ކ. ގުރައިދޫގައި މިސްކިތެއް އެޅުމަށާއި ހދ. ކުޅުދުއްފުށީ އަފީފުއްދީން ސުކޫލްގައި ކްލާސްރޫމްތަކެއް އިމާރާތް ކުރުމަށް ދެ ކުންފުންޏަކާ އެކު ހައުސިން މިނިސްޓްރީން މިއަދު ސޮއިކޮށްފި އެވެ.

މިއަދު އެ މިނިސްޓަރީގައި ބޭއްވި އެ ހަފްލާގައި ކ. ގުރައިދޫގައި އެޅުމަށް ހަމަޖެހިފައިވާ މިސްކިތުގެ މަސައްކަތް ކުރުމަށް ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ އޮފް ސްޓޭޓް އޮފް ހައުސިން އަކްރަމް ކަމާލުއްދީންނެވެ. އަދި މި މަސައްކަތް ކުރުމަށް ހަވާލު ކޮށްފައިވާ އެސްޖޭ ކޮންސްޓަރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާހިދެވެ.

ހދ. ކުޅުދުއްފުށީ އަފީފުއްދީން ސުކޫލްގައި އިތުރުކުރުމަށް ހަމަޖެހިފައިވާ އަށް ކްލާސްރޫމްގެ ތިން ފަންގިފިލާގެ އިމާރާތް ހެދުމުގެ ކޮންޓްރެކްޓުގައި ވެސް ސަރުކާރުގެ ފަރާތުން ސޮއި ކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރު އަކްރަމެވެ. އަދި އެ މަސައްކަތް ކުރުމަށް ހަވާލުކުރެވުނު ޓޫއެލް ކޮންސްޓަރަކްޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އަލީ ރަޝީދެވެ.

ގުރައިދޫގައި އަޅާ މިސްކިތަކީ އެ ރަށުގައި ހުރި މިސްކިތުގެ ޖާގައިގެ ދަތިކަން ހުރުމާއި މިސްކިތް ކައިރީގައި ގަބުރު ހުރި ކަމަށް ފެންނާތީވެ އިސްލާމިކް މިނިސްޓަރީ އިން މިނިސްޓަރީ އޮފް ހައުސިންގްއާއި ހަވާލު ކުރި ޕްރޮޖެކްޓެއް ކަމަށް މިނިސްޓަރީ އޮފް ހައުސިންގް އެންޑް އެންވަޔަރަންމަންޓްއިން ވިދާޅުވި އެވެ. އަދި އެ މަސައްކަތް ކުރުމަށް އެގްރިމެންޓްކުރެވިފައި ވަނީ 4.1 މިލިއަން ރުފިޔާ އަށް 300 ދުވަސް ތެރޭގައި މަސައްކަތް ނިންމާ ވެރިފަރާތާ ހަވާލުކުރާ ގޮތަށް ކަމަށް ހޯމް މިނިސްޓަރީ އިން ބުންޏެވެ. އަފީފުއްދީން ސުކޫލްގައި އިތުރުކުރުމަށް ހަމަޖެހިފައިވާ އަށް ކުލާސް ރޫމްގެ ސަބަބުން އެ ސުކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރެވި، އެއްދަންފަޅިއަކަށް ކިޔަވައިދެވޭނެ ކަމަށް ހޯމް މިނިސްޓަރީ އިން ބުންޏެވެ. އެ މަސައްކަތަކީވެސް 4.1 މިލިއަން ރުފިޔާއަށް 240 ދުވަސް ތެރޭގައި ނިންމަން އެގްރިމެންޓު ކުރެވިފައިވާ ކަމެއްކަމަށް މިނިސްޓަރީއިން ވިދާޅުވި އެވެ.