ސިޑްނީ (އޮގްސްޓް 4) : އޭޝިޔާގެ ބައެއް ގައުމުތަކުގައި މެދުރާސްތާ މިސައިލް ރުކުރުވާލަން އެމެރިކާ ބޭނުންވާ ކަމަށް އެގައުމުގެ ދިފާއީ ވަޒީރު މާކް އެސްޕާ ވިދާޅުވެއްޖެއެވެ.

އޮސްޓްރޭލިއާ އަށް ކުރައްވާ ދަތުރުފުޅެއްގައި ދެއްވި ބަޔާނެއްގައި އެސްޕާ ވިދާޅުވީ އޭޝިޔާގެ ބައެއް ގައުމުތަކުގައި މެދުރާސްތާ މިސައިލް ރުކުރުވާލަން އެމެރިކާ ބޭނުންވަނީ އެމެރިކާގެ މަސްލަހަތު ހިމާޔަތް ކުރުމަށާއި އެމެރިކާގެ ބައިވެރިންގެ ދިފާއު ވަރުގަދަ ކުރުމަށެވެ. އެސްޕާ ގެ ވާހަކާގައި މެދު ރާސްތާ މިސައިލް އެމެރިކާއިން ރުކުރުވާލާނީ އޭޝިއާގެ ކޮން ގައުމުތަކެއް ގައިކަން ހާމަކުރައްވާފައެއް ނުވެއެވެ.

އެމެރިކާ މިދިޔަ ހަފްތާގައިވަނީ ކުރީގެ ސޮވިއެޓް ޔުނިޔަން އާއެކު 1987 ގައި ސޮއިކުރި "އިންޓާމީޑިއަޓް ރޭންޖް ނިއުކްލިޔާ ފޯސަސް ޓްރިޓީ" ނުވަތަ (އައިއެންއެފް) މުއާހަދާއިން ވަކިވެފައެވެ. 1987 ގައި ވުޖޫދަށް ގެނައި އައިއެންއެފް މުއާހަދާގައި އޭރުގެ ސޮވިއެޓް ޔުނިޔަންގެ ފަރާތުން ސޮއިކުރެއްވީ ސޮވިއެޓް ޔުނިޔަންގެ އެންމެ ފަހުގެ ރައީސް މިޚައިލް ގޮރްބަޗޯވްއެވެ. އެމެރިކާގެ ފަރާތުން ސޮއިކުރެއްވީ އޭރުގެ އެމެރިކާގެ ރައީސް ޑޮނަލްޑް ރޭގަންއެވެ.

އައިއެންއެފް މުއާހަދާއިން އެމެރިކާ ވަކިވީ ރަޝިޔާއިން އެބާވަތުގެ އައު މިސައިލް އުފެއްދުމުގެ ރީސާޗްތައް 2017 ވަނަ އަހަރުން ފެށިގެން ކުރިޔަށް ގެންދާތީ އެކަމަށް ރައްދު ދިނުމުގެ ގޮތުންކަމަށް އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިން ބުނެފައިވެއެވެ. އައިއެންއެފް އިން އެމެރިކާ ވަކިވެފައިވާތީ މެދު ރާސްތާގެ މިސައިލް އޭޝިޔާގައި ރުކުރުވާލަން މިހާރު އެމެރިކާ އަށް އެއްވެސް ހުރަހެއްނެތް ކަމަށް އެސްޕާ ވިދާޅުވިއެވެ. މީގެއިތުރުން އޭނާވަނީ އައު ބާވަތްތަކުގެ ނިއުކްލިޔާ މިސައިލް އުފެއްދުމުގެ މަސައްކަތްވެސް ދެން އެމެރިކާ ކުރާނެކަމަށް ވިދާޅުވެފައެވެ.

އޭޝިޔާގެ ބައެއް ގައުމުތަކުގައި މެދުރާސްތާ މިސައިލް ރުކުރުވާލުމުގައި އެމެރިކާގެ އަމާޒަކީ ސީދާ ޗައިނާ ކަމަށް އޮބްޒާވަރުން ވިދާޅުވެއެވެ. އަދި އެމެރިކާގެ މަގްސަދަކީ އޭޝިއާގައި މެދު ރާސްތާގެ މިސައިލް ރުކުރުވާލައިގެން ޗައިނާއަށް ޖެއްސުން ކުރުމާއި ފިއްތުންތައް ކުރިމަތިކުރުން ކަމަށްވެސް އެފަރާތްތަކުން ދެކެއެވެ.

އެމެރިކާގެ މަސްއޫލުވެރިން ދާދިފަހުންވަނީ ދެކުނު ޗައިނާ ކަނޑާއި އޭޝިޔާ ޕެސިފިކް ސަރަހައްދުގައި ޗައިނާ އަސްކަރީ ބާރުގަދަ ކުރަމުން ގެންދާކަމަށް ވިދާޅުވެ ކަންބޮޑުވާކަން ފާޅުކުރައްވާފައެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ކުރު ރާސްތާއާއި މެދު ރާސްތާގެ ނިއުކްލިޔާ މިސައިލް ކޮންޓްރޯލް ކުރުމުގެ މުއާހަދާއެއް އަލުން އެކުލަވާލާނަމަ އޭގައި ޗައިނާވެސް ޝާމިލް ކުރަންޖެހޭ ކަމަށްވެސް ވިދާޅުވެފައެވެ.

ނަމަވެސް އޭޝިއާގައި އަސްކަރީ ބާރު އިތުރަށް ފުޅާކުރުމަކީ އެމެރިކާގެ އަސްކަރީ ޚަރަދުތައް އިތުރަށް ބޮޑުވެ އެމެރިކާގެ އިގްތިސާދަށް ބާރު ބޮޑުވެގެންދާނެ ކަމެއް ކަމަށް ތަޖްރިބާކާރުން ދެކެއެވެ. މިޙާރުވެސް އެމެރިކާގެ އިގްތިސާދަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ދުނިޔޭގެ ކަންކޮޅު ތަކުގައި އަސްކަރީ ބާރު ގަދަކޮށް ހަންފެތުރުމުގެ ކަންތައް ކުރިޔަށް ދިޔުމެވެ. މިކަމުގެ ސަބަބުން މަދަނީ އެތަށް ސިނާއަތެއްގައި އެމެރިކާ މިޙާރުވަނީ ދަށަށްދާން ފަށާފައެވެ. އަދި އެމެރިކާގ މަދަނީ ތަރައްގީއާއި މަދަނީ އިންފްރާސްޓްރަކްޗާ ވެސް ވަނީ ބަލިކަށިވާން ފަށާފައެވެ.

1987 ގައި އެމެރިކާއާއި ކުރީގެ ސޮވިއެޓް ޔުނިޔަން އިން ސޮއިކުރި "އިންޓާމީޑިއަޓް ރޭންޖް ނިއުކްލިޔާ ފޯސަސް ޓްރިޓީ" (އައިއެންއެފް) މުއާހަދާއިން އެމެރިކާ ވަކިވުމުން ރަޝިޔާ އާއި ޗައިނާއިން ވަނީ އެމެރިކާ ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. އޭރުގެ ސޮވިއެޓް ޔުނިޔަންގެ ފަރާތުން އެމުއާހަދާގައި ސޮއިކުރެއްވި އެގައުމުގެ އެންމެ ފަހުގެ ރައީސް މިޚައިލް ގޮރްބަޗޯވް އިއްޔެވަނީ އެ މުއާހަދާއިން އެކަހެރި ގޮތެއްގައި އެމެރިކާ ވަކިވުމަކީ ދުނިޔޭގައި ނިއުކްލިޔާ ނުރައްކާ އަލުން އިތުރުވެ ހަތިޔާރުގެ އައު ވާދަވެރިކަމެއް ފެށިގެންދާނެ ކަމެއް ސިފަކުރައްވައި އެކަމުގެ ސަބަބުން ދުނިޔޭގައި ހަމަނުޖެހުން އުފެދުމަށް މަގުފަހިވެގެން ދާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

ދުނިޔެއަށް އޮތް ނިއުކްލިޔާ ނުރައްކާ އައިއެންއެފް މުއާހަދާގެ ގެ ސަބަބުން ކުޑަކުރެވުނު ކަމަށާ އެ މުއާހަދާއިން އެމެރިކާ ވަކިވުމުން މިކަން އަނެއްކޮޅަށް ޖެހިގެން ދިޔުމުގެ ބިރު ބޮޑު ކަމަށްވެސް އުމުރުފުޅުން 88 އަހަރުގެ ގޮރްބަޗޯވް ވިދާޅުވިއެވެ. (ނޫސްއެޖެންސީތައް)