ފްރޭމްކޮށް ހައްޔަރު ކުރާނެ ކަމުގެ އިންޒާރު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދިން ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަންގެ ކުރީގެ ރައީސް ހަސަން ލުތުފީ ވިދާޅުވެއްޖެ އެވެ.

މިދިޔަ އެޕްރީލް މަހުން ފެށިގެން ޗުއްޓީއެއް ނެންގެވުމަށްފަހު، ލުތުފީ އެސީސީގެ ވަޒީފާ އަށް ނުނިކުމެ ދިރިއުޅެމުން ގެންދަވަނީ ރާއްޖެއިން ބޭރުގަ އެވެ. މުސާރަ ނަންގަވައިގެން ވަޒީފާ އަށް ނުނިކުންނާތީވެ މިދިޔަ މަހު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއަސަސާތަކާ ބެހޭ ކޮމިޓީން އޭނާ ވަކިކުރަން ފެންނަ ކަމަށް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ނިންމި އެވެ. އެއާއެކު ލުތުފީ ވަނީ އަމިއްލަފުޅަށް އޭސީސީއިން އިސްތިއުފާ ދެއްވާފަ އެވެ.

ރޭ "ސަންގު ޓީވީ" އަށް ދެއްވި ހާއްސަ އިންޓަވިއުގައި ލުތުފީ ވިދާޅުވީ، އޭނާ އޯފީހަށް ނުނިކުމެ، ރާއްޖެ ދޫކޮށް ވަޑައިގަންނަވަން މަޖުބޫރުވީ ތަފާތު އެކި ގޮތްގޮތުން އޭނާ އަށް ކުރިމަތިވި ބިރުދެއްކުންތަކާ އިންޒާރުތަކާ ގުޅިގެން ކަމަށެވެ. އަދި މަގާމުން އިސްތިއުފާ ދެއްވީވެސް މަޖުބޫރުވެގެން ކަމަށް ލުތުފީ ވިދާޅުވި އެވެ.

"ފްރޭމްކޮށްގެން ވެސް ހައްޔަރު ކުރެވިދާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަޅުގަނޑާ ދިމާލަށް ބުނި. ބޭނުންވެއްޖެ ނަމަ ފްރޭމްކޮށްގެން ވެސް ކަލޭ ހައްޔަރު ކުރެވޭނެ ކަމަށް ބުނި. ހަމަ ސީދާ އެގޮތަށް [އިމްރާން] އަޅުގަނޑާ ވާހަކަ ދެއްކެވީ،" ލުތުފީ ވިދާޅުވި އެވެ.

ލުތުފީ ވިދާޅުވީ، އޭގެ ހަފްތާއެއްހާ ދުވަސް ފަހުން އަނެއްކާ ވެސް އޮފީހަށް ނުކުންނެވުމުން އޭނާއަށް އިންޒާރު ދައްކާ ބިރުދެއްކި ކަމަށެވެ.

"އާ ރަށުގައި ހުރެފައި [އިމްރާން] ގުޅާފައި ބުނި އަނެއްކާވެސް ކަލޭ އޮފީހަށް ނުކުންނަނީހެއް ނޫންހޭ އެގޮތަށް ވެސް އިންޒާރު ދިން. އޭގެ ފަހުންވެސް ގޮތް ނޭނގޭ މީސްމީހުން ލައްވާ އަޅުގަނޑަށް [އިންޒާރު ދިން] އަޅުގަނޑަކަށް ނޭނގެ ކާކު ކަމެއ އެކަން ކުރުވީ. އަޅުގަނޑަށް ފޯނު ކޮށްފައި މަރުގެ އިންޒާރުދީ އެކަން ކުރުވި،" ލުތުފީ ވިދާޅުވި އެވެ.

ލުތުފީ އިމްރާންއާ ގުޅިގެން ސީރިޔަސް ތުހުމަތުތަކެއް ކުރެއްވި އިރު، އިމްރާން އޭނާއަށް ބިރުދައްކާ އިންޒާރު ދިން ސަބަބަބެއް އޭނާ ހާމަ އެއް ނުކުރައްވަ އެވެ.

ލުތުފީ ވިދާޅުވީ، އޭނާ އަށް އިމްރާން އިންޒާރު ދިން މައްސަލަ އެއްވެސް މުއަސަސައަކަށް ހުށަނާޅާ ކަމަށެވެ. އެ މައްސަލަ ހުށަނޭޅީ އިންސާފު ލިބޭނެ ކަމުގެ ޔަގީން ކަމެއް ނެތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ލުތުފީ އިމްރާންއާ ގުޅޭ ގޮތުން ކުރެވޭ ތުހުމަތުތަކަށް އިމްރާންގެ ބަހެއް ހޯދުމަށް ސަން އިން މަސައްކަތް ކުރި ނަމަވެސް އިމްރާންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.

ރައީސް ޔާމީން ސަރުކާރުގައި އޭރު އޭސީސީގެ ރައީސްކަން ކުރެއްވި ލުތުފީ ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގައި އޭރުގެ ސަރުކާރުގެ ނުފޫޒުތަކެއް އޭސީސީއަށާއި ލުތުފީއަށް އައި ކަމަށް ތުހުމަތުތަކެއް ކުރެވެއެވެ. އަދި އޭނާއާ ގުޅޭ އެފަދަ މައްސަލައެއް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ލުތުފީ ވިދާޅުވީ، އޭނާ މަގާމުގައި ހުންނެވި އިރު އެއްވެސް ސަރުކާރަކުން އޭނާއަށް ނުފޫޒު ފޯރުވައިފައި ނުވާ ކަމަށެވެ. އަދި އޭސީސީގެ އެއްވެސް މެމްބަރަކަށް ވެސް އޭނާ ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށް ލުތުފީ ވިދާޅުވިއެވެ.