01 Nov 2011, 17:43
ސަރުކާރުން ރާވައިގެން އެސްޓިއޯ އިން ކްރެޑިޓަށް ތެޔޮ ނަގާފައިވާ ކަމަށް ބުނެ، އެތަށް މިލިއަން ރުފިޔާއެއް ހޯދުމަށް މެރީޑިއަމް ސާވިސަސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ކޯޓްގައި ކުރާ ދައުވާތަކުގެ ސަބަބުން ވިޔަފާރި ބަނގުރޫޓްވެފައިވާ ކަމަށް ކުންފުނީގެ ޗެއާމަން އަދި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ސިވިލް ކޯޓްގެ ޝަރީއަތުގައި މިއަދު ވިދާޅުވެއްޖެ އެވެ.
ކްރެޑިޓަށް ނަގާފައިވާ ތެލަށްވާ 20 މިލިއަން ރުފިޔާ ހޯދުމަށް އެސްޓިއޯ އިން ސިވިލް ކޯޓްގައިކޮށްފައިވާ ދައުވާގެ އަޑުއެހުމުގައި މެރީޑިއަމް ދިފާއުކޮށް ވާހަކަފުޅު ދައްކަވަމުން ރިޔާޒު ރަޝީދު ވިދާޅުވީ އެސްޓީއޯ އިން ކުރާ ދައުވާގައި ކުންފުނިން ދަރަންޏެއް ދަށްކަން ޖެހޭ ކަމަށް ސާބިތު ނުކުރެވޭނެ ކަމަށެވެ. އަދި މެރީޑިއަމް އިން ކްރެޑިޓަށް ތެޔޮ ނަގާފައިވާ ކަމަށް ބުނެ، ދައުވާ ސާބިތު ކުރުމަށް ކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކަކީ ސައްހަ ލިޔެކިޔުންތަކެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ތެޔޮ ކްރެޑިޓަށް ނެގި ކަމަށް ބުނެ މެރީޑިއަމްގެ ފަރާތުން އެ ލިޔެކިޔުންތަކުގައި ސޮއިކުރައްވާފައި ވަނީ އޭނާގެ ކުންފުނީގެ މުވައްޒަފެއް ނޫން ކަމަށް ރިޔާޒް ރަޝީދު ވިދާޅުވި އެވެ.
"މިދަންނަވަނީ މި ދައުވާއަކީ ސަރުކާރުން ރާވައިގެން އަޅުގަނޑުގެ ދުވަސް ދުއްވާލުމަށް އެސްޓީއޯ އިން ކުރާ ދައުވާއެއް. އެއީ ރައްޔިތުންގެ މަޖިލީހުގައި އަޅުގަނޑު ސަރުކާރާ ދެކޮޅަށް ވޯޓެއް ދިން ހިސާބުން ފެށިގެން މިކަންތަކެއް މި ކުރަނީ. އެސްޓީއޯ އިން ކޯޓަށް ހުށަހަޅާފައިވާ ހުރިހާ އެއްޗަކަށް އަޅުގަނޑު ދެކޮޅު ހަދަން،" ރިޔާޒް ރަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެސްޓީއޯ އިން ފައިސާ ދައްކަން ޖެހޭ ކަމަށް ބުނާ ލިޔެކިޔުންތަކުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރި މީހެއްގެ ނަމެއް، އެސްޓީއޯގެ ތައްގަނޑެއް ނެތް ކަމަށެވެ. އަދި ކޯޓަށް އެސްޓީއޯ އިން ހުށަހެޅި ހެކިތަކަކީ "ވަގު" ކޮޕީތަކެއް ކަމަށް އޭނާ ތުހުމަތު ކުރެއްވެވި އެވެ. އަދި އެފަދަ ކަންތައް ނުކުރެވޭނެ ކަމަށް ގާނޫނު އަސާސީގެ 52 މާއްދާގައި ބުނެފައިވާ ކަމަށް ވެސް ރިޔާޒް ރަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 11 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދި ޕެޓްރޯލްޝެޓަށް ފައިދާ ނުވެގެން، ބަންދުކޮށްފައިވާ ކަމަށެވެ. އަދި ކުލީގެ ގޮތުގައި ބޮޑު ފައިސާއެއް ދައްކަންޖެހޭއިރު ކުންފުނީގެ މުވައްޒަފުންގެ އަދަދު 100 އިން 27 އަށް ތިރިކޮށްފައިވާ ކަމަށް ރިޔާޒު ވިދާޅުވީ އެވެ.
އަމިއްލަ ކުންފުނީގެ ދިފާއުގައި ރިޔާޒް ދެއްކެވި ވާހަކަފުޅުތައް އެސްޓީއޯ އިން ދޮގު ކުރެ އެވެ. އެސްޓީއޯގެ ވަކީލް ވިދާޅުވީ ޝަރީއަތަށް ހުށަހެޅި ލިޔެކިޔުންތަކަކީ ފޯޖްކޮށްފައިވާ ތަކެތި ކަމަށް ބުނެ، ޖިނާއީ ތުހުމަތެއް އެސްޓީއޯގެ މައްޗަށް ކޮށްގެން ނުވާނެ ކަމަށެވެ.
މިއަދުގެ ޝަރީއަތް ގާޒީ ނިންމާވާލެއްވީ އެސްޓީއޯ އިން ހުށަހަޅާފައިވާ ލިޔެކިޔުންތަކުގެ އަސްލު ކޯޓަށް ހުށަހެޅުމަށާއި އެސްޓީއޯގެ ބަޔާނަށް މެރިޑިއަމް އިން ޖަވާބު ދެއްވުމަށް ފުރުސަތު ދެއްވަމުންނެވެ.