އެމްޓީސީސީ އިން މިއަދު ދ. އަތޮޅުގައި ރަށު ލިންކް ފެރީގެ ހިދުމަތް ދޭން ފަށައިފިއެވެ.

ދ އަތޮޅުގައި އެމްޓީސީސީގެ ފެރީ ދަތުރުތަށް ކުރުމަށް ހަމަޖެހިފައި ވަނީ މީދުއާއި ކުޑަހުވަދޫ އާ ދެމެދު، ހަފްތާއަކު ހަ ދަތުރެވެ. އެ އަތޮޅުގައި ފެރީ އޮޕަރޭޓު ކުރާނީ ދެ ރޫޓަކުންނެވެ. އެއީ:

ރޫޓް 406 (މީދޫ - ރިނބުދޫ - ހުޅުދެލި - ކުޑަހުވަދޫ):

މި ރޫޓުގެ ފެރީ ދަތުރުތައް އޮންނާނީ ހޯމަ، ބުދަ، އަދި ހޮނިހިރު ދުވަހުއެވެ.

ރޫޓް 407 (މީދޫ - ބަނޑިދޫ - ވާނީ - މާއެނބޫދޫ - ކުޑަހުވަދޫ):

މި ރޫޓުގެ ފެރީ ދަތުރުތައް އޮންނާނީ އާދީއްތަ، އަންގާރަ، އަދި ބުރާސްފަތި ދުވަހުއެވެ.

ފެރީގެ ތާވަލް އަދި ދަތުރު ކުރުމަށް ހަމެޖެހިފައިވާ ރޫޓު އެމްޓީސީސީގެވެބްސައިޓުންމިހާރު ފެންނާނެއެވެ.

ފެރީ ދަތުރުގެ އަގަކީ 20 ރުފިޔާއެވެ. 100 މީހުންގެ ޖާގައިގެ ފެރީގައި ބައިސްކަލާއި، ލުއި ލަގެޖް ގެންދެވޭނެ ކަމަށް އެމްޓީސީ އިން ބުނެއެވެ.

މީގެ ކުރިން ދ. އަތޮޅުގެ އިތުރުން މ. އަދި ފ. އަތޮޅަށް ފެރީގެ ހިދުމަތް ދެމުންދިޔައީ ވާމިލިއަން ކިޔާ އަމިއްލަ ކުންފުންޏަކުންނެވެ. އެމްޓީސީސީ އިން މި ތިން އަތޮޅަށް ފެރީގެ ހިދުމަތް ދިނުމަށް ހަވާލުވީ، ސަބަބު ހާމަކުރުމެއް ނެތި ވާމިލިއަން ކުންފުނިން ދެމުންދިޔަ ހިދުމަތް ހުއްޓާލުމުންނެވެ.

އެމްޓީސީސީ އިން ފެރީގެ ހިދުމަތްދޭ އަތޮޅުތަކުގެ ތެރޭގައި ނުހިމެނެނީ އައްޑޫ އާއި ފުވައްމުލަކު އެކަންޏެވެ. އެ ކުންފުނިން 169 ރަށަކަށް ދަތުރުފަތުރުގެ ހިދުމަތް ދެއެވެ.

އަދި މިދިޔަ އަހަރު އަތޮޅުތެރޭގެ ފެރީތަކުގައި 15 މިލިއަން ފަސިންޖަރުން ދަތުރުކޮށްފައިވާ ކަމަށް އެމްޓީސީސީ އިން ވަނީ މީގެ ކުރިން ބުނެފައެވެ.

އެމްޓީސީސީގެ ޓްރާންސްޕޯޓު ސެކްޓާ އަކީ އެކުންފުންޏަށް އެންމެ ގެއްލުންވާ ސެކްޓާ އެވެ. ދިޔަ އަހަރު އެކުންފުންޏަށް ދަތުރުފަތުރުގެ ދާއިރާ އިން 82 މިލިއަން ރުފިޔާގެ ގެއްލުން ލިބުނެވެ.

ގެއްލުން ލިބުނު ނަމަވެސް ރައްޔިތުންނަށް ދޭންޖެހޭ ދަތުރުފަތުރުގެ ހިދުމަތް ދިނުން މަތީ ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެމްޓީސީސީ އިން ވަނީ ދީފައެވެ.