02 Nov 2011, 09:33
ޤާހިރާ (ނޮވެމްބަރ 2) : "ޔުނެސްކޯ" އިން ފަލަސްތީނަށް ފުރިހަމަ މެންބަރުކަން ދިނުމަށް ނިންމުމުން އެޖަމާއަތަށް ދައްކަން ޖެހޭ ޗަންދާގެ ފައިސާ އެމެރިކާ އިން ކަނޑާލުމަކީ ޒިންމާދާރުކަން ކުޑަ ޢަމަލެއް ކަމަށް އަރަބި ލީގުގެ ސެކްރެޓަރީ ޖެނެރަލް ނަބީލުލްޢަރަބީ ސިފަކުރައްވައިފި އެވެ.
ޤާހިރާގައި ނޫސްވެރިންނަށް މަޢްލޫމާތު ދެއްވަމުން އަލްޢަރަބީ ވިދާޅުވީ އެމެރިކާގެ މި ނިންމުމުގެ ސަބަބުން ބައިނަލްއަޤްވާމީ މުޖްތަމަޢުގައި އެމެރިކާގެ އިތުބާރު ގެއްލިގެންދާނެ ކަމަށާއި ޔުނެސްކޯގެ މެންބަރު ޤައުމުތަކުން ޑިމޮކްރެޓިކް އުސޫލުން ނިންމި ނިންމުމެއް އެމެރިކާއަށް ޤަބޫލުނުކުރެވި އެކަމާދެކޮޅަށް އެމެރިކާ ފިޔަވަޅު އެޅުމަކީ ދެރަކަމެއް ކަމުގަ އެވެ. އެމެރިކާގެ މިނިންމުމުގެ އަސަރު މެދުއިރުމަތީގެ ސުލްޙައަށް ނޭދެވޭގޮތެއްގައި ކުރާނެ ކަމަށް ވެސް ޢަލްޢަރަބީ ވިދާޅުވި އެވެ.
ތަޢްލީމާއި ސައެންސާއި ޘަޤާފަތާ ބެހޭ އދ.ގެ ޖަމްޢިއްޔާ "ޔުނެސްކޯ"އިން ފަލަސްތީނަށް ފުރިހަމަ މެންބަރުކަން ދިނުމަށް ނިންމުމާ އެކު އެމެރިކާގެ ޚާރިޖިއްޔާއިން ވަނީ އެ ޖަމާއަތަށް އެމެރިކާ ދައްކަންޖެހޭ ޗަންދާގެ ފައިސާއާއި އެނޫން މާލީއެހީތައް ކަނޑާލިކަން އިޢްލާންކޮށްފަ އެވެ. މިގޮތުން މިހިނގާ ނޮވެމްބަރު މަހަށް ވެސް އަދި ކުރިޔަށްއޮތް މަސްތަކަށް ވެސް ދެން ޔުނެސްކޯ އަށް ޗަންދާ ވެސް އަދި އެނޫން ފައިސާއެއް ވެސް ނުދައްކާނެ ކަން އެމެރިކާގެ ޚާރިޖިއްޔާއިން ވަނީ ހާމަކޮށްފަ އެވެ.
އެމެރިކާގެ ޚާރިޖިއްޔާގެ ތަރްޖަމާނާ ވިކްޓޯރިޔާ ނޮލެންޑް ވިދާޅުވި ގޮތުގައި އދ. ން ވެސް އަދި އދ.ގެ އެއްވެސް ޖަމްޢިއްޔާއަކުން ވެސް ފަލަސްތީނަށް ފުރިހަމަ މެންބަރުކަންދީފި ނަމަ އެ ޖަމްޢިއްޔާއަކަށް އެމެރިކާގެ އެއްވެސް ފައިސާއެއް ދިނުމަކީ އެމެރިކާގެ ޤާނޫނުގައި މަނާކަމެކެވެ. މިކަން މަނާކުރާ ދެ ޤާނޫނެއް 1990ގެ އަހަރުތަކުގައި ކޮންގްރެސް އިން ފާސްކޮށް އެމެރިކާގެ ރައީސް ތަސްދީޤުކުރައްވާފައި ވަނީ ފަލަސްތީނަށް މެންބަރުކަން ނުދިނުމަށް އދ. އަށާއި އދ. ގެ ޖަމްޢިއްޔާތަކަށް ބިރުދައްކައި ފިއްތުންތައް ކުރިމަތިކުރުމުގެ ގޮތުންނެވެ.
ޔުނެސްކޯ އަށް ޗަންދާގެގޮތުގައި އެނޫން އެހީގެ ގޮތުގައި އަހަރަކު 70 މިލިޔަން ޑޮލަރު އެމެރިކާ ދައްކަ އެވެ. މިއީ ޔުނެސްކޯގެ އަހަރީ ބަޖެޓްގެ 22 ޕަސެންޓެވެ. ބަޖެޓުން 22 ޕަސެންޓް އުނިވުމުން ޔުނެސްކޯ އަށް ކައިރި މުސްތަޤްބަލެއްގައި ފައިސާގެ ދަތިތަކެއް ކުރިމަތިވި ނަމަވެސް ކުރިއަރަމުންދާ މުއްސަނދި ޤައުމުތަކުގެ އެހީ އިތުރުކޮށްފި ނަމަ މިދަތިކަމުން ޔުނެސްކޯއަށް އަރައިގަނެވޭނެ ކަމަށް މުރާސިލުން ބުނެ އެވެ.
ޔުނެސްކޯއާ ދުރުވެގަތުމަކީ ދިގުމުއްދަތަކަށްބަލާ އިރު ބައިނަލްއަޤްވާމީ މަޙްފަލްތަކުގައި އެމެރިކާ އެކެހެރިވެގެންދާނެ ކަމެއް ކަމަށް މުޙައްލިލުން ސިފަކުރައްވަ އެވެ. (އަލްޖަޒީރާ)