05 Aug 2019, 08:51
ބ.ފެހެންދޫ އަކީ ރާއްޖޭގައި އެންމެ އާބާދީ މަދު ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. އަސާސީ ގިނަ ހިދުމަތްތަކެއް ރަށުން ނުލިބުމުގެ ނަތީޖާއަކަށްވ، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ދަރިންނަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމަށް، ގިނަ ބަޔަކު ރާއްޖޭގެ އެކި ހިސާބުތަކަށް ހިޖުރަ ކުރުމެވެ. ގާތްގަނޑަކަށް 300 މީހުންގެ އާބާދީއެއް އޮތް ނަމަވެސް، ރަށުގައި މިހާރު ދިރިއުޅެނީ އާބީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ވެސް މަދު އަދަދެކެވެ.
އާބާދީ މަދުވުމުގެ ސަބަބުން ސަރުކާރުން ފެހެންދޫ ސްކޫލު ބަންދު ކުރީ 2008 ވަނަ އަހަރު އެވެ. އެއާއެކު ރަށް ދޫކޮށް އެހެން ރަށަކަށް ބަދަލުވާން ގިނަ އާއިލާތަކަށް މަޖުބޫރުވީ އެވެ. ނަމަވެސް އެހެން ރަށެއްގައި ކުއްޔަށް ދިރިއުޅެވޭ ވަރުގެ ތަނަވަސްކަން ހުރިހާ އާއިލާއެއްގައި ނެތެވެ. އެހެންކަމުން އެމީހުން ޖެހުނީ އަނެއްކާ ވެސް ފެހެންދޫއަށް ބަދަލުވެ، ދަރިންނަށް ކިޔަވައިދޭން އިތުރު މަގެއް ކޮށާށެވެ.
އެ މަގަކަށް ވެގެން ދިޔައީ، އެއް ފަޅެއްގައި އޮންނަ ގޮއިދޫ އަށް ޑިންގީ ގަނޑަކަށް ދަރިން އަރުވައިގެން ސްކޫލަށް ފޮނުވަން ޖެހުމެވެ. ދޭ އަތްވަކަށް ނޫނީ ވެހޭ ވާރެއަކަށް ވެސް ބެލޭކަށް ނެތެވެ. ރަނގަޅު ތައުލީމެއް އެގެނުމަށް ޓަކައި ކޮންމެ ދުވަހަކުހެންމެ، މި ދަތުރު ކުރާން މި 26 ކުދިންނަށް މަޖުބޫރެވެ.

އެއް ފަޅެއްގައި އޮންނަ ގޮއިދޫ އަދި ފެހެންދޫ-- ފޮޓޯ: ގޫގަލް މެޕްސް
މިގޮތަށް މި ދަތުރު ކުރާތާ އަހަރުތަކެއް ވެފައި ވަނިކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެރަށަށް ވަޑައިގެން، ގޮއިދޫ އާއި ފެހެންދޫ ކޯޒްވޭއަކުން ގުޅާލަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިދޭނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
އެކަމަކު މި ހަބަރާ އެކު ފެހެންދޫ ރައްޔިތުންނަށް ލިބުނީ ސަޕްރައިޒްއެކެވެ. އުނދަގޫ ޑިންގީ ދަތުރަށް ނިމުމެއް އަންނާތީ ފެހެންދޫ ރައްޔިތުން ތިބީ އުފަލުންނެވެ. ނަމަވެސް އެވަރުގެ ބޮޑު ނިންމުމެއް ނިންމި އިރު ރައްޔިތުންގެ މަޝްވަރާ ނުހޯދުމަކީ އެ މީހުންގެ ޝަކުވާއެކެވެ.
ކައުންސިލުން ރައީސާ ހަމައަށް ދިޔައީ މަޝްވަރާ ނުކޮށް!
ކޯޒްވޭގެ ވާހަކަ ފެހެންދޫ ރައްޔިތުންނާ ހަމައަށް ތިލަވީ މީޑިއާތަކުންނެވެ. ރައްޔިތުން އެދޭ ގޮތް ކަމަށް ބުނެ ކައުންސިލުން ރައީސާ ހަމައަށް އެކަން ގެންދިޔަ އިރު، އެކަމުގައި ކައުންސިލުން ރައްޔިތުންނާ މަޝްވަރާކޮށް، ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާ ކަމަށް އެ ރަށުގެ ރައްޔިތުން ބުނެ އެވެ.
ސްކޫލް ކުދިންނަށް ހުރި ދަތިތަކާ ގުޅޭގޮތުން ކައުންސިލްގެ ފަރާތުން ފުރަތަމަ ރައީސް އާ ބައްދަލު ކުރީ މިދިޔަ އޭޕްރީލް މަހު އެވެ. އަދި އެ ރަށަށް ދިމާވެފައިވާ ދަތިތަކާއި ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅޭ މައުލޫމާތު ވަނީ ދީފަ އެވެ.
"އެފަހަރު ވެސް ބުނީ ފުރަން ކައިރިވީމަ ރައްޔިތުންނާ ބައްދަލު ކުރާނަމޭ. އެކަމަކު ދެން އެނގުނީ ރައްޔިތުންނަށް އަންގާވެސް ނުލާ ކައުންސިލް މެމްބަރުން ރައީސް އާ ބައްދަލު ކުރަން މާލެ ދިޔަކަން. ދެން އަޅުގަނޑުމެން ގުޅަން ވެސް ގުޅިން. ގުޅާފަ އެހިން ކީއްވެހޭ ތިހެން ތި ދިޔައީ. ރައްޔިތުންގެ ކަންބޮޑުވުންތަކާ ޝަކުވާތައް އަޑު ނާހާ. ބުނީމަ ކައުންސިލުން ބުނީ އަހަރުންނަށް އެނގެޔޭ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް،" ފެހެންދޫ އިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އެ ބައްދަލުވުމުގައި ކައުންސިލުން ރައީސާ ހިއްސާކުރި ވާހަކަތައް ރައްޔިތުންނަށް އެނގުނީ ކޯޒްވޭ މަޝްރޫއު ބަޖެޓުގައި ހިމެނުމުންނެވެ. އޭގެ ކުރިން ރައްޔިތުން ތިބީ ނޭނގުމެއްގެ ތެރޭގަ އެވެ.
ސާޅީސް އަހަރު ފަހުން ރާއްޖޭގެ ރައީސަކު ފެހެންދޫއަށް ވަޑައިގަންނަވާކަން އެނގުމުން ފެހެންދޫ ރައްޔިތުން ތިބީ ވަރަށް އުފަލުންނެވެ. އެމީހުންގެ ޝަކުވާތައް ގޯނި ގޯންޏަށް އަޅާ ފުރާލައިގެން އެންމެން ނުކުތީ އެ ޝަކުވާތައް ރައީސް އަޑުއައްސަވާނެ ކަމުގެ އުންމީދުގަ އެވެ.

ފެހެންދޫގެ ދަރިވަރުންތަކަކާއި އެކުދިންގެ ބެލެނިވެރިން ޑިންގީގައި ---
ނަމަވެސް ކަންތައް ދިމާވީ އުންމީދު ކުރި ގޮތަކަށް ނޫނެވެ. ރައީސް ވަޑައިގެން ރައްޔިތުންނާ ސަލާމް ކޮށްލެއްވުމަށްފަހު ވަޑައިގަތީ ގެސްޓް ހައުސް އަށެވެ. އެތަނުގައި މަޝްވަރާތައް ކުރިއަށް ދިޔައީ ކައުންސިލް މެމްބަރުންނާއި "ކައުންސިލްގެ ރައީސް ބޭނުންވި ބަޔަކު" ހިމަނައިގެން ކަމަށް އެ ރަށު ބައެއް މީހުން ބުންޏެވެ.
"އެއީވެސް ކައުންސިލްގެ މައްސަލައެއް. އަޅުގަނޑުމެނަށް ރައީސް ވަޑައިގަންނަވަން އުޅުއްވާކަން ވެސް އެންގީ ދެ ދުވަހަށް ވެފައި އޮއްވައި. ދެން ބުނީ ދިދަ ޖަހާލައި ރަށުތެރެ ޒީނަތްތެރިކޮށްލަން ނުކުންނާށޭ. ރައްޔިތުން އެއްކޮށްފައި އެހެން ބުނި އިރުވެސް ނުބުނޭ ބޮޑު ކަމެއް ހުށަހަޅައިގެން ބޮޑު މަޝްރޫއެއް ނިންމަން އުޅޭ ވާހަކައެއް. އަޅުގަނޑުމެން ޕޯޑިއަމް އާ އެއްޗެހި ވެސް ބެހެއްޓިން ރައީސް ރައްޔިތުންނާ މުހާތަބުކޮށް އެއްޗެއް ވިދާޅުވާނެ ކަމަށް ހީކޮށް. އެކަމަކު ދުވަސް ޖެހުނު އިރު ޕޯޑިއަމް ވެސް ގެއްލިއްޖެ،" އެކަމުގައި އުޅުނު މީހަކު ބުންޏެވެ.
ރައްޔިތުން ބޮޑަށް ބޭނުންވަނީ ސްކޫލް އަލުން ހުޅުވުން!
ރައްޔިތުންގެ ވާހަކަތައް ރައީސް އާ ހަމައަށް ގެންދަން ކައުންސިލުން ބޭނުން ނުވާ ކަމަށް އެރަށުގެ ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. ސަބަބަކަށް ވަނީ ކައުންސިލްގެ ވިސްނުމާ ރައްޔިތުންގެ ވިސްނުން ދިމާނުވުން ކަމަށް ވެދާނެ އެވެ.
ރައީސް ވަޑައިގަންނަވާ ހަބަރު ލިބުމުން އެރަށު ރައްޔިތުން ވަނީ އަލުން ސްކޫލު ހުޅުވައިދިނުމަށް އެދި ޕެޓިޝަނެއް ވެސް ތައްޔާރުކޮށްފަ އެވެ. އެރަށުގެ 64 މީހަކު އެ ޕެޓިޝަނުގައި ސޮއިކޮށްފައި ވާއިރު އެއީ ގާތްގަނޑަކަށް ރަށުގައި ދިރިއުޅޭ މީހުންގެ އާބާދީގެ 70 ޕަސެންޓެވެ. ޕޯޑިއަމް "ފޮރުވީ" ވެސް އެ ޕެޓިޝަންގެ ސަބަބުން ކަމަށް ގަބޫލު ކުރާ ކަމަށް އެކަމުގައި އިސްކޮށް އުޅުނު މީހަކު ބުންޏެވެ.
"އަޅުގަނޑުމެން ޕެޓިޝަން ތައްޔާރުކޮށްފަ އެކަން ކައުންސިލަށް އެންގިން. އަޅުގަނޑު ގުޅީވެސް ކައުންސިލް ރައީސަށް. ގުޅީމަ ބުނީ ކަލޭމެން ކުރިއަށް ގެންދާށޭ ކައުންސިލަކުން ތީގަ ސޮއެއް ނުކުރާނަމޭ،" އޭނާ ބުންޏެވެ.

ފެހެންދޫ ސްކޫލް: ބަންދުކޮށްފައި ހުންނަތާ އެތައް އަހަރެއް ---
ނަމަވެސް ކައުންސިލްގެ ރައީސް މޫސާ ނަސީމް 'ސަން' އަށް ވިދާޅުވީ އެ ޕެޓިޝަނުގެ ވާހަކަ އެނގިފައި ނުވާ ކަމަށެވެ. އަދި ޕެޓިޝަން ރައްޔިތުންގެ ފަރާތުން ހުށަހެޅީ ސީދާ ރައީސަށް ކަމަށާއި، އެހެންކަމުން އެއީ ކައުންސިލް މެދުވެރިވެގެން އައި ޕެޓިޝަނެއް ނޫންކަމަށެވެ.
"ބައްދަލުވުމުގައި ރައީސް ވެސް ސުވާލު ކުރެއްވެވި. ކައުންސިލުން ރައްޔިތުންގެ އެދުމުގެ މަތިން ކޯޒްވޭ އަޅަން ހުށަހަޅާފައި ވާއިރު، ރައްޔިތުން އެބަ އޮތޭ ސްކޫލު ހުޅުވަން ވެސް ޕެޓިޝަނެއް ހުށަހަޅާފަ. އަޅުގަނޑު ދެންނެވި ސީދާ ރައީސްގެ އަތްޕުޅަށް ނޫންތޯ އޭ ޕެޓިޝަން ހުށަހެޅީ އެހެންވީމަ އަޅުގަނޑުމެންނަށް ނޭނގި ހިނގާފައި އޮތް ކަމެކޭ ތީ،" މޫސަ ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ ކޯޒްވޭ އާ ގުޅޭގޮތުން ކައުންސިލުން ރައްޔިތުންނާ މަޝްވަރާ ނުކުރާ ކަމަށް ބުނާ ވާހަކައަކީ ތެދު ކަމަށެވެ. ނަމަވެސް އެކަން އެހެން ދިމާވީ އެކަމަށް ފުރުސަތު ނުލިބުމުން ކަމަށެވެ. ކޯޒްވޭގެ ވާހަކަ ފުރަތަމަ ދެކެވުނީ އޭޕްރީލް މަހު ރައީސް އާއެކު ބޭއްވި ބައްދަލުވުމުގަ އެވެ. ނަމަވެސް އެފަހަރު ކައުންސިލުން ރައީސާ ބައްދަލުކުރީ މިހާރު އޮންނަ ސްކޫލު ފެރީގެ ފެންވަރު ރަނގަޅުކޮށް، އެކަމުގައި ހުރި ދަތިތަކަށް ހައްލު ހޯދާށެވެ. ކޯޒްވޭގެ ވާހަކަ އައީ ސްކޫލް ކުދިންގެ މައްސަލައަށް އޮތް ދާއިމީ ހައްލަކާ މެދު ކުރި މަޝްވަރާތަކުގެ ތެރެއިންނެވެ.
"އެދުވަހު އެކި ގޮތް ގޮތަށް މަޝްވަރާ ކުރެވި ވާހަކަތައް ދެކެވުނު. ދާއިމީ ހައްލަކީ ފެހެންދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލު ކުރުންތޯ، ސްކޫލު އަލުން ހުޅުވުންތޯ ނޫނީ ކޯޒްވޭ އަކުން ގުޅާލުންތޯ. ދެން އަޅުގަނޑުމެން ކައުންސިލްގެ ހުރިހާ މެމްބަރުންނަށް ވެސް ގަބޫލު ކުރެވުނީ ކޯޒްވޭ ކަމަށް އެންމެ ރަނގަޅު ހައްލަކީ. އަޅުގަނޑުމެން ކޯޒްވޭގެ ވާހަކަ ހިފައިގެން ދިޔައީކީ ނޫން. މަޝްވަރާތަކުގެ ތެރެއިން އެވާހަކަ އައީ. އެހެންވެ ކުރިން އެކަމާ ރައްޔިތުންނާ މަޝްވަރާ ނުކުރެވުނީ. އެއީ ތެދެއް. އަޅުގަނޑުމެން ރައްޔިތުންނާ މަޝްވަރާއެއް ނުކުރަން. އަދިވެސް ނުކުރަން،" މޫސަ ވިދާޅުވި އެވެ.
ނަސީމް ވިދާޅުވީ ކޯޒްވޭ އެޅުމަށް ރައްޔިތުން ދެކޮޅު ނުހަދާ ކަމަށާއި، ގާތްގަނޑަކަށް 50 މީހުންނަށް ގުޅައި އެކަމާ މިހާރު ވާހަކަ ދައްކާފައިވާނެ ކަމަށެވެ. ނަމަވެސް އެންމެން ވެސް ވަރަށް ޕޮޒިޓިވް ކަމަށާއި، ކޯޒްވޭ އެޅުމާ ދެކޮޅު ހަދަނީ ދެތިން މީހުން ކަމަށެވެ.
ރަށުގެ ރައްޔިތުން ކޯޒްވޭ އަޅަން ދެކޮޅު ހަދަނީކީ ނޫނެވެ. ނަމަވެސް ތައުލީމު ހާސިލް ކުރުމަކީ ކޮންމެ ރައްޔިތަކަށް ލިބިގެންވާ އަސާސީ ހައްގަކަށް ވާއިރު، އެ ހިދުމަތް ފެހެންދޫ އިން ވެސް ލިބެން ޖެހޭނެ ކަމަށް ބުނާ ބަޔަކު ވެސް އެ ރަށުގައި ތިބީ އެވެ. ގޮއިދޫއަށް ކިޔަވަންދާ 26 ކުދިން ތިބި އިރު، އަތޮޅުގެ މައި ރަށް، އޭދަފުށީގައި ވެސް ފެހެންދޫގެ ގިނަ އަދަދެއްގެ ދަރިވަރުން އަންނަނީ ތައުލީމު ހާސިލް ކުރަމުންނެވެ. އަދި މާލެ އާއި ހުޅުމާލޭގައި އުޅޭ އާއިލާތައް ވެސް މަދެއް ނޫނެވެ.
ސްކޫލް ފެރީގައި ފެހެންދޫ ދަރިވަރުން ގޮއިދޫއަށް ފުރަނީ ---
އެހެންކަމުން ރަށުގައި އަލުން ސްކޫލު ހުޅުވިއްޖެ ނަމަ، ބޮޑު ހަރަދުތަކެއް ކޮށްގެން އެހެން ރަށެއްގައި ތިބުމަށް ވުރެ ގިނަ ބަޔަކަށް ފަސޭހަ ވާނެ ކަމާއި، އަދި ސްކޫލަށްދާ އުމުރަށް ނާޅާ ގިނަ ކުދިންތަކެއް ވެސް ރަށުގައި ތިބިކަން ރައްޔިތުން ފާހަގަ ކުރެ އެވެ. ރައީސަށް ޕެޓިޝަން ހުށަހެޅީ ވެސް މުސްތަގުބަލަށް ވިސްނާއިރު، ރަށުގައި ސްކޫލެއް ހުރުމަކީ ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތް ކަމަށް ގަބޫލު ކުރާތީ އެވެ. އެގޮތަށް ވަކާލާތު ކުރާ މީހުން ބުނަނީ ކޯޒްވޭ އަށް ވުރެ ބޮޑަށް ބޭނުމީ ސްކޫލް ކަމަށެވެ.
ކައުންސިލުން ގަބޫލު ކުރާ ގޮތުގައި ފެރީއަކަށް ވުރެ ކޯޒްވޭ އެއް އެޅުން މާ ރަނގަޅެވެ. ފެހެންދޫގައި ސްކޫލެއް ނެތް އިރު، އެކަށީގެންވާ ސިއްހީ ހިދުމަތެއް ވެސް ނުލިބެ އެވެ. އަދި ވިޔަފާރި ކުރަން ވެސް ގިނަ ފަހަރު ގޮއިދޫއަށް ދާން ޖެހެ އެވެ. އެހެންކަމުން ކޯޒްވޭ ވެގެންދާނީ މިފަދަ ހުރިހާ ދަތިތަކަށް ލިބިގެންދާނެ ދާއިމީ ވަރަށް ބޮޑު ހައްލަކަށް ކަމަށް ކައުންސިލުން ގަބޫލު ކުރެ އެވެ. އަދި ސްކޫލު އަލުން ހުޅުވަން އެކި ފަހަރު މަތިން ގިނަ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް، އެއްވެސް ނަތީޖާއެއް މިހާތަނަށް ނުކުމެފައެއް ނުވެ އެވެ.
ފެހެންދޫ-ގޮއިދޫ ކޯޒްވޭ އަކުން ގުޅާލަން ބަޖެޓުގައި ހިމަނާނެ ކަމަށް ރައީސް ވިދާޅުވެފައި ވާއިރު، ސްކޫލު ކުދިން ދަތުރު ކުރަން ފެންވަރު ރަނގަޅު ފެރީއެއް ފަރުމާ ކުރުމަށް ވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ. ދެ ރަށް ދޭތެރޭގައި ދަތުރުކުރުމަށް ފެންވަރު ރަނގަޅު ފެރީއެއް ހޯދުމަށް އިންޑިއާ އިން ދިން 106 މިލިއަން ރުފިޔާ ގެ ހިލޭ އެހީގެ ތެރެއިން 1.5 މިލިއަން ރުފިޔާ ސަރުކާރުން ވަނީ އެ ފެރީ ގަތުމަށް ކަނޑައަޅައިފަ އެވެ.