މެދު ރާއްޖެތެރޭގެ ރަށެއްގައި އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މީހަކީ ނަފްސާނީ ބަލި މީހެއްކަމަށް ފުލުހުން ބުނެފިއެވެ.

އަށާރަ އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެ އެ މައްސަލަ ޖެންޑާ މިނިސްޓްރީ އިން ދަނީ ބަލަމުންނެވެ.

އެ މައްސަލާގައި ފުލުހުން ބުނީ 13 އަހަރުގެ އަންހެން ކުއްޖަކަށް ގަދަކަމުން ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ޖުލައި 26 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

މި މައްސަލާގައި މިހާތަނަށް ފުލުހުން ބެލި ބެލުމުން، މައްސަލާގައި ތުހުމަތު ކުރެވޭ މީހަކީ ނަފްސާނީ ބަލި ހުންނަ މީހެއްކަމަށް އެނގިފައިވާ ކަމަށެވެ.

"އަދި މުޖުތަމައު ތެރޭގައި އާންމުކޮށް ދޫވެފައި ހުރެއްޖެނަމަ މުޖުތަމައުގެ ސަލާމަތާއި އޭނާގެ އަމިއްލަ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ފުލުހުންގެ ތަހުގީގަށް ފެނޭ،" ފުލުހުން މިރޭ ބުންޏެވެ.

އެހެންކަމުން ޖެންޑާ މިނިސްޓްރީ އާއި ގުޅިގެން އެމީހާއަށް ފަރުވާދިނުމަށް އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ޖިންސީ ގޯނާ ލިބުނު އަންހެންކުއްޖާ އަށް ދަނީ އައިޖީއެމްއެޗުގައި ފަރުވާދެމުންނެވެ.