03 Aug 2019, 14:03
އިސްލާމް އާބާދު (އޮގަސްޓް 3): ޕާކިސްތާނުގައި ކާބޯތަކެތީގެ އަގު އާދަޔާ ޚިލާފަށް ބޮޑުވެ ރައްޔިތުން ރުޅިވެރިކަން ފާޅުކުރަމުން ގެންދަނިކޮށް ކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ އަގު ސަރުކާރުން ހެޔޮކޮށްފި އެވެ.
ޕާކިސްތާނުގެ ރަސްމީ މީޑީއާ ބުނާގޮތުން ކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ އަގު ހެޔޮކުރީ ބޮޑުވަޒީރު އިމްރާން ހާން ޚާއްސަ އިސްކަމެއް ދެއްވައިގެންނެވެ. ޕާކިސްތާނުގެ އާންމު ރައްޔިތުންގެ ގިނަ ބަޔަކު މައިގަނޑު ކެއުމުގެ ގޮތުގައި ބޭނުންކުރާ ތަކެތީގެ ތެރޭގައި ހިމެނެނީ ރޮއްޓާއި ނާންއާއި މުގުގެ އިތުރުން ހަކުރާއި ހަޑޫފަދަ ބާވަތްތަކެވެ. މީގެތެރެއިން އަގު ހެޔޮކޮށްފައިވަނީ ރޮއްޓާއި ނާންއާއި މުގާއި ހަކުރާއި ހަނޑުލުގެ އަގުތަކެވެ.
ޕާކިސްތާނުގައި ކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ އަގުތައް އުފުލެމުންދަނީ އެގައުމުގެ އިގްތިސާދަށް ކުރިމަތިވެފައިވާ އާދައާ ޚިލާފު ހީނަރުކަމުގެ ސަބަބުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މިކަމުގެ ސަބަބުން ބައެއް ބާވަތްތަކުގެ އަގު ދެގުނައަށް މައްޗަށް ގޮސްފައިވެއެވެ. މިމައްސަލާގައި ޕާކިސްތާނުގެ އާންމުން އިންތިހާއަށް ކަންބޮޑުވެފައިވާއިރު މިމައްސަލަ އަވަސް ގޮތެއްގައި ހައްލު ނުކޮށްދީފިނަމަ ބޮޑުވަޒީރު އިމްރާންޚާންގެ މަގްބޫލުކަން ގެއްލި ސަރުކާރާ ދެކޮޅަށް އާންމުން މުޒާހަރާ ކުރާ ހިސާބަށް ކަންތައްތައް ދާނެކަމުގެ ބިރުވަނީ ހީވެފައެވެ.
ކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ އަގު ހެޔޮކުރީ ސަރުކާރުން ސަބްސިޑީ ގެ އުސޫލު ބޭނުންކޮށްގެން ކަމަށް ޚަބަރުތައް ބުނެއެވެ. މިގޮތުން ކުރިން 10 ރުޕީސް އަށް ވިއްކި ރޮށި މިހާރުވަނީ 7 ރުޕީސް އަށް ލިބޭގޮތްވެފައެވެ. އަދި ކުރިން 15 ރުޕީސް އަށް ވިއްކި ނާނުގެ އަގު މިހާރުވަނީ 10 ރުޕީސް އަށް ދަށްކޮށްފައެވެ.
އިމްރާން ޚާން ވެރިކަމަށް ވަޑައިގަތުމަށްފަހު އިގްތިސާދު ހަމައަކަށް އެޅުވުމަށްޓަކައި ބޮޑެތި މަސައްކަތްތަކެއް ފަށާފައި ވީނަމަވެސް މީގެ އަހަރެއްހާ ދުވަސް ކުރިއާ އަޅާ ބަލާއިރު ޕާކިސްތާނުގެ ބާޒާރުގައި ފާއިތުވި ތިން މަސްތެރޭގައިވަނީ ކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ އަގުތައް ވަނީ 10 އިންސައްތައަށްވުރެ މައްޗަށް އުފުލިފައެވެ. އަދި ލަގްޒަރީ ބާވަތްތަކުގެ އަގުތައްވަނީ 20 އިންސައްތައާއި 30 އިންސައްތައިގެ މިންވަރަކަށް އުފުލިފައެވެ.
މީގެއިތުރުން ކަރަންޓްގެ އަގާއި ކަރާސީނާއި ޕެޓްރޯލާއި ޑީސެލްގެ އަގުތައްވެސްވަނީ 23 އިންސައްތައަށް ބޮޑުވެފައެވެ. (ނޫސްއެޖެންސީތައް)