03 Aug 2019, 09:55
ނުވައިދިހައިގެ އަހަރުތަކުގައި މަގްބޫލުވި އިންޑިއާގެ ލަވަކިޔުންތެރިޔާ އުދިތު ނާރަޔަން އަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހުންނަށް ހުށައަޅައިފި އެވެ.
ބޭރުގެ ހަބަރުތަކުން ރިޕޯޓް ކުރާ ގޮތުގައި އުދިތުއަށް މަރުގެ އިންޒާރުދޭތާ މަހަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. އެ މައްސަލަ މިހާރު މުމްބާއި ފުލުހުންނަށް ހުށަޅައި، ފުލުހުން އެ މައްސަލަ ތަހްގީގު ކުރަމުންދާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެ ވެ.
ފުލުހުން ބުނީ އޭނާއަށް މަރުގެ އިންޒާރުދިން ނަންބަރަކީ އުދިތުގެ ސެކިއުރިޓީ ގާޑެއްގެ ނަން މަތީ ނަގާފައިވާ ސިމަކުން ކަމަށެވެ. އޭނާ އަށް އިންޒާރުދެނީ ލަކްޝަންމަން ކިޔާ މީހެއްކަން ފުލުހުންގެ ތަހުގީގަށް ހޯދުނު ކަމަށާއި މިހާރު އޭނާ އަތުލައިގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
"އަހަރެންނަށް އެންމެ ފުރަތަމަ އެކަހަލަ ކޯލެއް އައީ މިދިޔަ އޭޕްރިލް މަހު. އެންމެ ފުރަތަމަ އަޅައެއް ނުލަން. ދެން ތަކުރާރުކޮށް ގުޅުމުން އަހަރެން މަސައްކަތް ކުރިން ނަންބަރު ޓްރޭސް ކުރެވޭތޯ. އެކަމަކު ފޯނު ނިއްވާލާފައި އޮތުމުން އެކަން ކާމިޔާބެއްނުވި،" އުދިތު ބުންޏެވެ.
އޭގެ ފަހުން މިދިޔަ މަހު ޝޯއެއް ޝޫޓް ކުރަން ހުއްޓައި އެ ނަންބަރުން ގުޅާފައި އެބިއުސް ކުރަން ފެށި ކަމަށާއި އެކަމުގެ ސަބަބުން މައްސަލަ ޕޮލިހަށް ހުށައެޅި ކަމަށް ވެސް އުދިތު ބުންޏެވެ.
އުދިތު އަކީ ހަތަރު ފަހަރަށް ނޭޝަނަލް އެވޯޑް ހޯދާފައިވާ ފަންނާނެކެވެ. އަދި އިންޑިއާ ސަރުކާރުންދޭ މަތީ ޝަރަފު ޕަދުމާ ޝްރީ އާއި ޕަދުމާ ބުޝަން ވެސް އޭނާ ވަނީ ހާސިލުކޮށްފަ އެވެ.