ދޭނެ ކަމަށް ބުނެފައިވާ ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.
އަދާލަތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވީ ގައުމީ ޕާޓީއާ އެކު ހުސްވި މަހުގެ ފަހުކޮޅު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ. އަދި އެ ބައްދަލުވުމަކީ ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމަށާއި ރާއްޖޭގެ ޖުޑިޝަރީއަށް ދިމާވެފައިވާ ކަންތައްތަކާ މެދު ގައުމީ ޕާޓީން ވެސް ކަންބޮޑުވުން ފާޅުކުރި ކަމަށް އިމްރާން ވިދާޅުވި އެވެ.
ޕީޕީއެމްއާ އެކު އަދާލަތުން ބައްދަލުކޮށްފައި ވަނީ ރޭގެ ވަގުތެއްގަ އެވެ. އެ ބައްދަލުވުމުގައި ވެސް ގައުމުގެ ޙާލަތާ މެދު ވަރަށް ބޮޑަށް ދެ ފަރާތުން މަޝްވަރާ ކުރި ކަމަށް އަދާލަތުން ވަނީ ބުނެފަ އެވެ. ނަމަވެސް އެއްވެސް ސިޔާސީ ޕާޓީއަކާ އެކު ކޯލިޝަނެއް ހެދުމުގެ ވާހަކަ އަދި ދައްކާފައި ނުވާކަމަށް އިމްރާން ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކޯލިޝަނަކަށް ދާކަށް އަދި ނުވިސްނަން. އެކަހަލަ ވާހަކައެއް ވެސް ނުދައްކަން. އެކަމަކު ޕާޓީގެ ގައުމީ މަޖިލީހުން އެގޮތަށް ނިންމަން ޖެހޭ ޙާލަތެއް އައިސްގެން އެކަން ކުރަން ޖެހިއްޖެ ނަމަ އެކަންވެސް ކުރާނެ." އިމްރާން މިއަދު ވިދާޅުވި އެވެ.
އަދާލަތު ޕާޓީން ބުނީ ކުރިޔަށް އޮތް ތަނުގައި ވެސް އިދިކޮޅު ސިޔާސީ ޕާޓީތަކާ އެކު ބައްދަލު ކުރަމުންދާނެ ކަމަށެވެ. އެ ޕާޓީން ސިޔާސީ ޕާޓީތަކުގެ އިތުރުން ދަނީ މިނިވަން މުއައްސަސާތަކާ އެކު ވެސް މަޝްވަރާ ކުރަމުންނެވެ.
"އަޅުގަނޑުމެން ވަރަށް ފަހުން ހިއުމަން ރައިޓްސް ކޮމިޝަނުގެ ބޭފުޅުންނާ ވެސް ބައްދަލު ކޮށްފިން، ޖުޑިޝަރީގެ މައްސަލައިގައި އެބޭފުޅުންގެ ވެސް ކަންބޮޑުވުން ތަކެއް އެބަހުރި." އިމްރާން ވިދާޅުވި އެވެ.
ސަރުކާރުގެ ކޯލިޝަނުން އަދާލަތު ޕާޓީ ވަކިވުމަށް ފަހު އެ ޕާޓީން ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. ދާދި ފަހުން އެމްޑީޕީން ސުޕްރީމް ކޯޓު ދޮށުގައި ބޭއްވި މުޒާހަރާއަކީ ވެސް ޖުޑިޝަރީގެ ބާރު ކަނޑުވާލުމަށް ބޭއްވި މުޒާހަރާއެއް ކަމަށް އަދާލަތުން ވަނީ ބުނެފަ އެވެ.
ގައުމީ ޕާޓީ އާއި ޕީޕީއެމްއާ ބެހޭ ގޮތުން އަދާލަތުން ދެއްކި ވާހަކަ އަށް އެ ދެ ޕާޓީން އަދި ވަނީ ކޮމެންޓެއް ލިބޭގޮތް ނުވެފަ އެވެ.