މަސްތުވާތަކެއްޗާއެކު ޓީ ޖެޓީޏް ހިފެއްހެޓި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

މަސްތުވާތަކެއްޗާއެކު ޓީޖެޓީގައި އޮތް މުދާއުފުލާ ދޯންޏަކުން ރާއްޖޭގެ ރަށަކަށް ފުރަން އުޅެނިކޮށް 40 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރު ކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ، އޭނާގެ ބަންދަށް ކުރިމިނަލް ކޯޓުން 15 ދުވަސް މިދިޔަ ބުރާސްފަތި ދުވަހު ޖަހާފައިވާ ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ.

އޭނާ ބަލާ ފާސްކުރިއިރު އޭނާ ލައިގެން ހުރި ޖިންސްގެ ވާތްފަރާތު ކުރިމަތީ ޖީބުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި ރަބަރު ޕެކެޓަކާއި އޭނާގެ ކޮނޑުގައި އޮތް ދަބަހުންވެސް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ހަތަރު ރަބަރު ޕެކެޓު އަދި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗިހި އަޅާފައި ހުރި ކޮތަޅެއް ފެނިފައިވެއެވެ.

މި ތަކެތީގެ ބަރުދަނުގައި 80 ގްރާމު ހުރިކަމަށް ވެސް ފުލުހުން ބުނެއެވެ.

އެމީހާގެ ބަންދަށް 15 ދުުވަސް ޖެހި އިރު، މިދިޔަ އަންގާރަ ދުވަހު ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި ހަ ކިލޯޯގެ މަސްތުވާތަކެއްޗާއެކު ފަސް މީހަކު ހައްޔަރު ކުރިއެވެ. އެ ފަސް މީހުންގެ ތެރޭގައި މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް އޭގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ބޮޑު ޑީލަރަކު ވެސް ހިމެނެއެވެ. އެ ފަސް މީހުންގެ ބަންދަށް ވެސް ކުރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.