އެމެރިކާގެ ޓެކްސަސްގެ އެލްޕާސޯގެ ވޯލްމާޓްގައި ދިން ބަޑީގެ ހަމަލާއަކުން 20 މީހުން މަރުވެ 26 މީހުން ޒަހަމް ވެއްޖެއެވެ.

ބަޑި ހިފައިގެން ހުރި އާއްމުންގެ މީހަކު މި ހާދިސާ ހިންގާފައި ވަނީ ވޯލްމާޓް ސްޓޯރުގައެވެ. މި ހާދިސާ ހިނގި ސްޓޯރު ހުންނަނީ ސިއެލޯ ވިސްޓާ މޯލް ކައިރީގައި، އެމެރިކާއާއި މެކްސިކޯ ގުޅޭ އިމުގެ ސަރަހައްދާ މާ ދުރު ނޫން ހިސާބެއްގައެވެ.

އެލްޕާސޯގެ ފުލުހުން ވަނީ މި ހާދިސާއާ ގުޅިގެން 21 އަހަރުގެ މީހަކު ހައްޔަރު ކޮށްފައެވެ. މި މީހާއަކީ އެލްޕާސޯގެ އިރުން 650 މޭލު ދުރުގައި އޮންނަ އަލެން ނަމަކަށް ކިޔާ ޝަހަރުގައި ދިރިއުޅޭ މީހެއް ކަމަށް އެލްޕާސޯގެ ފުލުހުން ބުނެއެވެ. އަދި ފުލުހުން ބުނާ ގޮތުގައި މި މީހާއަކީީ "އިންޑިވިޖުއަލް ގަންމޭން" އެކެވެ.

އެމެރިކާގެ ނޫސްތަކުގައި ވާ ގޮތުން އެމީހާގެ ނަމަކީ ޕެޓްރިކް ކްރޫސިއަސްއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މިއީ ވަރަށް ފިނޑި އަމަލެއް ކަމަށް ވިދާޅުވެފައެވެ.

އެމެރިކާއަކީ އާއްމުންނަށް ބަޑި ގެންގުޅުމުގެ މިނިވަންކަން ވަރަށް ބޮޑަށް ލިބިފައި ވާ ގައުމެއް ކަމުން މިފަދަ ހާދިސާތައް ވަރަށް ގިނައިން އެ ގައުމުގައި ހިނގައެވެ.