19:00


ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރަކީ ވަޒީރުން ފެންވަރުގެ ބޭފުޅުން ކަމަށް ކަނޑައަޅުއްވައި، މެޖޯރިޓީ ލީޑަރަކީ އިދިކޮޅު ޑީއާރުޕީގެ ލީޑަރު އަދި އެ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުގެ ވެސް ލީޑަރު އަހުމަދު ތަސްމީން އަލީ ކަމަށާއި މައިނޯރިޓީ ލީޑަރަކީ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު ރީކޯ މޫސާ މަނިކު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތުން މިއަދު އިއްލާން ކުރައްވައިފި އެވެ.


މަޖިލީހުގައި ގަވާއިދަށް ގެނައި އިސްލާހުގައި، މަޖިލީހުގައި މެޖޯރިޓީ ލީޑަރަކާއި މައިނޯރިޓީ ލީޑަރެއް ހުންނަންވާނެ ކަމަށް ވަނީ ބުނެފަ އެވެ. އެހެންވެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވީ، މަޖިލީހުގައި ޑީއާރުޕީން 27 މެމްބަރުން އަދި އެމްޑީޕީން 29 މެމްބަރުން ތަމްސީލް ކުރެއްވި ނަމަވެސް، ސިޔާސީ ޕާޓީއަކުން މަޖިލީހުގައި ކޯލިޝަނެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތު ގަވާއިދުގައި ލިބިފައި އޮވެފައި، ޑީއާރުޕީ އާއި ޕީއޭ އިން މަޖިލީހުގައި މަސައްކަތްކުރާނީ ކޯލިޝަނެއްގެ ގޮތުގައި ކަމަށް ބުނެ ސިޓީ ފޮނުއްވާފައި ވާތީ، ޑީއާރުޕީ އާއި ޕީއޭ ކޯލިޝަންގައި 34 މެމްބަރުން މަޖިލީހުގައި ތަމްސީލު ކުރައްވާ ކަމަށް. އެހެންވެ މެޖޯރިޓީ ލީޑަރަކަށް ޑީއާރުޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު ހަމަޖެހުނީ ކަމަށް ވެސް ރިޔާސަތުން ވިދާޅުވި އެވެ. އަދި މަޖިލީހުގައި ބޮޑު ދެ ޕާޓީގެ އިތުރުން މަޖިލީހުގައި ދެން ތަމްސީލް ކުރައްވަނީ، ޕީއޭއިން ހަތް މެމްބަރުންނާއި، ދިވެހި ގައުމީ ޕާޓީން ދެ މެމްބަރުންނާއި، ޖުމްހޫރީ ޕާޓީން މެންބަރަކާއި، އަދި ވަކި ސިޔާސީ ޕާޓީއަކާ ގުޅިވަޑައިނުގަންނަވާ 11 މެމްބަރުން ކަމަށް ވެސް ރިޔާސަތުން އިއްލާން ކުރެއްވި އެވެ.


މިކަން އިއްލާން ކުރެއްވުމަށްފަހު، އެ ބޭފުޅުންނަކީ ވަޒީރުން ފެންވަރުގެ ބޭފުޅުންގެ ގޮތުގައި ދައުލަތުގެ ހުރިހާ މުއައްސަސާތަކުން ބަލައިގަތުމަށް ވެސް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އެދިވަޑައިގެންނެވި އެވެ.