ރާއްޖެއިން ފިލައިގެން ގޮސް އިންޑިއާގެ ހިމާޔަތަށް އެދުނު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އެ ގައުމުން އަނބުރާ ރާއްޖެ ފޮނުވާލައިފި އެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ، "ދަ ނިއު އިންޑިއަން އެކްސްޕްރެސް"ގައި ބުނީ އަދީބު އަނބުރާ ރާއްޖެ ފޮނުވާލީ ރޭ ފަތިހުގެ ވަގުތެއްގައި ކަމަށެވެ. އަދި އޭނާ ރާއްޖެ ފޮނުވާލީ، އޭނާ ރާއްޖެއިން ފިލައިގެން ގޮސް، އިންޑިއާގެ ސަރަހައްދަށް އެތެރެވި ޓަގް ބޯޓް، "ވާގޯ-9"އެއްގައި ކަމަށް ވެސް އެ ނޫހުގައިވެ އެވެ.

އަދީބު އަނބުރާ ރާއްޖެ ފޮނުވާލި ކަމަށް އިންޑިއާގެ ނޫސްތަކުން ބުނި ނަމަވެސް، ދިވެހި ސަރުކާރުން އަދި އެކަމާ މެދު އެއްޗެއް ނުބުނެ އެވެ.

އެ ނޫހުގައި އަދި ބުނީ އަދީބު އަނބުރާ ރާއްޖެ ފޮނުވާލުމުގެ ކުރިން އިންޑިއާ އާއި ރާއްޖޭގެ އޮފިޝަލުންގެ ޓީމެއް އަދީބު ހުންނެވި ޓަގް ބޯޓަށް ރޭ އަރައި އޭނާއާ ސުވާލުވެސް ކޮށްފައިވާ ކަމަށެވެ.

އިންޑިއާގެ ނޫސްތަކުން އިިއްޔެ ބުނީ، އަދީބު އިންޑިއާއަށް އެތެރެވުމުގެ ހުއްދަ އެ ގައުމުން ދީފައި ނުވާ ކަމަށާއި އަދީބު ހުންނެވީ ޓަގް ބޯޓްގައި އިންޑިއާގެ ކަމާ ގުޅޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައި ކަމަށެވެ.

ރާއްޖެއިން ފުރައިގެން ދިޔުން މަނާކޮށް ސުޕްރީމް ކޯޓުން އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ޓަގް ބޯޓްގައި ފަޅުވެރިއަކަށް ވެގެން އަދީބު ފިލައިގެން ދިޔަތަނުން އިންޑިއާއިން އޭނާ ހިފެހެއްޓީ އެ ގައުމުގެ ޓުޓިކޮރިން ބަނދަރަށް ވަންނަން އުޅެނިކޮށް މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އިންޑިއާގެ ފޮރިން މިނިސްޓްރީއިން މީގެ ކުރިން ބުނެފައި ވަނީ އަދީބު އިންޑިއާއަށް އެތެރެވުމުގެ ފުރުސަތު ދީފައި ނުވާ ކަމަށެވެ.