ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ޕާސްޕޯޓު ހިފަހައްޓާފައި ވަނިކޮށް ފިލި މައްސަލައިގައި އިތުރު މައުލޫމަތު ހާމަ ކުރަން ފުލުހުން ދެކޮޅު ހަދައިފި އެވެ.

އަދީބު ފިލި ހަބަރު މީޑިއާއަކުން ރިޕޯޓު ކުރިތާ ދެ ދުވަސް ވީއިރު ފުލުހުން މިހާތަނަށް ނެރުނީ ކުރު ބަޔާނެކެވެ.

އަދީބު މައްސަލައިގައި ފުލުހުންގެ މީޑިއާއަށް ގުޅުމުން ބުނީ، އެމައްސަލައި ފުލުހުން ނެރުނު ބަޔާނުގެ އިތުރަށް އިތުރު ކޮމެންޓެއް ނެތް ކަމަށެވެ.

"އިތުރު މައުލޫމަތު ހާމަ ކުރުމަށް ފުލުހުންނަށް ފެނިއްޖެ ނަމަ ފުލުހުން އިސްވެ އެ މައުލޫމަތު ހާމަ ކުރަމުން ގެންދާނެ ވާހަކަ ދައްނަންވަން،" ފުލުހުންގެ މީޑިއާގެ ފަރާތުން ބުންޏެވެ.

އަދީބު ފިލި މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ނެރުނު ނޫސްބަޔާނުގައި ބުނީ، އެކުވެރި ގައުމުތަކާ ގުޅިގެން އަދީބު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އަދީބު ފިލުމަށް އެހީތެރިވި މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށްވެސް ބަޔާނުގައި ބުންޏެވެ.

ރާއްޖޭގެ ތާރީހުގައި ހިނގި އެންމެ ބޮޑު ވައްކަން، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މުގުލުގައި ހުރި އެންމެ ބޮޑު އެއް މޭސްތިރިޔާކަމަށް ތުހުމަތު ކުރެވޭ އަދީބު ފިލުމުގެ ސަބަބުން ފުލުހުންނަށާއި ކަމާ ގުޅުން ހުރި އިދާރާތަކަށް އާންމުގެ ފާޑު ކިޔުން ވަނީ އަމާޒު ވެފަ އެވެ. އަދީބު ފިލައިގެން އިންޑީއާ އިން އަތުލައިގަނެވުމަކީ، ފުލުހުންގެ އިންޓެލިޖެންސްގެ ވަރަށް ބޮޑު ފެއިލް ވުމެއް ކަމަށް ބައެއް އާންމުން ދަނީ ބުނަމުންނެވެ.

އިންޑީއާ ނޫސްތަކުގައި މިއަދު ރިޕޯޓު ކޮށްފައިވާ ގޮތުން ފިލައިގެން ގޮސް އެގައުމުގެ ހިމާޔަތަށް އެދިފައިވާ އަދީބު ރޭ ފަތިހު އެގައުމުން ހިމާޔަތް ނުދީ އަނބުރާ ރާއްޖެ ވަނީ ފޮނުވާލައިފަ އެވެ. އަދި އޭނާ ރާއްޖެ ފޮނުވާލީ، އޭނާ ރާއްޖެއިން ފިލައިގެން ގޮސް، އިންޑިއާގެ ސަރަހައްދަށް އެތެރެވި ޓަގް ބޯޓް، "ވާގޯ-9" ގައި ކަމަށްވެސް އެ ގައުމުގެ ނޫސްތަކުން ވަނީ ރިޕޯޓު ކޮށްފަ އެވެ.

ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުން އަދީބު އަނބުރާ ރާއްޖެ ފޮނުވާލުމުގެ ކުރިން އިންޑިއާ އާއި ރާއްޖޭގެ އޮފިޝަލުންގެ ޓީމެއް އަދީބު ހުންނެވި ޓަގް ބޯޓަށް ރޭ އަރައި އޭނާއާ ސުވާލު ކޮށްފައިވެ އެވެ.

ނަމަވަސް މި ވާހަކަތަކާ ގުޅިގެން ދިވެހި ފުލުހުންވެސް އަދި އިންޑީއާގެ ސަރުކާރުންވެސް ރަސްމީ ބަހެއް ބުނެފައެއް ނުވެ އެވެ. އަދީބު ފިލައިގެން އިންޑީއާގެ ޓުޓިކޮރިން ބަނދަރުން އަތުލައިގަތީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު އެވެ.

ޕްރޮސެކުއުޓާ ޖެނެރަލް އައިޝަތް ބިޝާމް ރޭ "ސަން" އަށް ވިދާޅުވީ، އަދީބު ފިލައިގެން ގޮސްފައިވަނީ އޭނާގެ އިސްތިއުނާފީ މައްސަލަ ނިމެންދެން ބަންދުގެ އަމުރަކަށް އެދިފައިވަނިކޮށް ކަމަށެވެ. ބިޝާމް ވިދާޅުވީ، ސުޕްރީމް ކޯޓުން އެ އަމުރު ނެރެދީފައި ނުވާ ކަމަށެވެ.

އެކި އެކި ތުހުމަތުތަކުގައި އަދީބުގެ މައްޗަށް ޝަރުއީ ކޯޓުތަކުން 33 އަހަރުގެ ޖަލު ހުކުމްތަކެއް އިއްވި އެވެ. ނަމަވެސް އެހުކުމްތައް ވަނީ ފަހުން ބާތިލް ކޮށްފައެވެ. އެ ހުރިހާ ހުކުމެއްގެ ތެރެއިން ކޯޓު މަރުހަލާގައި އޮތީ އެންމެ ހުކުމެކެވެ.

އެއީ ޅ. މާބިންހުރާގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ކުއްޔަށްދިން ކުރެއްދޫ ހޯލްޑިންގްސް އިން އެމްއެމްޕީއާރްސީއަށް ދިން އެއް މިލިއަން ޑޮލަރަށް ހިޔާނާތްތެރިވި މައްސަލައިގައި އަދީބަށް އިއްވި އަށް އަހަރުގެ ޖަލު ހުކުމް ބާތިލު ކުރި މައްސަލަ ދައުލަތުން އިސްތިއުނާފު ކުރި މައްސަލައެއެވެ. އެ މައްސަލަ އޮތީ ސުޕްރީމް ކޯޓުގައެވެ. އިސްތިއުނާފީ މައްސަލައިގައި ގޮތެއް ކަނޑައަޅަން ދެން ޖޫން، 24 ވަނަ ދުވަހު ސުޕްރީމް ކޯޓުން އޭނާގެ ޕާސްޕޯޓު ހިފެހެއްޓި އެވެ.