އިންޑިއާގެ ޗެންނާއީގައި ބާއްވާ ބައިނަލްއަގްވާމީ 14 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތެއް ކަމަށްވާ އިންޓަނޭޝަނަލް ކަޕް އޮފް ޖޯއި ގެ ތިންވަނަ އެޑިޝަންގެ ގުރޫޕް ސްޓޭޖް ފަހު މެޗަށް ސްޕޯޓްޒް ނޭޝަން ހާޒިރު ނުވުމުން މާޒިޔާއަށް ސެމީގެ ޖާގައެއް ކަށަވަރު ކޮށްފި އެވެ.

އިންޑިއާގެ ކެލަމްބަކަމް ގެ ޗެޓިނާދް ސްކޫލުގައި މިއަދު ހަވީރު ކުޅެން ހަމަޖެހިފައި އޮތް މެޗަށް ސްޕޯޓްޒް ނޭޝަންޒް ހާޒިރު ނުވުމުން މެޗުގެ އޮފިޝަލު ވަނީ މާޒިޔާއަށް ދެ ގޯލުގެ ލީޑަކާ އެކު ތިން ޕޮއިންޓް ލިބުނީ ކަމަށް ނިންމާފަ އެވެ. މި ނަތީޖާއާ އެކު މާޒިޔާ ސެމީއަށް ދަތުރު ކުރީ ގުރޫޕް އޭ ގެ ރަނާސް އަޕް ގެ ގޮތުގައެވެ.

އެގޮތުން އެ ޓީމު ވަނީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށް ހަ ޕޮއިންޓް ހޯދަައިގެންނެވެ. އެ ޓީމުން ސެމީ ފައިނަލުގައި ބައްދަލު ކުރާން ޖެހޭނީ މުބާރާތުގެ ފެވަރިޓުންގެ ގޮތުގައި ބެލެވިފައި އޮތް ޗެއްނާއިޔަން އެފްސީއާ އެވެ.

މާޒިޔާއިން މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ރިލަޔަންސް ޔަންގް ޗޭމްސްއާ ވާދަކޮށް 1-2 އިން ބަލިވި ނަމަވެސް ދެވަނަ މެޗުގައި ފާސްޓް ކިކް އެސްއެސްއޭ އާއި ވާދަކޮށް 0-6 ގެ ބޮޑު ތަފާތަކުން ވަނީ މޮޅުވެފަ އެވެ.

މި މުބާރާތުގައި ރާއްޖޭގެ މާޒިޔާގެ އިތުރުން 11 ޓީމެއް ވާދަކުރާއިރު، މެޗުތައް ކުޅެނީ ތިން ގުރޫޕަކަށް ބަހާލައިގެން ނެވެ. މާޒިޔާގެ ޒުވާން ޓީމުގެ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރި ވަމުން އަންނަނީ މުހައްމަދު އާރިފް (އާރިއްޕެ) އެވެ.

މި މުބާރާތަކީ އިންޑިއާގެ އެންމެ ބޮޑު ފުޓުބޯޅަ ލީގު ކަމަށްވާ އިންޑިއަން ސުޕަ ލީގު އަދި އެ ގައުމުގެ ބޮޑެތި ފުޓުބޯޅަ އެކަޑަމީތައް ވެސް ބައިވެރިވާ މުބާރާތެކެވެ.

އިންޑިއާގެ ޔޫތް އެކެޑެމީތަކަކީ އޭސީ މިލާނާއި ލިވަޕޫލާއި ބެންފީކާ އަދި ބަޔާން މިއުނިކް ފަދަ ދުނިޔޭގެ ނަން މަޝްހޫރު ކުލަބުތަކާ ގުޅިގެން ހިންގާ ބޮޑެތި އެކެޑެމީތަކަކަށް ވާ އިރު އެގައުމުގެ ޒުވާން ޓީމުތައް އަންނަނީ ފަހަކަށް އައިސް ބައިނަލް އަގުވާމީ މުބާރާތްތަކުގައި ވެސް ވާދަ ކޮށް ރަނގަޅު ނަތީޖާތަކެއް ވެސް ހޯދަމުންނެވެ.

މި މުބާރާތުގެ ސެމީ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މާދަމާ އެވެ.