04 Aug 2019, 14:54
ޕާސްޕޯޓު ހިފަހައްޓާފައިވަނިކޮށް ރާއްޖެއިން ފިލަން މަސައްކަތް ކުރި ކުރީގެ ނައިބު ރައީސް އަހްމަދު އަަދީބު އަބްދުލްގަފޫރު ރާއްޖެއަށް ގެނެވިފައި އަދި ނުވާކަމަށް ފުލުހުން ބުނެފިއެވެ.
އަދީބު މިހާރު ދޫނިދޫއަށް ގެނެސްފައިވާކަން ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. ނަމަވެސް އެ ވާހަކަތައް ފުލުހުން ދޮގު ކުރެއެވެ.
ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު މިއަދު ވިދާޅުވީ އަދީބު މިހާތަނަށް ރާއްޖެ ގެނެވިފައި ނުވާކަމަށާއި، އަދީބު ރާއްޖެ ގެނެވުމުން އެކަން އަންގާނެ ކަމަށެވެ.
އަދީބު މާލެ ގެނެވޭނެ އިރެއް ފުލުުހުން ނުބުނެއެވެ. އަދި ކަމުގެ މިކަމާ ގުޅޭ ގޮތުން ފުލުހުން އިތުރު ތަފްސީލެއް ވެސް ފުލުހުން ނުދެއްވައެވެ.
ފުލުހުން އިއްޔެ ހަވީރު ބުނެފައިވަނީ، އެ މުއައްސަސާގެ ބެލުމުގެ ދަށުން އަދީބު ހައްޔަރު ކުރެވި، މިހާރު މާލެއަށް ދަތުރު ކުރަމުން ދާ ކަމަށެވެ.
އަދީބު ޓަގު ބޯޓެއް ގައި ފިލިއިގެން އިންޑިއާގެ ސޫތުކުޅި ބަނދަރުން އަތުލައިގަތީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އަތުލައިގަނެވުމާއެކު އޭނާގެ ބައިނަލްއަގުވާމީ ވަކީލުން މެދުވެރިކޮށް އޭނާ ވަނީ އިންޑިއާގެ ހިމާޔަތަށް އެދިވަޑައިގެންފައެވެ. ނަމަވެސް ހިމާޔަތް ނުދޭން ނިންމައި، ހުކުރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި އޭނާ ޓަގު ބޯޓުގައި އަނބުރާ ރާއްޖެ ފޮނުވާލިއެވެ.
އަދީބު ފިލި މައްސަލައިގައި ހެއްކާއި ގަރީނާ ހޯދުމަށް އޭނާ ދިރިއުޅޭ ގ. ހުމަށި ގޭގެ ނުވަވަނަ ފަންގިފިލާ ފުލުހުން ރޭ ވަނީ ބަލައި ފާސްކޮށްފައެވެ. އެ އެޕާޓްމަންޓުން އެއްވެސް އެއްޗެއް ފުލުހުން ގެންދިޔަ ކަމެއް އަދި ކަށަވަރެއް ނުވެއެވެ.
އަދީބު ފިލުމާ ގުޅިގެން ފުލުހުން މާ ގިނަ މައުލޫމާތެއް ހިއްސާއެއް ނުކުރެއެވެ.