ޓަގް ބޯޓެއްގައި ފިލައިގެން ދިއުމުން ހައްޔަރުކޮށްގެން ގެނެސްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބަންދާ މެދު ގޮތް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކޮށްފި އެވެ.

ޝިޕް ހުރަވީގައި އަދީބު ރާއްޖެ ގެނެސް މިރޭ އެވެ. އަދި މިރޭ ވަނީ ޝަހީދު ހުސައިން އާދަމް ބިލްޑިންގްއަށް ހާޒިރުކޮށްފަ އެވެ.

ބަންދާމެދު ގޮތް ނިންމަން އަދީބު ކްރިމިނަލް ކޯޓަށް ކުޑައިރުކޮޅެއްގެ ތެރޭގައި ހާޒިރު ކުރާނެ ކަމުގެ މައުލޫމާތު ލިބެ އެވެ. އަދީބުގެ ބަންދާ މެދު ގޮތް ނިންމާ މުއްދަތު މަޖިލީހަށް ވަންނަން ބޭނުންވާ ފަރާތްތަކުގެ ނަންތައް މިހާރު ކްރިމިނަލް ކޯޓުން ވަނީ ނޯޓުކޮށްފަ އެވެ.

އަދީބު ގަނޫނާ ހިލާފަށް ހައްޔަރުކޮށްފައިވާ ކަމަށް ބުނެ އެ މައްސަލަ އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަންއަށް ހުށަހަޅަން އޭނާގެ ބައިނަލްއަގުވާމީ ވަކީލުންގެ ޓީމުން ވަނީ ނިންމާފަ އެވެ.

އަދީބުގެ ގާނޫނީ ޓީމުން މިރޭ ނެރެފައިވާ ބަޔާނުގައި ބުނީ، އަދީބު އިންޑިއާގެ ހިމާޔަތަށް އެދިފައިވަނިކޮށް އޭނާގެ ގާނޫނީ ވަކީލުންނާ ވާހަކަ ދެއްކެވުމުގެ ފުރުސަތު ނުދީ، ދިވެހި ފުލުހުންނާ ހަވާލުކޮށްފައި ވަނީ، ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންޑިއާގެ ގާނޫނުތަކާ ހިލާފަށް ކަމަށެވެ.

ގާނޫނީ ޓީމުން ބުނެފައިވަނީ އަދީބު ދަތުރުކުރި ޓަގު ބޯޓު ސޫތުކުޅި ބަނދަރުގައި އޮތް އިރު އަދީބުއާ ވާހަކަ ދެއްކުމުގެ ފުރުސަތު ލިބުނު ކަމަށާއި ނަމަވެސް އޭގެ ފަހުން އެ ފުރުސަތު ނުލިބޭ ކަމަށެވެ. އަދި ވާގޯ 9 ބޯޓު އޮތީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި ކަމަށް އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން ބުނި ނަމަވެސް، ޓަމިލް ނާޑޫގެ ނޫސްވެރިންގެ ފަރާތުން ލިބުނު ފޮޓޯތައް ދައްކާ ގޮތުގައި އެ ބޯޓު އޮތީ ސޫތުކުޅި ބަނދަރާ 500 މޭލު ދުރުގައި ކަމަށް ގާނޫނީ ޓީމުން ބުންޏެވެ.