05 Aug 2019, 09:03
މާލެ ސަރަހައްދުގައި ޓެކްސީ ދަތުރު ކުރުމުގެ އާ އުސޫލަށް އަމަލު ކުރުން ފަސްކޮށްދިނުމުގެ އަމުރަކަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅަން ޑްރައިވަރުން ނިންމައިފި އެވެ.
މާލެ ސަރަހައްދުގައި ޓެކްސީ ކުރެވޭނެ އެންމެ ބޮޑު އަގަކީ 75 ރުފިޔާ ކަމަށް ޓްރާންސްޕޯޓު އޮތޯރިޓީ އިން ވަނީ ކަނޑައަޅައިފަ އެވެ. އަދި އަންނަ ބުދަ ދުވަހުން ފެށިގެން އެ އުސޫލަށް އަމަލު ކުރުން މަޖުބޫރު ވާނެ އެވެ.
ހަމަ އެއާ އެކު، ޓެކްސީ އެޕްލިކޭޝަން މަޖުބޫރުކޮށް، ޕްރައިވެޓް ހަޔާގެ ގޮތުގައި އަމިއްލަ ފަރާތްތަކަށް ވެސް ޓެކްސީ ކުރެވޭ ގޮތަށް އުސޫލަށް ވަނީ ބަދަލުގެނެސްފަ އެވެ.
ޓެކްސީ އެޕްލިކޭޝަން ތަކަކީ:
1. އަވަސް ރައިޑް
2. ޕިކްމީ، ސްރީލަންކާ
3. އެއައީ
އުސޫލު އެކުލަވާލީ ޓެކްސީ ސެންޓަރުތަކާއި ޓެކްސީ ޑްރައިވަރުން އަދި އާންމު ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ފަހު ކަމަށް ޓްރާންސްޕޯޓުން ބުނެ އެވެ.
ނަމަވެސް ޓެކްސީ ޑްރައިވަރުން ބުނަނީ ޓެކްސީގެ އަގުތައް ކަނޑައެޅީ ޑްރައިވަރުން ބުނި ގޮތަށް ނޫން ކަމަށެވެ. އަދި ސަރުކާރުން ކަނޑައެޅި އަގުގެ ސަބަބުން ލިބޭ އާމްދަނީ ވަރަށް ބޮޑުތައް ކުޑަވެގެންދާނެ ކަމުގެ ޝަކުވާ ވެސް ޑްރައިވަރުން އަންނަނީ ކުރަމުންނެވެ.
"އެހެންވެ މާދަމާ ކޯޓަށް ހުށަހަޅާނަން އުސޫލަށް އަމަލު ކުރަން ހުއްޓުވަން ވަގުތީ އަމުރަކަށް އެދި،" ޑްރައިވަރުންގެ އެސޯސިއޭޝަންގެ ވަގުތީ ރައީސް އަބްދުﷲ އިބްރާހިމް ވިދާޅުވި އެވެ.
އަބްދުﷲ އިބްރާހިމް ވިދާޅުވީ އަގުތަކާ ގުޅިގެން ޑްރައިވަރުންގެ ފަރާތުން ހުރި ކަންބޮޑުވުންތައް ސިޓީއެއްގެ ސިފައިގައި ރައްޔިތުންގެ މަޖިލީހާއި ޓްރާންސްޕޯޓު އޮތޯރިޓީ އަށް ވެސް ހުށަހަޅައިފައި ވާނެ ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޓެކްސީ ޑްރައިވަރުން ބޭއްވި ކުއްލި ބައްދަލުވުމެއްގައި، އަގުތަކުގެ މައްސަލަ ހައްލު ކުރުމަށް ޓެކްސީ ޑްރައިވަރުން މުޒާހަރާއަށް ދާން ނިންމާފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.
ނަމަވެސް ޑްރައިވަރުންގެ އެސޯސިއޭޝަންގެ ވަގުތީ ރައީސް އަބްދުﷲ އިބްރާހިމް ވަނީ އެ ޚަބަރު ދޮގުކޮށްފަ އެވެ.
"އެއީ ދޮގެއް. އެއީ އަހަރުމެންނާ އާންމުންނާ ޖައްސަން ދައްކާ ވާހަކައެއް. ބުރާސްފަތި ދުވަހުގެ ރޭ ޓެކްސީ ވެރިންގެ ކުއްލި ބައްދަލުވުމެއް ބާއްވައި ފާހަގަ ކުރީ ސަރުކާރާ އެކު މަޝްވަރާ ކޮށްގެން މިކަން ހައްލު ކުރަން،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑްރައިވަރުން އިހްތިޖާޖް ކުރަން ބޭނުންވާ ކަމަށާއި ނަމަވެސް ޓެކްސީ ސެންޓަރުތަކުގެ ވެރިން އެގޮތް ބޭނުން ނުވާ ކަމަށެވެ. އަދި ބޭނުން ވަނީ މަޝްވަރާ ކޮށްގެން ހައްލެއް ހޯދަން ކަމަށެވެ.
މީގެ ކުރިން ޓްރާންސްޕޯޓާ އެކު ކުރިއަށް ދިޔަ ބައްދަލުވުމުގައި ބައިވެރިވީ އެންމެ ޑްރައިވަރެއް ކަމަށާއި އިތުރު އެއްވެސް ސެންޓަރެއްގެ ފަރާތުން ޑްރައިވަރުން ބައިވެރިނުވާކަން އޭނަ ފާހަގަކުރި އެވެ.
"އޭނާ ހުށަހެޅީ 80 އާއި 90 ރުފިޔާ އާ ދެމެދުގެ އަގެއް. އެކަމު އޭނަގެ އަގެއް ނޫން މި އޮތީ ކަނޑައަޅައިފައި. ބައިވަރު ކަންބޮޑުވުންތަކެއް އެބަހުރި،" އޭނާ ވިދާޅުވި އެވެ.
އެގޮތުން ޑިކީ އަށް އަރުވާ ދާގީނާއަށް އިތުރު ފީއެއް ނުނެގޭނެ ކަމަށާއި ދަންވަރު 12ގެ ފަހުން ކުރާ ދަތުރުތަކަށް ވެސް އިތުރު ފީއެއް ނުނެގުމަކީ ޑްރައިވަރުންގެ ކަންބޮޑުވުމެކެވެ.
އާ އުސޫލަށް އަމަލު ކުރަން ޖެހެނީ މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެންނެވެ. އެއީ އީދު ބަންދާ ދިމާވާ ދުވަސް ކަމަށް ވާއިރު، ގިނަ ބަޔަކު މުދަލާ އެކު އެކި ތަންތަނަށް ފުރާނެ އެވެ.
ނަމަވެސް ޓެކްސީ ޑްރައިވަރުން ވަނީ އިތުރު ފީ ނުނެގޭ ނަމަ ޓެކްސީގައި މުދާ އުފުލައި ނުދޭނެ ކަމަށް ބުނެފަ އެވެ. އަދި ޓެކްސީތަކުގެ ޑިކީ ތަޅުލާފައި ބަހައްޓާނެ ކަމަށް ވެސް ބައެއް ޑްރައިވަރުން އަންނަނީ ބުނަމުންނެވެ.
އަބްދުﷲ އިބްރާހިމް ވިދާޅުވީ ބޮޑު އަގުގައި ޓެކްސީ ކޮށްގެން ވެސް 750 ރުފިޔާ އިން ޖޫރިމަނާ ކުރުން ފިޔަވައި ކުރެވޭނެ އިތުރު ކަމެއް ގާނޫނުގައި ނެތް ކަމަށެވެ.
"ލައިސެންސް، ހުއްދަ ކެންސަލް ކުރުން ނެތް ގާނޫނުގައެއް،" އޭނާ ފާހަގަކުރެއްވި އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބްރިޖު ހުޅުވުމަށް ފަހު، ބްރިޖުން ކުރާ ދަތުރުތަކުން ނަގާނެ އަގުތައް ސަރުކާރުން ކަނޑައެޅި ނަމަވެސް އޭރު ވެސް ޓެކްސީ ޑްރައިވަރުން އެއަގުތަކާ އެއްބަހެއް ނުވި އެވެ. އަދި މިއަދާ ޖެހެންދެން ވެސް ބްރިޖު ހުރަސްކޮށް ދަތުރެއް ކޮށްދޭ އެންމެ ކުޑަ އަގަކީ 100 ރުފިޔާ އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީ އިން މި ހަމަޖެއްސި އާ އުސޫލާ އެކު، އޮކްޓޯބަރު އެކަކުން ފެށިގެން މާލެ ސަރަހައްދުގައި ޓެކްސީ ހިދުމަތް ދޭން ޖެހޭނީ މި ތިން އެޕުން ކުރެ އެޕެއް މެދުވެރިކޮށެވެ.
މާލެ ސަރަހައްދުގެ ޓެކްސީ އަގުތައް:
- މާލެ- ހުޅުލެ ދަތުރެއްގެ އަގު -/60 ރުފިޔާ
- ހުޅުލެ – މާލެ ދަތުރެއްގެ އަގު -/60 ރުފިޔާ
- ހުޅުމާލެ – ހުޅުލެ ދަތުރެއްގެ އަގު -/60 ރުފިޔާ
- ހުޅުލެ - ހުޅުމާލެ ދަތުރެއްގެ އަގު -/60 ރުފިޔާ
- މާލެ- ހުޅުމާލެ ދަތުރެއްގެ އަގު -/75 ރުފިޔާ
- ހުޅުމާލެ – މާލެ ދަތުރެއްގެ އަގު -/75 ރުފިޔާ