މާލޭގައި މީހަކު ރަހީނުކޮށްގެން ގެންގުޅުނު މައްސަލާގައި ދެ މީހަކު މިއަދު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މީހަކު ރަހީނު ކުރި މައްސަލާގައި 19 އަހަރު އަދި 22 އަހަރުގެ ދެ ފިރިހެނުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެމީހާ ހައްޔަރުކޮށްގެން ގެންގުޅުނީ މާލޭގެ ގެއެއްގައި ކަމަށް ފުލުހުން ބުނެ އެވެ.

އެމައްސަލާގައި ދެ ފިރިހެނުން ފުލުހުން ހައްޔަރުކޮށްފައިވަނީ މިއަދު ހެނދުނު އެވެ.

ގާނޫނުލްއުގޫބާތު ބުނާގޮތުން މީހެއްގެ ރުހުމެއްނެތި އެކަށީގެންވާ މުއްދަތަށް މީހަކު ހިފަހައްޓައިގެން ގެންގުޅުމަކީ ކުށެކެވެ. އެކުށުގެ އަދަބު ދަރަޖަކުރާ މިންގަނޑުތަކެއްވެސް ހުރެ އެވެ.

އެގޮތުން މީހަކު ލައްވާ އެ މީހާގެ އިހްތިޔާރުން ބޭރުގައި ގަދަކަމުން މަސައްކަތެއް ކުރުވުމުގެ މަގްސަދުގައި މީހަކު ހިފަހައްޓައިފި ނަމަ އެއީ ޖިނާއަތުގެ ތިން ވަނަ ދަރަޖައިގެ ކުށެކެވެ. އޭގެން ދެވޭ އެންމެ ބޮޑު އަދަބަކީ އަށް އަހަރަށް ޖަލަށް ލުމެވެ.

ކަނޑއެޅިގެން އެނގިހުރެ އެއް ދުވަހަށްވުރެ ދިގުމުއްދަތަކަށް މީހަކު ހިފަހައްޓައިފި ކަމުގައިވާނަމަ އެ ކުށަކީ ޖިނާއަތުގެ ހަތަރުވަނަ ދަރަޖައިގެ ކުށެކެވެ. އޭގެން ދެވޭ އެންމެ ބޮޑު އަދަބަކީ ހަތަރު އަހަރަށް ޖަލަށް ލުމެވެ. އެނޫން ހާލަތެއްގައި މީހަކު ހިފަހައްޓައިފި ނަމަ ދެވޭނެ އެންމެ ބޮޑު އަދަބަކީ އެއް އަހަރަށް ޖަލަށް ލުމެވެ.

އޭގެ އިތުރުން މީހަކު ރަހީނުކޮށްގެން ގެންގުޅުމަކީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުންވެސް ކުށެކެވެ.