01 Nov 2011, 18:42
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދައިރާގެ މެންބަރު އިސްމާއިލް އަބްދުލްހަމީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރުމަށް އޭނާ ހައިކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް މާދަމާ ބާއްވާ ގޮތަށް އެ ކޯޓުން މިއަދު ހަމަޖައްސައި ޝެޑިއުލްކޮށްފި އެވެ.
ކޯޓްގައި އެ މައްސަލަ ޝެޑިއުލްކޮށްފައި ވަނީ މާދަމާ ހަވީރު 3:30 އަށެވެ.
އެންމެ ފަހުން އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ ދުވަހުގެ ޝަރީއަތުގެ މަޖިލީހުގައި ގާޒީ ވިދާޅުވީ ވަރަށް އަވަހަށް އެ މައްސަލައިގެ ނިޔާކަނޑައެޅުމުގެ ޝަރީއަތް ބާއްވާނެ ކަމަށެވެ.
ދަށު ކޯޓުން ހުކުމްކުރީ އޭނާ މަގާމުގެ ނުފޫޒު އޭނާ ބޭނުން ކުރައްވައިގެން މީހަކަށް ނާޖާއިޒު ފައިދާއެއް ހޯއްދަވައިދެއްވި ކަން ޝަރީއަތަށް ސާބިތުވާތީ ދޮޅު އަހަރަށް އަރުވާލުމަށެވެ.
އަބްދުލްހަމީދުގެ މައްޗަށް ދަށު ކޯޓުން ކުރި ހުކުމްގައި ބުނަނީ 2008 ވަނަ އަހަރު ވޭސްޓް މެނޭޖްމަންޓަށް ގަން ކޮޅުވެއްޓިއެއް އިސްމާއިލް އަބްދުލްހަމީދު މަގާމުގެ ބާރާއި ނުފޫޒު ބޭނުންކުރައްވައި އެ އުޅަނދު ވޭސްޓް މެނޭޖްމަންޓަށް ނުލިބެނީސް ލިބުނު ކަމަށް އެބަސްވެ އެލްސީގެ ފައިސާ އުޅަނދު ވިއްކި ފަރާތަށް ހޯއްދަވައި ދެއްވާފައިވާ ކަމަށެވެ. އަދި އުޅަނދުގެ ބާކީ 50 ޕަސެންޓް ފައިސާ ދިނުމަށް އެއްބަސްވެފައި ވަނީ އުޅަނދު ދައުލަތަށް ލިބޭތާ 14 ދުވަހުގެ ތެރޭގައި ކަމަށާއި ކޮޅުވެއްޓި ވޭސްޓް މެނޭޖްމެންޓަށް ލިބުނު ކަމަށް ބުނެ، އެޕްރީލް 28، 2008ގައި އެ ފައިސާ އެ ކުންފުންޏަށް ހޯދާދީފައި ވަނީ ކޮޅުވެއްޓި ރާއްޖެ އައުމުގެ އެއް އަހަރު ކުރިން ކަމަށެވެ. އަދި އެއީ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށެވެ.
އިސްމާއިލް އަބްދުލްހަމީދު މައްޗަށް ދަށު ކޯޓުން ކުރި ހުކުމް އިސްތިއުނާފުކޮށް ދިނުމަށް އެދި ހުށަހެޅި ދައުވާގައި އޭނާ ބުނަނީ ދަށު ކޯޓުގައި ޝަރީއަތް ހިނގި އިރު، އެ މައްސަލާގައި ހިމެނޭ މުހިންމު ލިއުންތައް ދައުލަތުން ގަސްތުގައި ކޯޓަށް ހުށައަޅާފައި ނުވާ ކަމަށެވެ. ނަމަވެސް ދައުލަތުގެ ވަކީލު އެކަން ދޮގުކުރެ އެވެ.