04 Aug 2019, 21:07
ރ. އަލިފުށީގައި ބޭންކް އޮފް މޯލްޑިވެސް (ބީއެމްއެލް)ގެ އޭޓީއެމްއެއް ސެންޓަރެއް ގާއިމުކޮށްފި އެވެ.
ބީއެމްއެލް މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަލިފުށީގައި ބެހެއްޓި އޭޓީއެމް މެދުވެރިކޮށް ފައިސާ ދެއްކުމާއި ފައިސާ ޖަމާ ކުރުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ވެސް 24 ގަޑިއިރު ލިބިގެންދާނެ ކަމަށެވެ.
ބީއެމްލްގެ ދެ ބްރާންޗުގެ ހިދުމަތް ރ. އަތޮޅުގައި ދެމުން ދާ ކަމަށް އެ ބޭންކުން ބުންޏެވެ. އަދި ދެ އޭޓީއެމްގެ އިތުރުން ކޮންމެ ރަށެއްގެ ކޭޝް އެޖެންޓް މެދުވެރިކޮށް ބޭންކުގެ ހިދުމަތް ދެމުންދާ ކަމަށް ބުންޏެވެ.
"މި ހުޅުވުނު ޒަމާނީ ސެލްފްސާވިސް ބޭންކިންގް ސެންޓަރު މެދުވެރިކޮށް އަލިފުށީގެ ރައްޔިތުންނަށް ބޭންކިންގް ޚިދުމަތް ފޯރުކޮށްދެވޭ ކަމީ އަޅުގަނޑުމެނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މިއީ މުޅި ރާއްޖެ އަށް އަމާޒުކޮށް ބޭންކިންގް ޚިދުމަތް ފުޅާކޮށް، ފަރުދުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާ އެކު ޚިދުމަތް ލިބޭނެ ގޮތް ހެދުމަށް ބޭންކުން ފަށާފައިވާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެއް." ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީންއާ ހަވާލާދީ ބޭންކުން ބުންޏެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގް ވިއުގަޔަކާ އެކު 20 އަތޮޅުގައި 37 ބްރާންޗް، 46 ސެލްފްސާވިސް ބޭންކިންގް ސެންޓަރު، 108 އޭޓީއެމް، 5400 ޕީއޯއެސް މަރޗަންޓުން، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގް ހިދުމަތާ އެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން
ފޯރުކޮށްދިނން ކަމަށް އެ ބޭންކުން ބުނެ އެވެ.