04 Aug 2019, 17:11
މަނީ ލޯންޑަރިންގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގެ މަރުހަލާގެ ފުރަތަމަ އަޑުއެހުން މިއަދު ވަނީ ބާއްވައިފަ އެވެ. މި އަޑުއެހުމުގައި ވަނީ ޔާމީންގެ ދިފާއީ ހެކި ހުށަހަޅައިފަ އެވެ. އަދި ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިވެރިންގެ ތެރެއިން އޭސީސީގެ ރައީސް މުއައްވިޒު ރަޝީދުގެ ހެކިބަސް ނަގައިފަ އެވެ.
ދިފާއު ބިނާ ކުރަން ހަަތަރު ސުވާލެއް
މިއަޑުއެހުމަކީ ދައުލަތުގެ ފަރާތުން ހުށަހަޅާ ހެކީންގެ ހެކިބަސް ނެގުމަށް ބޭއްވި އަޑުއެހުމެކެވެ. ދައުލަތުގެ ފަރާތުން އަށް ހެކިވެރިން ހުށަހަޅާފައިވީ ނަމަވެސް، މިއަދު ހެކިބަސް ނަގަން ހާޒިރު ކުރެވުނީ އެންމެ މީހެކެވެ. އެއީ އޭސީސީގެ ރައީސް މުއައްވިޒް ރަޝީދު އެވެ.
ހެކިބަސް ނެގުމުގެ ކުރިން ޔާމީންގެ ފަރާތުން ވަނީ ދިފާއު ބިނާ ކުރުމަށް ހުރަސްތަކެއް އެބަ ހުރި ކަމަށް ބުނެ ދައުލަތުގެ ފަރާތުން ދިފާއު ބިނާ ކުރަން ކަންތައްތަކެއް ސާފު ކުރަން އެދިފަ އެވެ. އެގޮތުން ރައީސް ޔާމީންގެ ވަކީލު ޝާހު އަލީ ވަނީ ހަތަރު ސުވާލެއް ކުރިމަތިކުރައްވައިފަ އެވެ. އެ ހަތަރު ސުވާލަކީ:
އެސްއޯއެފް އަކީ މަނީ ލޯންޑަރިން ހިންގި ބައެއްކަން ދައުލަތުގެ އެއްވެސް އިދާރާއަކުން ކަނޑައަޅާފައިވޭތޯ؟
- ދައުވާގައި ބަޔާން ކުރާ އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އިސްލާމިކް ބޭންކް އެކައުންޓަށް ޖަމާވި އިރު އެސްއޯއެފްގެ އެކައުންޓުގައި އިތުރު ފައިސާތަކެއް އެ އެކައުންޓުގައި ހުރިތޯ އާއި އެސްއޯއެފްގެ އެކައުންޓުން ހިނގާފައިވާ މުއާމަލާތަކީ ހަމައެކަނި މި މުއާމަލާތްތޯ؟
- އެމްއެމްއޭއިން އެއްވެސް އިރެއްގައި ބުނެފައިވާނެތޯ އެމްއެމްއޭ މެދުވެރިކޮށް މަނީ ލޯންޑަރިންގެ އަމަލެއް ހިނގާފައި ނުވާނެ ކަމަށް؟
- އެސްއޯއެފްއާ އެމްއެމްޕީއާރްސީއާ ދެމެދު ހެދިފައިވާ ޕްރޮމިސަރީ ނޯޓުތަކުގެ ދަށުންނާއި ލޯނުގެ ގޮތުގައި އެމްއެމްޕީއާރްސީއިން އެސްއޯއެފްއަށް ނަގާފައިވާ ފައިސާ ނަގައިދިނުމަށް އެއްވެސް ކޯޓަކުން ހުކުމެއްކޮށްފައި އޮންނާނެތޯ؟
ދައުލަތުގެ ވަކީލާ އައިޝަތު މުހައްމަދު ފުރަތަމަ ސުވާލަށް ޖަވާބުދެއްވަމުން ވިދާޅުވީ، އެސްއޯއެފް އަކީ މަނީ ލޯންޑަރިން ހިންގި ބައެއްކަން ދައުލަތުގެ އެއްވެސް އިދާރާއަކުން ކަނޑައަޅާފައި ނުވާނެ ކަމަށެވެ. އެކަމަކު، އެއީ ޔާމީންގެ މައްސަލަ ނުބެލޭނެ ސަބަބެއް ނޫން ކަމަށް ވިދާޅުވި އެވެ.
ދެވަނަ ސުވާލުގެ ޖަވާބުގައި އައިޝަތު ވިދާޅުވީ، އެސްއޯއެފްގެ އެކައުންޓުގައި އެހެން ފައިސާތަކެއް ހުރިކަން ލިޔެކިޔުންތަކުން އެނގޭ ކަމަށެވެ.
ތިން ވަނަ ސުވާލުގެ ޖަވާބުގައި އައިޝަތު ވިދާޅުވީ، ރައީސް ޔާމީންގެ ކުށްވެރިވާ ކަމަށް ދައުލަތުން ތުހުމަތު ކުރާ މުއާމަލާތުގައި މަނީ ލޯންޑަރިންގެ އަމަލެއް ހިނގާފައި ވާނެތޯ އެމްއެމްއޭއިން ބުނެފައިވާނެ ކަމެއް ޔަގީން ނުވާ ކަމަށެވެ. އަދި އެފަދަ އެއްޗެއް އެމްއެމްއޭއިން ބުނެފައިވާކަން ފާހަގަވެފައި ނުވާ ކަމަށް ވިދާޅުވި އެވެ. ހަތަރު ވަނަ ސުވާލުގެ ޖަވާބުގައި ވެސް ވިދާޅުވީ، ޔާމީން ކުށްވެރިވާ ކަމަށް ތުހުމަތު ކުރާ މުއާމަލާތާ ގުޅިގެން ހުކުމެއްކޮށްފައިވާކަން އެނގިފައި ނުވާ ކަމަށެވެ.
އޮގަސްޓް 4، 2019: ކުރީގެ ރަައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑްރިންގެ ދައުވާގެ ޝަރީއަތުގެ ދެވަނަ އަޑުއެހުން ބޭއްވުން: ޝަރީއަތާ ދިމާކޮއް ކްރިމިނަލް ކޯޓް ސަރަހައްދަށް ޕީޕީއެމް/ޕީއެންސީ މެމްބަރުން ވަނީ އެއްވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ދިފާއީ ތިން ހެއްކެއް
ޔާމީންގެ ފަރާތުން ހުށަހެޅީ ދިފާއީ ތިން ހެއްކެކެވެ. އެއީ ޝަފަވީ އެއް ހެކިވެރިންނާއި ކިތާބީ ދެ ހެއްކެކެވެ. އެ ހެކިތަކަކީ ދިފާއީ ހެކި ހުށަހެޅުމުގެ ކުރިން ދައުލަތުން ކުރި ސުވާލުތަކާ ގުޅޭ ހެކިތަކެކެވެ.
ޔާމީންގެ ފަރާތުން ހުށަހެޅި ޝަފަވީ ހެއްކަކީ، އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަޒީމާ އާދަމް އެވެ. އަަޒީމާ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ ދައުވާގައި ބުނާ މުއާމަލާތްތައް ކުރީ އެމްއެމްއޭއިން އެއީ ސައްހަ މުއާމަލާތްތަކެއްތޯ ބެލުމަށްފަހުކަން ސާބިތު ކުރުމަށެވެ.
ކިތާބީ ހެކީގެ ގޮތުގައި ޔާމީންގެ ފަރާތުން ހުށަހެޅުއްވީ، އަލްޖަޒީރާގެ ސްޓީލިން ޕެރަޑައިސް ރިޕޯޓާ ގުޅިގެން އެމްއެމްއޭއިން ނެރުނު ނޫސް ބަޔާނެކެވެ. އެ ނޫސް ބަޔާނަކީ އެމްއެމްއޭ މެދުވެރިކޮށް މަނީ ލޯންޑަރިންގެ އަމަލެއް ހިންގާފައި ނުވާނެ ކަމަށް ބުނާ ނޫސް ބަޔާނެކެވެ. ޔާމީންގެ ކުށްވެރިވާ ކަމަށް ތުހުމަތު ކުރާ މުއާމަލާތަކީވެސް ސްޓީލިން ޕެރަޑައިސްގައި ބުނާ ފަދަ މުއާމަލާތެއްކަން ފާހަގަކޮށް، އެ ރިޕޯޓުގައި ބުނާ އެންމެހާ މުއާމަލާތްތައް އެމްއެމްއޭއިން އެ ނޫސްބަޔާާނުގައި ދޮގުކޮށްފައިވާކަން ޔާމީންގެ ފަރާތުން ވަނީ ފާހަގަކޮށްފައެވެ. އަދި އެ ނޫސްބަޔާން ނެރުއްވީ އޭރު އެފްއައިޔޫގެ ވެރިއެއްގެ ގޮތުގައި ހުންނެވި އަބްދުﷲ އަޝްރަފްކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ޔާމީންގެ ފަރާތުން ވަކީލު ޝާހު ވިދާޅުވިއެވެ.
"އެއްވެސް ކަހަލަ މަނީ ލޯންޑަރިންގެ މުއާމަލާތެއް ހިނގާ ނަމަ އެމްއެމްއޭއަށް އެކަން އިނގޭނެ. އަދި އެކަމާ ގުޅޭގޮތުން އަޅަން ޖެހޭ ފިޔަވަޅު އަޅާނެ،" ޝާހު ވިދާޅުވި އެވެ.
ދެވަނަ ކިތާބީ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ އެސްއޯއެފްއާ ދެކޮޅަށް އެމްއެމްޕީއާރްސީއިން ސިވިލް ކޯޓުގައި ކުރި ދައުވާއެއްގެ ގަޒިއްޔާ ނިމުނު ގޮތުގެ ރިޕޯޓެވެ. އެ ރިޕޯޓު ހުށަހަޅަނީ އެމްއެމްޕީއާރްސީ އާއި އެސްއޯއެފްއާ ދެމެދު 10 މިލިއަން ރުފިޔާގެ ސައްހަ މުއާމަލާތްކޮށްފައިވާ ކަމަށާއި، އެސްއޯއެފްއިން ކޮށްފައިވާ ހުރިހާ މުއާމަލާތްތަކަކީ ސައްހަ ނޫން މުއާމަލާތެއް ނޫންކަމަށް ނުބުނެވޭނެކަން ސާބިތު ކުރުމަށެވެ.
މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގެ ތެރޭގައި ރައީސް ޔާމީން --
ޝާހު ވިދާޅުވީ، ޔާމީންގެ އެކައުންޓަށް ވަން ފައިސާ އަކީ އޭގެން މުއާމަލާތް ކުރަން ހުއްދަ ނޫން ފައިސާތަކެއް ނޫންކަން ސާބިތުވާނެ ކަމަށެވެ.
ދައުލަތުގެ ވަކީލާ އައިޝަތު ވިދާޅުވީ ރައީސް ޔާމީން އެކައުންޓަށް ވަން ފައިސާ އަކީ ނުބައި ފައިސާތަކެއް ނޫންކަން ހަމައެކަނި އެ ނޫސްބަޔާނާ ހަވާލާދީ ނުބުނެވޭނެ ކަމަށެވެ. އަދި ހުކުމާ ގުޅޭގޮތުން ވިދާޅުވީ، އެސްއޯއެފްގެ ހުރިހާ މުއާމަލާތްތަކަކީ ހުއްދަ ނޫން މުއާމަލާތްތަކެއް ކަމަށް ދައުލަތުންވެސް ނުބުނާ ކަމަށެވެ. އެކަމަކު، ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ވަން މުއާމަލާތް ހިނގަން ޖެހޭ އެއްވެސް ސައްހަ ސަބަބެއް ނެތް ކަމަށް ގަބޫލު ކުރާ ކަމަށް އައިޝަތު ވިދާޅުވި އެވެ.
ކޮން ފައިސާއެއްކަން އޭސީސީއިން ނުބަލާ، އެކައުންޓް ފްރީޒް ކުރަން ނޭދޭ
ދައުލަތުގެ ފަރާތުން މުއައްވިޒު ހެއްކެއްގެ ގޮތުގައި ހުށަހެޅީ ރައީސް ޔާމީންގެ އިސްލާމިކް ބޭންކް އެކައުންޓަށް ވަން އެއް މިލިއަން ޑޮލަރު ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމަށް ހެދި އެސްކްރޯ އެއްބަސްވުމާއި އެ އެއްބަސްވުމާ ގުޅިގެން އަމަލު ކުރި ގޮތުގެ ތަފްސީލާ ބެހޭގޮތުން ސުވާލު ކުރުމަށެވެ. އަދި އެ އެއްބަސްވުން ހެދިކަން ސާބިތު ކުރުމަށެވެ.
މުއައްވިޒު ވިދާޅުވީ، ރައީސް ޔާމީންގެ އެކައުންޓަށް ވަން ފައިސާއާ ގުޅިގެން އެމަނިކުފާނުގެެ ބަޔާން ނެގުމުން ވިދާޅުވީ، އެއީ ސިޔާސީ ކަންކަމަށް އަދީބު ދެއްވި ފައިސާ ކަމަށެވެ.
އެ ބަޔާން ދިނީ ރައީސް އޮފީހުގެ ކޮޓަރިއެއްގެ ތެރޭގައި ރެކޯޑަރަކާ ނުލަ އެވެ. އަދި ބަޔާން ޑްރާފްޓް ކުރީ ރައީސް އޮފީހުގެ އޭރުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ އެވެ.
އެ މައްސަލައިގައި ހިމެނޭ ދެ މީހަކު ރާއްޖެއިން ބޭރުގައި ތިބުމުން، ޔާމީންގެ ބަޔާން ނެގުމަށް ފަހު މައްސަލަ ބާއްވާފައި އޮތީ ކަމަށް މުއައްވިޒު ވިދާޅުވި އެވެ.
މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި އޭސީސީގެ ރައީސް މުއައްވިޒު ރަޝީދު ހެކިބަސް ދެއްވަނީ ---
މުއައްވިޒު ވިދާޅުވި ގޮތުގައި ޔާމީންގެ އެކައުންޓަށް ވަން ފައިސާ އަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމަށް ނިންމީ އޭސީސީއިން މަޝްވަރާ ކުރުމަށްފަހު އެވެ. އަދި އެ ފައިސާ ދައުލަތުގެ ބެލުމުގެ ދަށަށް ގެނަން އެސްކްރޯ އެކުންޓު ހެދި ކަމަށް އޭނާ ވިދާޅުވި އެވެ. އެސްކްރޯ އެކައުންޓު ހެދީ ފިނޭންސް މިނިސްޓްރީއިން ނަގަން ޖެހޭ ހުއްދައެއް ނަގައިގެން ކަމަށް މުއައްވިޒް ވިދާޅުވި އެވެ.
އެސްކްރޯ އެކައުންޓެއް ހެދީ އެސްކްރޯ އެކައުންޓަކަށް ފައިސާ ހަވާލު ކުރަން ބޭނުންކަމުގެ އިޝާރާތެއް ރައީސް ޔާމީންގެ ފަރާތުން އޭސީސީއަށް ދެއްވުމުން ކަމަށް މުއައްވިޒު ވިދާޅުވި އެވެ. އެ އިޝާރާތް ރައީސް ޔާމީން ދެއްވީ އޭސީސީގެ އޭރުގެ ރައީސް ހަސަން ލުތުފީއަށް ކަމަށް މުއައްވިޒު ވިދާޅުވި އެވެ.
އެކަމަކު، ޔާމީންގެ ފަރާތުން އޭނާގެ ވަކީލު އަބްދުﷲ ސިޔާޒު ވަނީ ކަން ހިނގައި ދިޔައީ އެ ތަރުތީބަށް ނޫން ކަމަށާއި، އެސްކްރޯ އެކައުންޓު ހެދީ އޭސީސީގެ އިސްނެގުމަށް ކަމަށް ލިޔެކިޔުންތަކުގެ ތަރުތީބަށް ބެލުމުން އެނގޭ ކަމަށެވެ.
އެސްކްރޯ އެކައުންޓު ހަދަން ވި އެއްބަސްވުމުގައި، އެ އެކައުންޓަށް ޖަމާ ކުރަން ޖެހޭނީ ރައީސް ޔާމީންގެ އިސްލާމިކް އެކައުންޓަށް ޖަވާމި ފައިސާކަން ބަޔާންކޮށްފައި އޮންނާނެތޯ ދައުލަތުގެ ފަރާތުން ސުވާލު ކުރުމުން މުއައްވިޒު ވިދާޅުވީ، އެ އެއްބަސްވުމުގެ ތިން ވަނަ ނަމްބަރުގެ (ހ)ގައި އެހެން އޮންނާނެ ކަމަށެވެ. އެ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކާފައިވާނެ ކަމަށް ބުނެ ރައީސް އޮފީހުގެ އޭރުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ސޮއިކުރައްވާފައިވާ ސިޓީއެއް އޭސީސީއަށް ލިބުނު ކަމަށް ވެސް މުއައްވިޒު ވިދާޅުވި އެވެ.
މުއައްވިޒު ވިދާޅުވީ އެސްކްރޯ އެކައުންޓަށް ރައީސް ޔާމީން ފައިސާ ޖަމާކުރި ކަމަށް ވިދާޅުވުމުން އެކަން އިތުރަށް ވެރިފައި އޭރު ނުކުރާ ކަމަށެވެ.
އެސްކްރޯ އެކައުންޓަށް ފައިސާ ޖަމާ ކުރި ފަހުން އެމްއެމްއޭގެ އެފްއައިޔޫއިން އެ އެކައުންޓުގެ މައުލޫމާތު ސާފުކުރަން ސިޓީއެއް ފޮނުވި ކަމަށް މުއައްވިޒު ވިދާޅުވިއެވެ. އަދި މައުލޫމާތު ސާފުކޮށްދިން ފަހުން އެ އެކައުންޓާ ގުޅޭ ސަސްޕިޝަސް ޓްރާންސެކްޝަން ރިޕޯޓެއް އެފްއައިޔޫއިން ފޮނުވި ކަމަށް އޭނާ ކިޔައިދިނެވެ. އެސްކްރޯ އެކައުންޓަށް ޖަމާ ކުރީ އެހެން ފައިސާއެއްކަން އެނގުނީ އެ ރިޕޯޓާ ގުޅިގެން އޭސީސީއިން އިތުރަށް ބެލި ބެލުމުން ކަމަށް އޭނާ ކިޔައިދިނެވެ. މުއައްވިޒު ވިދާޅުވީ އޭގެ ފަހުން އޭސީސީއަށް ފާހަގަކުރެވުނު ކަންތައް ފުލުހުންނާ ހިއްސާ ކުރި ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ދިފާއުގެ ފަރާތުން ވެސް ވަނީ މުއައްވިޒާ ގިނަ ސުވާލުތަކެއް ކުރިމަތިކޮށްފައެވެވެ. އެގޮތުން، ޝާހު ވަނީ މި މައްސަލައިގައި މުއައްވިޒު އަމަލުކޮށްފައި ހުރި ގޮތާ ބެހޭގޮތުން ސުވާލުކޮށް، އޭނާގެ ހެކިބަހުގެ ބުރަދަން ދަށްކުރުމަށް މަސައްކަތްކޮށްފަ އެވެ.
ތުހުމަތު ކުރެވޭ ފައިސާއެއް އެއްވެސް ދިމާލަކަށް ބަދަލު ކުރުމަކީ މަނީ ލޯންޑަރިންގެ ގާނޫނުގެ ދަށުން މަނާ ކަމެއްކަން ފާހަގަކޮށް، އެސްކްރޯ އެއްބަސްވުމާ މެދުވެސް ޔާމީންގެ ފަރާތުން މިއަދު ސުވާލު އުފެއްދި އެވެ.
އެސްކްރޯ އެއްބަސްވުމުގައި ގާނޫނާ ހިލާފު އެއްވެސް ކަމެއް ނުކުރުމަށް މާއްދާއެއް ހިމަނާފައިވާ ކަން ފާހަގަކޮށް، އެސްކޮރޯ އެކައުންޓަށް އިސްލާމިކް ބޭންކް އެކައުންޓުން ނޫން އެހެން އެކައުންޓަކުން ފައިސާ ޖަމާކުރަން ޖެހުނީ އެހެންވެ މިއަދުގެ އަޑުއެހުމުގައި ޔާމީން ވަނީ ވިދާޅުވެފަ އެވެ. އެކަމަށް ބާރު ހޯއްދެވުމަށް، އިސްލާމިކް ބޭންކުން ފައިސާ ނެގުމަކީ ގާނޫނާ ހިލާފު ކަމަކަށް ނުވާނެތޯ ޔާމީން މުއައްވިޒުއާ ސުވާލުކުރެއްވި އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީން މުއައްވިޒްއާ ސުވާޅު ކުރައްވަނީ --
އެސްކްރޯ އެއްބަސްވުމާ އެއްގޮތަށް އޭސީސީއަށް އަމަލުކުރެވިފައިވޭތޯވެސް ރައީސް ޔާމީން ސުވާލުކުރެއްވި އެވެ. އެގޮތުން، އެއްބަސްވުމުގައި ބުނާ ގޮތަށް، އެ ފައިސާ އަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާކަން 12 މަސް ދުވަހުގެ ތެރޭގައި ކަށަވަރުވެފައިވޭތޯ ޔާމީން ސުވާލު އުފެއްދެވި އެވެ. ޖަވާބުގައި މުއައްވިޒު ވިދާޅުވީ، އެގޮތަށް ނުނިންމުނީ އެކަމުގެ ތެރެއަށް އެހެން ކަންތައްތަކެއް ވަނުމުން ކަމަށެވެ.
ޔާމީންގެ އެކައުންޓް ފްރީޒް ނުކުރީ ކީއްވެތޯ މިއަދު ދިފާއުންވެސް އަދި ޝަރީއަތުންވެސް ވަނީ ސުވާލު އުފައްދައިފަ އެވެ. މުއައްވިޒު ވިދާޅުވީ، ފުލުހުންވެސް އެކައުންޓް ފްރީޒް ކުރަން މަސައްކަތްކޮށް ނާކާމިޔާބުވީ ކަމަށެވެ. އަދި ކޮމިޝަނުން އެކައުންޓް ފްރީޒް ކުރަން ކޯޓު އަމުރެއް ހޯދަން ނިންމާފައި ނެތީ ކަމަށެވެ.
"ކޮމިޝަނުގެ ނިންމުމެއް ނެތި ކޯޓު އަމުރެއް ހޯދާކަށް ނުދެވޭނެ،" މުއައްވިޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ކޯޓު އަމުރެއް ހޯދުމާ ގުޅޭގޮތުން ކޮމިޝަނުން މަޝްވަރާވެސް ކުރި ކަމަށެވެ.
ދެން މި މައްސަލާގައި އޮންނަ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ގިނަ ހެކިން ހާޒިރުކޮށް ހެކި ބަސް ނަގާނެ ކަމަށް މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވި އެވެ.
ބާކީ ތިބި ހެކިވެރިން
އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ
- ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
- ކުރީގެ ޓްއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު
- އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ، އަބްދުﷲ ޒިޔަތު
- ބީއެމްއެލްގެ ބޯޑް މެމްބަރު މުހައްމަދު ލުވެއިޒް
- ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް
- މުހައްމަދު ވަސީމް އިސްމާއިލް