03 Aug 2019, 13:55
މޮރިޝަސްގައި ކުރިއަށް ދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ލީގު މެދު ކަނޑާލުމަށްފަހު މިއަދު އަލުން އަނބުރާ ކުޅެން ފެށި ނަމަވެސް، މި ލިބުނު ވަގުތުގެ ބޭނުން އެންމެ ރަނގަޅަށް ނުހިފުނީ ކުޅުންތެރިން ހަމައަށް ޕްރިކްޓިހަށް ނާންނާތީ ކަމަށް ނިލަންދޫގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނެފި އެވެ.
މިދިޔަ މަހުގެ އަށްވަނަ ދުވަހު ލީގު މެދު ކަނޑާލުމަށްފަހު ޓީމުތަކަށް ފަރިތަކުރުންތައް އިތުރުކޮށް ރަނގަޅު ތަމްރީނުތަކެއް ކުރުމަށްޓަކައި މި ވަނީ މަހެއްހާ ދުވަހުގެ ބްރޭކެއް ލިބިފަ އެވެ. އަދި ގައުމީ ޓީމުގެ ކުޅުންތެރިން ނުލައި ބާކީ ތިބި ކުޅުންތެރިން ހިމަނައިގެން ރަނގަޅު ތައްޔާރީތަކެއް ޓީމުތަކުން ވީ ނަމަވެސް މިވަގުތު ލީގުގެ ފުލުގައި އޮތް ނިލަންދޫއަށް ލިބުނު ވަގުތުގައި އެންމެ ރަނގަޅު ފަރިތަކުރުންތަކެއް ހެދިފައި ނުވާ ކަމަށް އެ ޓީމުގެ ކޯޗު ވަނީ ބުނެފަ އެވެ.
ލީގުގެ ކުޅުން އަނބުރާ ފެށުމުގެ ގޮތުން މިއަދު ކުޅޭ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ނިލަންދޫއާއި ގްރީންސްޓްރީޓް އެވެ.
ލީގުގައި މި ފަހަރު ވާދަކުރުމުގެ ފުރުސަތު އެންމެ ފަހުން ލިބުނު ނިލަންދޫ ޓީމުން މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން ވެސް ބަލިވެފައިވާ އިރު އެ ޓީމުގެ ކޯޗު އަބަދުވެސް ދައްކަމުން އައި ވާހަކަ އަކީ ޕްރެކްޓިހަށް ގިނަ ކުޅުންތެރިން ހާޒިރު ނުވާ ވާހަކަ އެވެ. ނަމަވެސް ޕްރެކްޓިހަށް އަންނަ ކުޅުންތެރިންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭތީ އުފާ ކުރާ ކަމަށް ކޯޗު ބުންޏެވެ.
"މި ފަހަރު ތައްޔާރުވާން އެކަށީގެންވާ ވަރަށް ވަގުތު ލިބިއްޖެ. ދެން ހުރި ކަންތައްތަކުގެ ވާހަކަ މި ވަގުތު ދައްކާކަށް ނެތިން. އެ ވަގުތު ލިބިގެން ކަންތައްތަކެއް ނުކުރެވުމަކީ ކޮންމެވެސް ބަޔަކު ޒިންމާވާންޖެހޭނެ ކަމެއް. އަޅުގަނޑު ވިޔަސް އެހެން ބަޔަކު ވިޔަސް،" ފެސްކޯ ބުންޏެވެ.
ފެސްކޯ ބުނީ މިފަހަރުގެ ލީގަށް ނިލަންދޫގެ ލިސްޓުގައި ބޭރު ހަތަރު ކުޅުންތެރިންގެ ނަން ޖަހާފައިވާއިރު، އެ ޓީމަށް މިހާތަނަށް ގުޅުނީ އެންމެ ބިދޭސީ ކުޅުންތެރިއެއް ކަމަށެވެ. އެ ކުޅުންތެރިއަކީ ކުރިން ނިއު ރޭޑިއަންޓަށް ކުޅުނު ކިންގްސްލީ އެވެ.
"ގްރީން ސްޓްރީޓްސް ކަހަލަ ވަރުގަދަ ޓީމަކާ ދެކޮޅަށް ކުޅޭއިރު މި ވަގުތު އަޅުގަނޑުމެން ވިސްނަންވީ ކުރެވުނު ހުރިހާ މަސައްކަތެއް ކުރަން ތައްޔާރުވުން. ޓްރެއިނިން ރަނގަޅު މެޗުތަކެއް ލިބުނުނަމަ ފަސޭހަވީސް."
ނިލަންދޫއަށް ދިމާވެފައިވާ މައްސަލަތަކާ އެކު ވެސް އެ ޓީމަށް އިތުރުވި ބޭރު ކުޅުންތެރިޔާއާއި މިދިޔަ ދުވަސްތަކުގެ ތެރޭގައި ހޯދި ތަމްރީންތަކަށް ބަލައި ގްރީން ސްޓްރީޓުގެ ކޯޗު އަލީ ސުޒޭން ބުނީ މިއީ އޭނާގެ ޓީމުން ފަސޭހަކޮށް ދެކޭނެ މެޗެއް ނޫން ކަމަށެވެ.
"އެ މީހުންނަށް ވެސް ލަދުގަންނަންޖެހޭ ވަރުގެ ނަތީޖާތަކަށް ނުވާވަރަށް އެ މީހުންގެ މަސައްކަތް ބައްޓަންކުރެވެމުންދާކަން ފާހަގަވޭ ހަމަ. އެ ހުރިހާ ކަމަކަށް ބަލާއިރު ނިލަންދޫ މިދިޔަ މެޗުތަކަށް ވުރެ ރަނގަޅުވާނެ. ނިލަންދޫގެ ކުރިއެރުމަކީ ގްރީން އަށް އޮތް ކަންބޮޑުވުމެއް ނޫން. އެއީ ލީގަށް އަންނަ ކޮންމެ ކުރިއެރުމަކީ ގްރީން އަށް ވެސް އަންނަ ކުރިއެރުމެއް،" ސުޒޭން ބުންޏެވެ.