ޔުނެސްކޯގެ ދާއިމީ މެމްބަރުކަން ފަލަސްތީނަށް ދިނުމަށް ނެގި ވޯޓުގައި ރާއްޖެ ބައިވެރިނުވެ ދިވެހި ވަފުދު ރާއްޖެ އައުމުގެ ޒިންމާ ނަގަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ]ޕީޕީއެމް[ އިން ބުނެފި އެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު ހަވީރު އޮތް ނޫސްވެރިންގެ ބައްދަލު ވުމެއްގައި އެ ޕާޓީގެ ކައުންސިލް މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެމްބަރު އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވީ ވޯޓުގައި ބައިވެރިނުވުން އެއީ ސަރުކާރުން ދިވެހިންނަށްދިން ވަރަށް ބޮޑު"ލަނޑެއް" ކަމަށެވެ.

އަދި ކޮންފަރެންސަށް ރާއްޖެ އިން ވަޑައިގަތް ވަފުދުގެ އެންމެ އިސްވެރިޔަކަށް ހުންނެވީ އެޑިޔުކޭޝަން މިނިސްޓަރު ޝިފާ މުހަންމަދު ކަމަށް ވިޔަސް އެކަމުގެ ހުރިހާ ޒިންމާއެއް ޝިފާގެ ބޮލުގައި އެޅުވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިކަމުގެ ހުރިހާ ޒިންމާއެއް ޝިފާ އުފުލާކަށް ނުޖެހޭނެ. މީގެ ހުރިހާ ޒިންމާއެއް ނަގަން ޖެހޭނީ މައި ސޯބު. އެއީ މިގައުމުގެ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުރި ކ. ކެނެރީގޭ މުހަންމަދު ނަޝީދު،" ނިހާން ވިދާޅުވި އެވެ.
ނިހާން ވިދާޅުވި ގޮތުގައި ފަލަސްތީނު މައްސަލައިގައި ނެގި ވޯޓުގައި ބައިވެރިނުވުމާއި އޭގެކުރިން ގައުމުތަކުން ގެންގުޅުނު ސްޕޮންސާޝިޕް އެގްރީމެންޓްގައި ސޮއި ކުރުމުގެ ކަންތައް ވެސް އެއީ މާކުރިން ސަރުކާރުން ރާވައިގެން ކޮށްފައިވާ ކަމެކެވެ.

"މިއީ މާކުރިން ރާވައިގެން ކޮށްފައިވާ ކަމެއް. އެތަނުގައި ތިބެފައި މާލެ އައިސް ހަގީގަތް ފޮރުވަން ވާހަކަތަކެއް ދައްކާނެ ކަމެއް ނެތް. އެޑިޔުކޭޝަން މިނިސްޓަރު އެތަނުގައި ހުންނަވައިގެން ސޮޕަންސާޝިޕް އެގްރީމެންޓްގައި ނަޒީރު ލައްވައި ސޮއި ކުރުވަންވީ ކީއްކުރަންތޯ. ޝިފާ ސޮއި ނުކުރީ ރައީސް ނަޝީދުގެ އޯޑަރަކަށް ކަމަށް ބެލެވެނީ. އެހެންވެ ޝިފާ އެއިން ބޯ ދަމައިގަތުމަށް ފަހު ނަޒީރު ލައްވައި އެއޮތީ އެހަޑި ހާވާފައި،" ނިހާން ވިދާޅުވި އެވެ.

މިނިއުސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ތަރުޖަމާން އަޙްމަދު މަހުލޫފް ވިދާޅުވީ ވޯޓުގައި ބައިވެރިވެނުވެ ޝިފާ މާލެވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ވަޑައިގަންނަވަން ޖެހިފައިވާތީ ކަމަށް ދައްކަވާ ވާހަކައަކީ ތާކުންތާކުނުޖެހޭ ވާހަކަތަކެއް ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ދާން އަންގާފައި އޮތަސް އެހާ ބޮޑު ކަމެއްގައި ބައިވެރިވާން ޖެހުމުން ސިޓީއެއް ފޮނުވާލިޔަސް އެކަން މަޖިލީހުން ހަމަޖައްސަދޭނެ." މަހުލޫފް ވިދާޅުވި އެވެ.

ފަލަސްތީނު މައްސަލައިގައި ޔުނެސްކޯގެ މެމްބަރު ގައުމަކަށް ފަލަސްތީނު ހަދަން ފެންނަ ނުފެންނަ ވޯޓު ނެގި ޖަލްސާގައި ބައިވެރިނުވެ ރާއްޖެ ވަޑައިގަންނަވަން ޖެހުނު ސަބަބެއް ކަމަށް އެޑިޔުކޭޝަން މިނިސްޓަރުގެ ނައިބު އަބްދުﷲ ނަޒީރު މިއަދު ވިދާޅުވެފައި ވަނީ މަޖިލީހުގެ ކޮމިޓީއަކަށް މިދިޔަ އާދީއްތަ ދުވަހު މިނިސްޓަރު ޝިފާ ވަޑައިގަންނަވަން ޖެހިފައި އޮތުމެވެ.

އެމައްސަލައިގައި ސަރުކާރުން އަމަލު ކުރައްވާފައިވާ ގޮތާ މެދު އަދާލަތު ޕާޓީން ވެސް މިއަދު ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.