04 Aug 2019, 19:06
ސްރީނަގަރް (އޮގަސްޓް 4): ކަޝްމީރުގެ އިންޑިއާފަޅި ކަމަށްވާ ޖަންމޫ ކަޝްމީރަށް ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭކަމުގެ ޖާސޫސީ މައުލޫމާތު ލިބިފައިވާކަން އިންޑިއާ ސަރުކާރުން ހާމަކުރުމާ ގުޅިގެން ކަޝްމީރުގެ އެތަށް ހާސްބައަކު އެ ސްޓޭޓް ދޫކޮށް، އެހެން ސްޓޭޓްތަކަށް ބަދަލުވާން ފަށައިފިއެވެ.
'ޖަންމޫ ކަޝްމީރަށް ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭކަމުގެ ޖާސޫސީ މައުލޫމާތު ލިބިފައިވާކަން ހާމަކުރެއްވި އިންޑިއާގެ މައިސަރުކާރުގެ މަސްއޫލުވެރިން ވިދާޅުވެފައިވަނީ ޓެރަރިސްޓް ހަމަލާ ދިނުމަށް މަސައްކަތްކުރަނީ ޕާކިސްތާނުގެ ތާއީދުލިބޭ ހަނގުރާމަވެރިންނެވެ. ނަމަވެސް ޖަންމޫ ކަޝްމީރަށް ހަމަލާދޭން އުޅެނީ ކޮންޖަމާއަތަކަށް ނިސްބަތްވާ ހަނގުރާމަވެރިން ކަމެއް އަދި ދޭން އުޅެނީ ކޮންބާވަތެއްގެ ހަމަލާއެއްކަން އިންޑިއާގެ މަސްއޫލުވެރިން ވިދާޅުވެފައެއް ނުވެއެވެ.
އިންޑިއާގެ މައިސަރުކާރުގެ މަސްއޫލުވެރިން ވިދާޅުވެފައިވަނީ ހަމަލާ ދޭން އުޅެނީ ޖަންމޫ ކަޝްމީރުގައި ހިންދޫން ބާއްވާ ހިންދޫންގެ ދީނީ އަޅުކަމަކާ ދިމާކޮށްކަމަށާ ހަމަލާދޭން ރާވާފައިވަނީ ކަޝްމީރުގެ ޕާކިސްތާން ފަޅިކަމަށްވާ އާޒާދެ ކަޝްމީރުގައި ހަރަކާތްތެރިވާ ޕާކިސްތާނުގެ މަދަދު ލިބިފައިވާ ހަނގުރާމަވެރިންނެވެ.
އިންޑިއާގެ ޖާސޫސީ ފަރާތްތަކާ ހަވާލާދީ އެގައުމުގެ ބައެއް މަސްއޫލުވެރިން ދެއްވި މި އިންޒާރުގެ މެސެޖާއެކު ކަޝްމީރުގައި ބިރުވެރިންކަން އުފެދިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ކަޝްމީރުގެ އާންމު ރައްޔިތުންގެ އިތުރުން ބޭރާއި އެތެރޭގެ ފަތުރުވެރިންނާއެކު 200 ހާހަށްވުރެ ގިނަ މީހުން ޖަންމޫ ކަޝްމީރުން ފައިބަން އުޅޭއިރު މަގުތަކާއި ރޭލްތަކާއި ބަސްތައްފަދަ ޓްރާންސްޕޯޓް ވަސީލަތްތަކަށް ބާރުބޮޑުވެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. މިއާއެކު ޖަންމޫ ކަޝްމީރުގައިވަނީ ސަލާމަތީ ފިޔަވަޅުތައްވެސް ވަރުގަދަ ކޮށްފައެވެ.
ޔޫރަޕްގެ ބައެއް ގައުމުތަކުންވެސް ވަނީ ކަޝްމީރަށް ދަތުރު ނުކުރުމަށް އެގައުމުތަކުގެ ރައްޔިތުންނަށް ގޮވާލާފައެވެ.
ޕާކިސްތާނުން ވަނީ އެގައުމުގެ ތާއީދުލިބޭ ފަރާތްތަކުން އިންޑިއާ އަށް ހަމަލާދޭން އުޅޭކަމަށްބުނެ އިންޑިޔާ އިންކުރަނީ ދޮގު ތުހުމަތުތަކެއް ކަމަށް ބުނެ އެކަމަށް އިންކާރުކޮށްފައެވެ. (ނޫސްއެޖެންސީތައް)