ޓަގް ބޯޓެއްގައި ރާއްޖެއިން ފިލަން އުޅެނިކޮށް އަތުލައިގަތް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރު ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި، އޭނާ މިނިވަން ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

އިންޑިއާ ފުލުހން އަދީބު އަތުލާގަތީ އިންޑިއާގެ ޓުތްކުރިން ބަނދަރުން މިދިޔަ ބުރާސްފަތި ދުވަހު އެވެ. އިންޑިއާގެ ހިމާޔަތައް އެދިފައިވަނިކޮށް ހިމާޔަތް ނުދީ މިދިޔަ ހޮނިހިރު ދުވަހުގެ ފަތިހު އަދީބު ވަނީ އަނބުރާ ރާއްޖެ ފޮނުވައިފަ އެވެ. އެއާ އެކު ފުލުހުން އަދީބު ހައްޔަރު ކުރުމަށް ފަހު ރޭ 10:30 އެހާކަށް އިރު މާލެ ގެނައެވެ.

އަދީބު ފިލި މައްސަލައާ ގުޅިގެން ފުލުހުން ރޭ ދަންވަރު 1:15 އެހާކަށްހާ އިރު ބަންދަށް 15 ދުވަސް ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރި އެވެ.

ފުލުހުން އެދުނީ އޭނާގެ މައްޗަށް އެމްއެމްޕީއާރުސީގެ އިންތިޒާމް ވެގެން ހިންގި ބޮޑެތި ކުށްތަކެއްގެ ތުހުމަތު ކުރެވި އެ މައްސަލަތައް ތަހުގީގު ކުރަމުންދާތީ އާއި އޭނާ ޕާސްޕޯޓު ހިފަހައްޓާފައި ވަނިކޮށް އޭނާ ފިލާފައިވާތީވެ، އަދި އިތުރަށް އޭނާ ފިލާފާނެތީވެ އޭނާ ބަންދު ކުރުމަށެވެ.

އެކާމާ ގުޅުގެން ބަންދުގެ އަޑުއެހުމުގައި އަދީބުގެ ވަކީލު، މަހްފޫޒު ސައީދު ދައުލަތުގެ ވަކީލުންނާ ސުވާލު ކުރެއްވީ އަދީބު ހައްޔަރު ކުރީ ކޯޓު އަމުރަކުންތޯ އާއި އޭނާ ހައްޔަރު ކުރީ ކޮންތާކުންތޯ އެވެ.

އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ފުލުހުންގެ އިންވެސްޓިގޭޓިވް އޮފިސަރު (އައިއޯ) ވިދާޅުވީ، އޭނާ ހައްޔަރު ކުރީ ކޯޓު އަމުރަކުން ކަމަށާއި ސަލާމަތީ ބާރުތަކުން އޭނާ ހައްޔަރު ކޮށްފައި ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުން، ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން ކަމަށެވެ.

އައިއޯ އެގޮތައް ވިދާޅުވުމުން މަހުފޫޒު ވިދާޅުވީ، ރާއްޖޭގެ ކޯޓުތަކުން ނޭރޭ އަމުރެއް ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި ތަންފީޒު ނުކުރެވޭނެ ކަމަށެވެ. އަދި އޭނާ ހައްޔަރު ކޮށްފައި ވަނީ ބައިނަލްއަގުވާމީ ގާނޫނުތަކާއި މުއާހަދާތަކާ އެއްގޮތަށްތޯ އޭނާ ސުވާލު ކުރެއްވި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލާ މަރިޔަމް ޝަހުމާ ވިދާޅުވީ، އޭނާ ހައްޔަރުކޮށްފައި ވަނީ ރާއްޖޭގެ ގާނޫނުތަކާއި އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. ރާއްޖޭގެ ކޯޓަކުން ނެރޭ އަމުރެއް ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި ނުހިނގާނެ ކަން ގަބޫލު ކުރައްވާ ކަމަށް ވެސް ޝަހުމާ ވިދާޅުވި އެވެ.

އަދީބު ރާއްޖޭގެ ކަނޑުގެ ސަރައްދުން ބެރުން ހައްޔަރުކޮށްފައި ވަނީ، ބައިނަލް އަގުވާމީ ގާނޫނުތަކާއި މުއާހަދާތަކާ އެއްގޮތްވާ ގޮތުގެ މަތިން އިޖުރާއަތްތައް ފުރިހަމަ ނުކޮށް ކަމަށް ދައުލަތުގެ ވަކީލާ ޝަހުމާ އިއުތިރާފްވި އެވެ.

މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު ވިދާޅުވީ، ބައިނަލްއަގުވާމީ ގާނޫނުތަކުގެ މަތިން އެގޮތައް ކަނޑުގެ ސަރަހައްދުން ބޭރުން ހައްޔަރު ކުރެވޭނީ އެންމެ ހާލަތެއްގައި ކަމަށެވެ. އެއީ ސަލާމަތީ ބާރުތަކުން ހައްޔަރު ކުރާ މީހާ ހުރީ ދިވެހި ދިދަ ޖެހި، ރާއްޖޭގެ ރަޖިސްޓްރީ އޮތް އުޅަނދަކަށްވާ ނަމަ ކަމަށް ގަޒީ ވިދާޅުވި އެވެ.

އަދީބު ހައްޔަރު ކުރި އިރު ޓަގު ބޯޓުގައި ހުރި ކޮން ގައުމެއްގެ ދިދައެއްތޯ އަދި އެއީ ރާއްޖޭގެ އުޅަނދެއްތޯ ސުވާލު ކުރުމުން އައިއޯ ވިދާޅުވީ، އެ އުޅަނދުގައި ހުރީ އިންޑިއާގެ ދިދައެއް ކަމަށާއި އެ އުޅަނދަކީ ރާއްޖޭގެ އުޅަނދެއް ނޫން ކަމަށެވެ.

މައްސަލަ ބައްލަވާ ގަޒީ ނިންމެވީ އަދީބު ހައްޔަރު ކޮށްފައި ވަނީ ގަނޫނާ ހިލާފަށް ކަނޑައަޅާ އޭނާ ބަންދު ކުރުމުގެ އަމުރު ނެރެން ނުފެންނަ ކަމަށެވެ.

ގާޒީ އަލީ ރަޝީދު ވިދާޅުވީ، މީހަކު ބަންދު ކުރަން އަމުރެއް ނެރޭ އިރު، އެންމެ އަސާސީ އެއް ކަމަކީ އޭނާ ހައްޔަރުކުރި ގޮތް ކަމަށެވެ. ހައްޔަރުކުރުން ގޯސް ނަމަ ދެން އެއާ ގުޅިގެން އެހެން އިޖުރާއަތްތަކެއް ނުހިނގާނެ ކަމަށް އަލީ ރަޝިދު ވިދާޅުވި އެވެ.

އެހެންކަމުން ގަޒީ އަލީ ރަޝީދު ނިންމެވީ ގާނޫނާ ހިލާފަށް އަދީބު ހައްޔަރުކޮށްފައިވާތީވެ އޭނާ ވަގުތުން ވަގުތަށް މިނިވަން ކުރުމަށް ފުލުހުންގެ މައްޗަށް އަމުރު ކުރުމަށެވެ.

އަދީބު ބަންދަށް ނުޖެހުމަށް ކުރިމިނަލް ކޯޓުން ނިންމި އިރު، އައިއޯ ބަންދުގެ މަޖިލީހުގައި ވިދާޅުވީ، ދެ ފަރާތުން ވެސް ގޯސްކޮށް ކަންތައް ކުރެވިފައި އޮތުމުން އަދީބު ބަންދުކުރުމުގެ އިތުރު އަމުރަކަށް އެދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދީބު ގާނޫނާ ހިލާފަށް ހައްޔަރު ކުރި މައްސަލައިގައި އޭނާގެ ބައިނަލްއަގުވާމީ ވަކީލުން ވަނީ އެ މައްސަލަ އދ. އަށް ހުށަހެޅުމަށް ނިންމަވައިފަ އެވެ. ގާނޫނީ ޓީމުން މިރޭ ނެރުނު ނޫސް ބަޔާނުގައި ބުނީ، އަދީބު އިންޑިއާގެ ހިމާޔަތަށް އެދިފައިވަނިކޮށް އޭނާގެ ގާނޫނީ ވަކީލުންނާ ވާހަކަ ދެއްކެވުމުގެ ފުރުސަތު ނުދީ، ދިވެހި ފުލުހުންނާ ހަވާލުކޮށްފައި ވަނީ، ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންޑިއާގެ ގާނޫނުތަކާ ހިލާފަށް ކަމަށެވެ.

އަދީބު ފިލި މައްސަލާގައި ހެއްކާ ގަރީނާ ހޯދުމަށް ރޭ ފުލުހުން ވަނީ އޭނާގެ ދިރިއުޅުއްވާ އެޕާޓްމަންޓު ވެސް ކޯޓު އަމުރެއްގެ ދަށުން ބަލާ ފާސްކޮށްފަ އެވެ.

އެކި އެކި ކުށްތަކުގައި އަދީބުގެ މައްޗަށް 33 އަހަރުގެ ޖަލު ހުކުމްތަކެއް އަ އެވެ. ނަމަވެސް ފަހުން ކޯޓުތަކުން އެ ހުކުމްތައް ވަނީ ބާތިލްކޮށްފަ އެވެ.

މިހާރު ކޯޓުގައި އޮތީ އަދީބާ ގުޅޭ އެންމެ މައްސަލައެކެވެ. އެއީ ޅ. މާބިންހުރާގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ކުއްޔަށްދިން ކުރެއްދޫ ހޯލްޑިންގްސް އިން އެމްއެމްޕީއާރްސީއަށް ދިން އެއް މިލިއަން ޑޮލަރަށް ހިޔާނާތްތެރިވި މައްސަލާގައި އަދީބަށް އިއްވި އަށް އަހަރުގެ ޖަލު ހުކުމް ބާތިލު ކުރި މައްސަލަ ދައުލަތުން އިސްތިއުނާފު ކުރި މައްސަލައެ އެވެ. އެ މައްސަލަ އޮތީ ސުޕްރީމް ކޯޓުގަ އެވެ. އިސްތިއުނާފީ މައްސަލާގައި ގޮތެއް ކަނޑައަޅަން ދެން ޖޫން، 24 ވަނަ ދުވަހު ސުޕްރީމް ކޯޓުން އޭނާގެ ޕާސްޕޯޓު ހިފެހެއްޓި އެވެ.