05 Aug 2019, 09:26
ރާއްޖެއިން ފިލައިގެން ދަނިކޮށް ހައްޔަރުކޮށްގެން ގެނައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރި މައްސަލައިގައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ، އައްޑޫ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ.
އެ މައްސަލަ ހުށަހެޅިފައިވާކަން މަޖިލީހުގެ ސަމާލުކަމަށް ގެންނަމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކުރީގެ ނައިބު ރައީސް އަދީބު ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ކްރިމިނަލް ކޯޓުން ރޭ ނިންމި ނިންމުމާ މެދު ބަހުސް އުފައްދަން މެންބަރު ހުށަހެޅުއްވި ކުއްލި މައްސަލައިގައި އެދިވަޑައިގެންފައިވާ ކަމަށެވެ.
އަދީބު ދޫކޮށްލަން ކްރިމިނަލް ކޯޓުން ރޭ އަމުރު ނެރުމާ އެކު އޭނާ ދޫކޮށްލުމަށް ފަހު މިއަދު ހެނދުނު އަނެއްކާ ވެސް ފުލުހުން ވަނީ އަދީބު ހައްޔަރުކޮށް ދޫނިދުއަށް ގެންގޮސްފަ އެވެ.
އަދީބު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ރޭ އަމުރު ކުރީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުން އޭނާ ހައްޔަރު ކުރީ ބައިނަލްއަގުވާމީ އުސޫލުތަކާއި އިޖުރާއަތްތަކާ ހިލާފަށް ކަމަށް ވާތީ އެވެ. އަދި އެކަމަށް ދައުލަތުން ވެސް އިއުތިރާފުވި އެވެ. އެހެންވެ، ކްރިމިނަލް ކޯޓުން އަމުރު ކުރީ ބަންދު ކުރުމުގެ އިޖުރާއަތުތައް ނުބައިވުމުން އަދީބު ދޫކޮށްލުމަށެވެ.