04 Aug 2019, 16:42
ލ. މާބައިދޫ އަދި ށ. ކޮމަންޑޫ ބަނދަރު ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލު ކޮށްފި އެވެ.
ދެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފައި ވަނީ އެކަމަށް ޓަކައި މިއަދު ޕްލޭނިން މިނިސްޓްރީގައި ކުރިއަށް ދިޔަ ރަސްމިއްޔާތެއްގަ އެވެ.
އެއްބަސްވުންތަކުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއޯއޯ، ޝާހިދު ހުސައިން މޫސާ އެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގް އެވެ.
މާބައިދޫ ބަނދަރު:
މާބައިދޫ ބަނދަރުގެ މަސައްކަތް ނިންމާ ހަވާލު ކުރަން އެއްބަސްވެފައި ވަނީ 120 ދުވަހުގެ ތެރޭގަ އެވެ. އެ މަޝްރޫއުގެ އަގަކީ 16،420،153.78 ރުފިޔާ އެވެ.
މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 204 މީޓަރުގެ ޗެނަލް ބްރޭކް ވޯޓާ ހަރުކުރުމާއި 74 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، ބަނދަރު ނެރު ފުން ކުރުމުގެ އިތުރުން ދެ ނެރު ބައްތި ޖެހުން ހިމެނެ އެވެ.
ކޮމަންޑޫ ބަނދަރު:
އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކޮމަންޑޫ ބަނދަރު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ 29،412،392.94 ރުފިޔާ އަށެވެ.
މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ 12 މީޓަރު ބޭރު ތޮށި ޖެހުމާއި، 20 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި 190 މީޓަރުގެ އެއްގަމު ތޮށި ހެދުމާއި، ބަނދަރުގައި ރޭމްޕެއް ހެދުމާއި އެއްގަމު ތޮޝި ވަށައިގެން ޕޭވްމަންޓު ޖެހުމުގެ އިތުރުން ބަނދަރާއި ބަނދަރުގެ ނެރު ފުން ކުރުމާއި ނެރު ބައްތި ޖެހައި، ބަނދަރު ސަރަހައްދުގައި 19 ލައިޓު ޖަހައި، 10 މޫރިން ބްލޮކް ހަރުކުރުމެވެ.