އައްޑޫގައި މި މަހު ފަށާ 17 ވަނަ ސާކްސަމިޓާ ގުޅުވައިގެން ފުވައްމުލަކުގައި މިއަދު ފެށި ސަރަހައްދީ ކުރިކެޓް މުބާރާތުގެ ދެ ވަނަ މެޗް ފަސޭހަކަމާއިއެކު ސްރީލަންކާ ކާމިޔާބު ކޮށްފި އެވެ.

ބަގްލަދޭސް ފިޔަވައި ސާކްގެ 25 އަހަރުން ދަށުގެ ޤައުމީ ކްރީކެޓް ޓީމްތައް ބައިވެރިވާ މުބާރާތް ކުރިއަށްދާ ޏ. ފުވައްމުލަކު "އަޙުމަދު އަލި ދީދީ ކްރިކެޓް ގްރައުންޑް"ގައި މިއަދު މެންދުރު ފަހު ކުޅުނު މިމެޗް ލަންކާ ޓީމުން ކާމިޔާބު ކުރީ ނޭޕާލާއި ދެކޮޅަށް ކުޅެގެނެވެ.

ލަންކާގެ ޑެނިޝްކާ މެސްތިޔަގެ ސެންޗަރީއެއް ހެދި މި މެޗުގައި ފުރަތަމަ ބެޓް ކުރަން ނުކުތީ ލަންކާ ޓީމެވެ. ލަންކާ ޓީމް ކުޅެން ނުކުމެ 20 އޯވަރުތެރޭ ހަތަރު ވިކެޓަށް 240 ލަނޑުދިނެވެ. ލަންކާ ޓީމުން އެންމެ ގިނަ ލަނޑު ހަދާފައިވަނީ 105 ލަނޑާއި އެކު ސެންޗަރީހެދި ޑެނިޝްކާ އެވެ. މި އިނިންގްސްގައި އެންމެ ރަނގަޅަށް އުކާފައިވަނީ ހަތަރު އޯވަރު 57 ލަނޑަށް ތިން ވިކެޓް ނެގި ނޭޕާލް ޓީމުގެ ޕަރާސް ކަދްކާ އެވެ.

ޖަވާބުގައި ނޭޕާލުން ކުޅެން ނުކުމެ 20 އޯވަރުގެ ތެރޭ ދެވުނީ 164 ލަނޑެވެ. ނޭޕާލް ޓީމުން އެންމެ ރަނގަޅަށް ސްކޯކޮށްފައި ވަނީ 27 ބޯޅައިން 35 ލަނޑު ދިން ޕްރަދީޕް އައިރީ އެވެ. މި އިނިންގްސްގައި ލަންކާ ޓީމުން އެންމެ ރަނގަޅަށް އުކާފައިވަނީ ހަތަރު އޯވަރު 24 ލަނޑަށް ތިން ވިކެޓް ނެގި ނިމާ ބާންކު ރާޖަޕަކްސެ އެވެ.

މުބާރާތުގައި މިއަދު ކުޅުނު ފުރަތަމަ މެޗް ދިވެހި ރާއްޖެ ކާމިޔާބު ކުރީ ބޫޓާނާ ވާދަކޮށް ފަސް ވިކެޓުންނެވެ.

މިމަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި މާދަމާ ވެސް ދެ މެޗް ކުޅުމަށް ހަމަޖެހިފައި ވެއެވެ. އެގޮތުން މާދަމާ ހެދުނު 9:30 ގައި ބައްދަލުކުރާ ދެޓީމަކީ އިންޑިއާ އާއި ޕާކިސްތާނެވެ. އަދި މާދަމާ މެންދުރު ފަހުގެ މެޗްގައި ބައްދަލުކުރާ ދެ ޓީމަކީ ރާއްޖެއާއި އަފްގާނިސްތާނެވެ.