05 Aug 2019, 09:55
"75 ރުފިޔާ އަކަށް މާލެ އިން ހުޅުމާލެ އަށް ދަތުރެއް ނުކުރެވޭނެ. ޓެކްސީ ކޮށްދޭނީ ހަމަ މިހާރު ވެސް ކުރާ އަގަށް. އެއަށް ވުރެ ބޮޑު ވަންޏާ ބަހަށް އަރާ،" ޓްރާންސްޕޯޓުން މިފަހުން އިއުލާން ކުރި ޓެކްސީގެ އާ އަގުތަކާ ގުޅޭގޮތުން ސުވާލު ކޮށްލުމުން ޑްރައިވަރަކު ބުނީ މިހެން އެވެ.
މާލެ ސަރަހައްދުގައި ޓެކްސީ ކުރެވޭނެ އަގުތައް ޓްރާންސްޕޯޓު އޮތޯރިޓީ އިން ކަނޑައެޅުމާ އެކު، ޓެކްސީ ޑްރައިވަރުންގެ ޑްރާމާ މިއޮތީ ފެށިފަ އެވެ. ރާއްޖޭގައި ތިބި އެންމެ ނުފޫޒު ގަދަ ބަޔަކަށް ވެފައި އޮންނަނީ ޓެކްސީ ޑްރައިވަރުން އެވެ. އެ މީހުންގެ މައްޗަށް ގަވާއިދުތަކެއް ނުހިނގަ އެވެ. ގަވާއިދެއް ހެދިޔަސް އެޔަށް އަމަލެއް ނުކޮށް އޭގެ ބާރު ކަނޑުވާލަ އެވެ. ޓެކްސީ ކުރުމުގެ ވިޔަފާރީގެ އުސޫލުތައް ވެސް މުޅިންހެން ކޮންޓްރޯލް މި ކުރަނީ ޑްރައިވަރުންނެވެ. އެއީ، އެ މީހުން އަމިއްލައަށް ކަނޑައަޅާ އެއްޗެކެވެ. ޑްރައިވަރުންގެ މައްޗަށް ބާރު ހިންގޭ ވަރުގެ އެއްވެސް ވުޒާރާއެއް އަދި ނެތެވެ.
ސިނަމާލެ ބުރިޖު ހުޅުވި ދުވަހުން ފެށިގެން ވެސް، ބުރިޖު ހުރަސްކޮށް ކުރާ ދަތުރުތަކުގެ އަގު އޭރުގެ ސަރުކާރުން ކަނޑައެޅި އެވެ. އެކަމަކު އެ އަގުތައް ވެސް ބޮއްސުން ލައިގެން ދިޔަައީ ވެސް، ޓެކްސީ ޑްރައިވަރުން އެއްބަސްނުވެގެން އެވެ.
ބްރިޖު ހުޅުވުމަށް ފަހު ޓްރާންސްޕޯޓު އޮތޯރިޓީން ފުރަތަމަ ކަނޑައެޅި އަގުތަކަކީ މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް ކޮޅަކަށް 40 ރުފިޔާ އެވެ. އަދި ދެ ރަށުން ވެސް ހުޅުލެއަށް ދަތުރުކުރުމަށް ކޮޅަކަށް 35 ރުފިޔާ އެވެ. މާލެ އަދި ހުޅުމާލޭގެ އެތެރޭގައި ކުރިއެކޭ އެއްފަދައިން 25 ރުފިޔާއެވެ. ޑިކީއަށް ދާގީނާ ލާނަމަ އަދި ރޭގަނޑު 12ގެ ފަހުން ދަތުރު ކުރާ ނަމަ އިތުރު ފަސް ރުފިޔާ ނެގިދާނެ ކަމަށް ޓްރާންސްޕޯޓުން އޭރު ހަމަޖައްސައިދިނެވެ.

ނަމަވެސް އެ އަގުތަކަށް ޓެކްސީ ޑްރައިވަރުން އެއްބަހެއް ނުވި އެވެ. އަދި އެ އަގުގައި ޓެކްސީ ނުކުރެވޭނެ ކަމަށް ބުނެ، ދަތުރުތައް ކުރަމުން ދިޔައީ އެ ޑްރައިވަރަކަށް ފެންނަ އަގެއްގަ އެވެ. އެންމެ ފަހުން ޓެކްސީ ޑްރައިވަރުންގެ ބަހަށް އޭރުގެ ސަރުކާރުން ދީލައިލާ، ބްރިޖު ހުރަސްކުރާ ކޮންމެ ދަތުރަކަށް 100 ރުފިޔާ ނަގަން ނިންމައި އެ އަގުތަކަށް ދަތުރުތައް ކުރަމުން އައީ އެވެ. މިނިސްޓްރީ އިން ވެސް ވަނީ އަގު ކަނޑައެޅެން ދެން އެ އަގުގައި ދަތުރު ކުރަން ހުއްދަ ދީ، ޑްރައިވަރުންނަށް ދޫދީފަ އެވެ.
ނަމަވެސް ޓްރާންސްޕޯޓުން މިހާރު ވަނީ ޓެކްސީ ތަކުގައި މޮބައިލް އެޕްލިކޭޝަން ބޭނުން ކުރަން މަޖުބޫރު ކުރުމުގެ އިތުރުން، ބުރިޖު ހުރަސްކޮށް ކުރާ ދަތުރަކަށް އެންމެ ބޮޑުވެގެން ނެގޭނީ 75 ރުފިޔާ ކަމަށް ކަނޑައަޅައިފަ އެވެ. އަދި ޑިކީ އަށް އަރުވާ އެއްޗަކަށް އިތުރު އަގެއް ނެގުމާ، ދަންވަރު ކުރާ ދަތުރުތަކަށް ވެސް އިތުރު އަގެއް ނެގުން ވަނީ މަނާކޮށްފަ އެވެ. ބުދަ ދުވަހުން ފެށިގެން އެ އުސޫލަށް އަމަލު ކުރަން މަޖުބޫރު ވާނެ އެވެ.
ނަމަވެސް ޓެކްސީ ޑްރައިވަރުން އަނެއްކާވެސް މިވަނީ އެ އަގުގައި ދަތުރު ނުކުރާނެ ކަމަށް ބުނެ ފޫކަހަން ފަަށައިފަ އެވެ. އަދި އުސޫލަށް އަމަލު ކުރުން މަޑުޖައްސާލުމަށް އެދި ސިވިލް ކޯޓުގައި މިއަދު ވަގުތީ އަމުރަކަށް އެދުމަކަށް މިދިޔަ ޑްރައިވަރުންގެ އެސޯސިއޭޝަނުގެ ކުއްލި ބައްދަލުވުމެއްގައި ވަނީ ނިންމައިފަ އެވެ. މިހާރު އަގުތަކުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހާއި ޓްރާންސްޕޯޓް އޮތޯރިޓީ އަށް ވެސް ވަނީ ސިޓީ ހުށަހަޅައި ރަސްމީކޮށް ޝަކުވާ ހުށަހަޅައިފަ އެވެ.
އުސޫލު އެކުލަވާލީ ޓެކްސީ ސެންޓަރުތަކާއި ޓެކްސީ ޑްރައިވަރުން އަދި އާންމު ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ފަހު ކަމަށް މިނިސްޓްރީއިން ބުނެ އެވެ. ނަމަވެސް ޓެކްސީ ޑްރައިވަރުން ބުނަނީ ޓެކްސީގެ އަގުތައް ކަނޑައެޅީ ޑްރައިވަރުން ބުނި ގޮތަށް ނޫން ކަމަށެވެ. އަދި ސަރުކާރުން ކަނޑައެޅި އަގުގެ ސަބަބުން ލިބޭ އާމްދަނީ ވަރަށް ބޮޑުތައް ކުޑަވެގެން ގޮސް މިއީ ގެއްލުންވާ ވިޔަފާރިއަކަށް ވާނެ ކަމަށް ޓެކްސީ ޑްރައިވަރުން މި ވަނީ ބުނަން ފަށައިފަ އެވެ.
"އަޅުގަނޑުމެން މަޝްވަރާ ކުރީ 80 ރުފިޔާ އާއި 90 ރުފިޔާ އާ ދެމެދުގެ އަގުތަކެއް. އެކަމަކު ކަނޑައަޅާފައި މިއޮތީ މުޅިން ތަފާތު އަގުތަކެއް،" ޓެކްސީ ސެންޓަރެއްގެ އޮޕަރޭޓަރަކު 'ސަން' އަށް ބުންޏެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ، ސަރުކާރުން ޑްރައިވަރުންނާ އެކު މަޝްވަރާ ކުރީ ރައްޔިތުންގެ ޝަކުވާތައް ވެސް ހައްލު ކުރުމުގެ މަގުސަދުގައި ކަމަށެވެ. އަދި އަގުތައް ކަނޑައެޅީ ދެ ފަރާތަށް ވެސް ފަސޭހަ ވާނެ ގޮތަށް ބަލައިގެން ކަމަށެވެ.
"ސަރުކާރުން މަޝްވަރާ ކުރާނެ ހުރިހާ ފަރާތްތަކާ ވެސް. އެކަމަކު އަގު ކަނޑައަޅައި އެކަންކަން ނިންމާނީ ސަރުކާރުން ދެއްތޯ؟ އެއީ ޑްރައިވަރުންގެ އަތުގައި އޮންނަ ކަމެއް ނޫން،" އޮފިޝަލް ވިދާޅުވި އެވެ.
އެ އޮތޯރިޓީ އިން ބުނީ ޓެކްސީ ޑްރައިވަރުންގެ ޝަކުވާ އެހެން ހުރި ނަމަވެސް، ކަނޑައަޅާފައިވާ އަގުތަކަށް ބަދަލު ގެންނަން އަދި ވިސްނާފައި ނުވާ ކަމަށެވެ.
އަގު ކުޑަވެގެން ދަތުރު ނުކުރާނެ ކަމަށް ޑްރައިވަރުން ބުނަމުން ދިޔަ ނަމަވެސް ޓެކްސީ ސެންޓަރުތަކުން ދެނީ ތަފާތު ޖަވާބެކެވެ. ވާހަކަ ދައްކާލި ގިނަ ސެންޓަރުތަކުން ތިބީ ސަރުކާރުން ކަނޑައެޅި އަގުތަކުގައި ދަތުރު ކުރާ ގޮތަށެވެ. އެ ފަރާތްތަކުން ބުނަނީ އެއީ ޑްރައިވަރުންނަށް ވެސް އަދި އާންމު ރައްޔިތުންނަށް ވެސް އެކަށީގެންވާ އަގެއް ކަމަށެވެ.
ނަމަވެސް ބައެއް ޝަކުވާތައް އެބަހުއްޓެވެ. އެއީ މޮބައިލް އެޕްލިކޭޝަން ބޭނުން ކުރަން މަޖުބޫރު ކުރާ އިރު އެޕް ބޭނުންކުރަން ޑޭޓާ އަޅަން ޖެހެނީ ޑްރައިވަރުން އަމިއްލަ އަށެވެ. އާ އުސޫލާ އެކު ޑްރައިވަރުންނަށް ލިބޭ އާމްދަނީ ކުޑަ ވާއިރު، އަތުން އިތުރު ހަރަދެއް ކުރަން ޖެހުމުގެ ކަންބޮޑުވުން ބައެއް ސެންޓަރުތަކުން ފާޅުކުރި އެވެ.
"ތަރައްގީ ވާ ވަރަކަށް ބަދަލު އަންނާނެ ކަން ގަބޫލު ކުރަން. އެކަމަކު އެޕް ބޭނުން ކުރާ އިރު ޑްރައިވަރުގެ ޖީބުން ހަރަދު ކުރަން ޖެހުން ކަމަކު ނުދޭ. ޑްރައިވަރުންގެ މާލީ ހާލަތު ދަށަށް ދަންޏާ އެއީ ކަމުދާ ގޮތެއް ނޫން. އެކަމަކު އެ ބަދަލު ގެންނަން އޯކޭ. ތަރައްގީ އަކީ އެއީ،" އެއް ޑްރައިވަރަކު ބުންޏެވެ.
އަމިއްލަ ކާރުތަކަށް ޕްރައިވެޓް ހަޔާގެ ގޮތުގައި ޓެކްސީ ކުރުމުގެ ހުއްދަ އާ އުސޫލުގެ ދަށުން ލިބިދެވޭތީ ވެސް ބައެއް ޑްރައިވަރުން އަންނަނީ ޝަކުވާ ކުރަމުންނެވެ. އެއީ އެފަދަ ފަރާތްތަކުން ޓެކްސީގެ ގޮތުގައި ރަޖިސްޓްރީކޮށް، ޓެކްސީ ބޯޑު ހަރުކޮށް، ފީއެއް ދައްކަން ނުޖެހޭތީ އެވެ.
ނަމަވެސް ވަކި ވަކި ޑްރައިވަރުން ބުނަނީ ސެންޓަރުތަކުން އެގޮތަށް އެއްބަސްވި ނަމަވެސް އެމީހުން އެގޮތަށް އެއްބަސް ނުވާނެ ކަމަށެވެ. އަދި އިހްތިޖާޖަކަށް ނުކުންނަން ވެސް ބައެއް ޑްރައިވަރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި މީގެ ފަހުން ޓެކްސީތަކުގެ ޑިކީ ތަޅުލާފައި ބަހައްޓާނެ ކަމަށް ވެސް ބައެއް ޑްރައިވަރުން ވަނީ ބުނެފަ އެވެ.
"އެއްވެސް ކާރެއް ނޯންނާނެ ޓެކްސީ ކުރާ، ސަރުކާރުން ދީގެން ދަތުރުކުރާ. ސަރުކާރުން ހަރަދު ކުރާ. ކޮންމެ އަގެއް ކަނޑައެޅިޔަސް މިތަނުގެ ޓެކްސީތަކުން ކުރާނީ ހަމަ 100 އަށް،" އެއް ސެންޓަރުން ބުންޏެވެ.
ނަމަވެސް ޑްރައިވަރުންގެ އެސޯސިއޭޝަންގެ ވަގުތީ ރައީސް އަބްދުﷲ އިބްރާހިމް ވިދާޅުވީ ޓެކްސީ ސެންޓަރުތަކުގެ ވިސްނުން ހުރީ މަޝްވަރާ ކޮށްގެން ހައްލެއް ގެނައުމަށް ކަމަށެވެ.
އާ އުސޫލާ އެކު ހިދުމަތް ހޯދާ މީހުންނަށް ޖެއްސުން ކުރުމުގެ ކަންތައްތަކެއް ވެސް ޓެކްސީ ޑްރައިވަރުން ވަނީ ފަށައިފަ އެވެ. އުސޫލު އާންމު ކުރި ފަހުން ޓެކްސީ އަކުން ވަނީ މާލެ އިން ހުޅުމާލެ އަށް ކުރި ދަތުރެއްގައި ހުޅުމާލެ ފެށޭ ހިސާބަށް ޓެކްސީ މަޑު ކުރުމަށްފަހު، ކާރުން ފޭބުމަށް ފަސިންޖަރަށް އަންގައިފަ އެވެ. ދަތުރަށް އަރާ 75 ރުފިޔާ އަކީ ބުރިޖު ހުރަސް ކުރަން ނަގާ އަގު ކަމަށާއި، ހުޅުމާލެ ތެރޭގައި ދަތުރެއް ކުރެވޭނީ އިތުރު 25 ރުފިޔާ ދިނުމުން ކަމަށް އޭނާ ޝަރުތުކުރި އެވެ.
ޓެކްސީ ޑްރައިވަރުންގެ ކަންތައް ހުރި ހިސާބަކީ މިއީއެވެ. ކޮންމެ ގޮތެއް ހަދާފައި ވެސް އެ 100 ރުފިޔާ މި މީހުން ހޯދާނެ އެވެ. އެމީހުންގެ މައްޗަށް ހިނގާ ގާނޫނެއް ނެތީ ހެއްޔެވެ؟ މިއީ މިއަދު ރައްޔިތުން ކުރަމުން އަންނަ ސުވާލެކެވެ. މި ސުވާލަށް ވެސް ޖަވާބު ދެނީ ވެސް ހަމަ މި ޑްރައިވަރުންނެވެ.
"ގާނޫނުގައިވާ ގޮތުން އަގު ބޮޑުކޮށް ދުއްވައިގެން ވެސް އެންމެ ބޮޑު ވަރަކަށް ވެސް 750 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނީ. ލައިސެންސެއް ހުއްދައެއް ވެސް ނުހިފެހެއްޓޭ ގާނޫނަކުން،" ޑްރައިވަރަކު ބުންޏެވެ.
އެއްގަމު ދަތުރުފަތުރުގައި ހުރި މިފަދަ ބާގަނޑުތައް ހޯދައި، ޓެކްސީ ޑްރައިވަރުން މި އަންނަނީ އެކަމުގެ ފައިދާ ނަގަމުންނެވެ. އަދި އެމީހުން ބޭނުން ގޮތަކަށް މޮޑޭ ފުއްގަނޑަކަށް ޓެކްސީ ކުރުމުގެ ވިޔަފާރި މިވަނީ ހަދައިފަ އެވެ. މިހާތަނަށް ޑްރައިވަރުން ބޮޑާ ހާކާލި ކޮންމެ ފަހަރަކު ސަރުކާރުން ވެސް ވަނީ ކުޑަ ކަކޫ ޖަހައިފަ އެވެ.
ނަމަވެސް މި މައްސަލައިގައި އާންމުން ވެސް މިފަހަރު ތިބީ ދޫ ދޭގޮތަށް ހެނެއް ހިޔެއް ނުވެއެވެ. ބައެއް އާންމުން ސޯޝަލް މީޑިއާއަށް ބަންޑުން ކުރި ހިޔާލުތަކުން އެނގޭ ގޮތުން ޓެކްސީ ޑްރައިވަރުން ޗާޓަށް ވައްދަން އާންމުން މަސައްކަތް ކުރަން ޖެހެ އެވެ. ޓެކްސީ ޑްރައިވަރުންނަކީ ވެސް އުސޫލުތަކުން މާ މަތީގައި ތިބެވޭނެ ބަޔަކަށް ނުވާނެ އެވެ.
"ޓެކްސީ ޑްރައިވަރުންނަށް ހީވަނީ އެމީހުން އެކަންޏޭ ކާން ބޯން މަސައްކަތް ކުރާ ބަޔަކަށް މި ގައުމުގަ އުޅެނީ. އެމީހުންނަށް ލާރިކޮޅެއް މަދުވާ އިރަށް ކޮންމެ ފަހަރަކު ނުކުމެ މުޒާހަރާ ކުރަނީ މި. ރައްޔިތުން ޓެކްސީތައް ދުއްވިޔަ ނުދީ މަގު ބަންދުކޮށްލައިގެން މުޒާހަރާ ފަށައިފިއްޔާ ދެން އެމީހުން ކީއްކުރާނީ؟" ބަސް ސްޓޮޕްގައި މަޑުކޮށްލައިގެން ހުރި އަންހެނަކު ބުނީ މިހެންނެވެ.
އައިޖީއެމްއެޗް އިން މީހަކު ނަގައިގެން ހުޅުމާލެ ބާބަކިއު ސަރަހައްދަށް ދާން 75 ރުފިޔާ އަކީ މާބޮޑަށް ކުޑަ އަގެއް ކަމަށް ބުނެ ޑްރައިވަރުން ޝަކުވާ ކުރަމުން އަންނަ އިރު، މާލޭގައި ހުންނަ ހުޅުމާލެ ފެރީ ޓާމިނަލް އިން އޭޑީކޭ ހޮސްޕިޓަލަށް މީހަކު ގޮވައިގެން ދާން 25 ރުފިޔާ ނަގަން ޑްރައިވަރުންނަށް މައްސަލައަކަށް ނުވެ އެވެ. ސަބަބަކީ އެއީ ހަމަޖެހިފައި އޮތް ރޭޓު ކަމަށް ވާތީ އެވެ. ލިބޭ ފައިދާ ބޮޑުވާތީ އެވެ. ނަމަވެސް މިއީ އާންމު ރައްޔިތު މީހާއަށް ބޮޑު އެއްޗެކެވެ.
"ޓެކްސީ ދުއްވާ މީހާ އާ ޓެކްސީއަށް އަރާ މީހާ އާ ދެމީހުން ވެސް ދިރިއުޅެން ޖެހޭ. ދެ މީހުން ވެސް އުޅެނީ ކުލި ދައްކާ އަދި ކުދިން ސްކޫލަށް ފޮނުވާ އެހެން ހަރަދުތައް ވެސް ކޮށްގެން. އަބަދު ބަސް ކިޔާ މީހަކީ އެކަކަށް ވާން ނުޖެހޭ. ހިދުމަތެއްގައި ދެފަރާތުގެ ބަސް އޮންނަން ޖެހޭ،" ޓުވިޓާގައި މީހަކު ބުނެފައިވެ އެވެ.
ހުޅުމާލޭ ޓެކްސީ ސެންޓަރަކުން ބުނީ، 100 ރުފިޔާ އަށް ދަތުރުކުރާއިރު އެއްވެސް ފަސިންޖަރަކު އަގުބޮޑުވެގެން ޝަކުވާ ނުކުރާ ކަމަށެވެ. އެހެން ވީމާ އެއީ ބަދަލު ކުރަން ނުޖެހޭ އަގެއް ކަމަށް ޑްރައިވަރުން ގަބޫލު ކުރަނީ އެވެ. ނަމަވެސް އާންމުން ބުނަނީ، އެމީހުން ކީ ކޮންމެ އަގެއް ވަރިހަމަ ވެގެން ދަތުރު ކުރަނީ އެ ނޫން ގޮތެއް ނެތިގެން މަޖުބޫރު ވެގެން ކަމަށެވެ.
ނަމަވެސް އާ އުސޫލާ އެކު ޕްރައިވެޓް ހަޔާގެ ގޮތުގައި އަމިއްލަ ފަރާތްތަކަށް ވެސް ޓެކްސީ ކުރުމުގެ ހުއްދަ މިވަނީ ލިބިފަ އެވެ. ޓެކްސީ ސެންޓަރު ތަކުން ހިދުމަތް ދޭން އިންކާރު ކޮށްފިނަމަ، ޕްރައިވެޓް ކާރުތައް ވެސް މިހާރު ހަމަ އެ ހިދުމަތަށް ނިކުންނަންވީ އެވެ. ޕްރައިވެޓް ކާރުތަކުން ހިދުމަތް ދޭނީ ޓެކްސީ އެޕްލިކޭޝަން މެދުވެރިކޮށް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅައިފައިވާ ގަވާއިދުތަކާއި އެއްގޮތަށް، އެ އަގުގައެވެ. އެހެންކަމުން ސަރުކާރުން ކަނޑައެޅި އަގުތަކާ މެދު ރައްޔިތުން ތިބީ ހިތް ހަމަ ޖެހިގެންނެވެ. "ދެ ލާރި ދޭން ޖެހޭ ތަނަކަށް އެއް ލާރި ހޭދަކުރަން ޖެހުމުން" ކޮންމެ މީހަކަށް ވެސް ރަނގަޅު ވާނެ އެވެ.
ސަރުކާރުން އެއްވެސް ވަރަކަށް ދޫ ނުދީ މި ފަހަރު މި ގެނައި ބަދަލު ދަމަހައްޓައިފި ނަމަ، ހަމަގައިމުވެސް ޓެކްސީ ޑްރައިވަރުންގެ މުށް ދޫވެގެން ދާނެ އެވެ. އަދި ދެ ފަރާތަށް ވެސް ގެއްލުން ނުވާ، ހަރުދަނާ އުސޫލެއްގެ ދަށުން މިކަން ކުރިއަށް ގެންދެވޭނެ އެވެ.