ކުޑަކުދިން ތިމާވެއްޓަށް ލޯބި ޖެއްސުމަށް ހާއްސަކޮށްގެން "މަވެށި"ގެ ނަމުގައި ހާއްސަ ވާހަކަ ސީރީޒް އެއް ނެރުމަށް ތައްޔާރުވެއްޖެ އެވެ.

ވާހަކަޑޮޓްކޮމް ހިންގާ "ވާހަކަ ޕަބްލިޝާ" އިން މިފަހަރު ނެރެނީ "މަވެށި" ވާހަކަ ސީރީޒްގެ ފަސް ފޮތެވެ. "ވާހަކަ ޕަބްލިޝާ"ގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ ފަސް ފޮތް ވެސް ލިޔުއްވާފައި ވަނީ ހަނިމާދޫ ދާއިރާގެ ކުރީގެ މެންބަރުން، ހުސެއިން ޝަހުދީ އެވެ. އޭނާ އަކީ ކުރީގެ ޓީޗަރެއް އަދި ޕްރިންސިޕަލެއް ވެސްމެ އެވެ.

އޮފިޝަލް ވިދާޅުވީ، "މަވެށި" ވާހަކަ ސީރީޒްގައި ހިމެނޭ ފަސް ފޮތުގައި ވެސް ހިމަނާފައިވާ ވާހަކަތަކަކީ، ތިމާވެށީގެ މުހިންމުކަން ކުޑަކުދިންނަށް ބުނެދޭނެ ވާހަކަތަކެއް ކަމަށެވެ. އަދި އެ ވާހަކަތަކުން ގިނަ އިބުރަތްތަކެއް ކުޑަކުދިންނަށް ލިބޭނެކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

މަވެށި ވާހަކަ ސީރީޒް:

  1. އެކުވެރި ތިން މިޔަރު
  2. ކޮކާލުގެ ހުވަފެން
  3. ބުއްދިވެރި ފިނިދަނަ
  4. ނަސީބުދެރަ ކޮވެލި
  5. ކިބުރުވެރި ބުޅާ

"ޅަދަރިންގެ ޅައުމުރުގައި ދިވެހި ބަހަށް ލޯބި ޖެއްސުމަކީ ވަރަށް ބޭނުންތެރިކަމެކެވެ. މިފަދަ ވާހަކައަކުންވެސް އެކުދިންގެ މައުލޫމާތުގެ ހަޒާނާއަށް ދުޅަހެޔޮކަން ލިބޭނެކަމަށް އުންމީދުކުރަމެވެ. އެކުދިންގެ ވެށީގެ ވަށަައިގެންވާ ކަންކަމާއި، ތަކެއްޗަށް ވިސްނުން ހިންގާލުމަށް މި ވާހަކައި ބާރު ލިބޭނެއެވެ،" ވާހަކަައިގެ މުސައްނިފުގެ ނޯޓްގައި ޝަހުދީ ލިޔުއްވާފައިވެ އެވެ.

މި ވާހަކަ ފޮތްތަކަކީ ކުޑަކުދިން ކިޔާ ހިތްވާނެ ފޮތްތަކަކަށް ހެދުމުގެ ގޮތުން، މި ފޮތުގައި ވަނީ ވާހަކައިގެ ކެރެކްޓާތަކުގެ އިލަސްޓްރޭޝަންތަކާއި ކުލަ މަންޒަރުތައް ހިމަނައިފަ އެވެ.

ވާހަަކަ ޕަބްލިޝާއިން ބުނީ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު މިވާހަކަ ބާޒާރަށް ނެރެން ހަމަޖެހިފައިވާ ކަމަށެވެ. އަދި އަންނަ ހަފްތާ ވާހަކައިގެ ޕްރި އޯޑަރަށް ހުޅުވާލާނެ ކަމަށް ވެސް ބުންޏެވެ.

"ވާހަކަ ޕަބްލިޝާ"އިން ނެރޭ މިއީ ދެ ވަނަ ވާހަކަ ފޮތެވެ. މީގެ ކުރިން ނެރެފައި ވަނީ، އަހުމަދު އިގްބާލް (އައިކިއު) ލިޔެފައިވާ ކުޑަކުދިންގެ ވާހަކަ ފޮތް "ބަސްނާފުށި" އެވެ.