އިންޑިއާއިން ހިމާޔަތް ހޯއްދަވަން ފިއްލަވައިގެން އެ ގައުމަށް ވަޑައިގެން އުޅުއްވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަތުގައި ސައްހަ އެއްވެސް ޓްރެވަލް ޑޮކިއުމެންޓެއް ނޯންނާނެ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

ގަވައިދާހިލާފަށް އަދީބު އިންޑިއާއަށް އެތެރެވެވަޑައިގަންނަވަން އުޅުއްވަނިކޮށް އިންޑިޔާއިން އޭނާ ހިފެހެއްޓީ އިއްޔެ އެވެ. އޭނާ އިންޑިއާއަށް އެތެރެވެވަޑައިގަންނަވަން އުޅުނީ ވާގޯ-9 ނަމަކަށް ކިޔާ ޓަގްބޯޓެއްގައެވެ.

އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސެއިން (ހަނަފީ) ވިދާޅުވީ، އަދީބު އަތުގައި ވެލިޑް ޕާސްޕޯޓެއް އޮތް ވާހަކަ ބައެއް މީޑިއާތަކުގައި ބުނެފައިވާ ކަމަށެވެ. އެކަމަކު އެކަން އޭނާ ދޮގު ކުރެއްވި އެވެ.

"އަދީބު އަތުގައި ނޯންނާނެ އެއްވެސް ވެލިޑް ޓްރެވަލް ޑޮކިއުމެންޓެއް. ޕާސްޕޯޓާއި ހުރިހާ އެއްޗެއް އަޅުގަނޑުމެން ހުންނާނީ ކެންސަލްކޮށްފައި،" ހަނަފީ ވިދާޅުވި އެވެ.

އަދީބު އަދިވެސް ހުންނެވީ ޓަގްބޯޓުގައެވެ. އިންޑިއާގެ ފުލުހުން އޭނާއާ ސުވާލުކޮށްފައިވާ ކަމަށް އެގައުމުގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ބައިނަލްއަގުވާމީ ލޯޔަރުންގެ ޓީމެއްގެ އެހީގައި އަދީބު ގެންދަވަނީ އިންޑިއާއިން ހިމާޔަތް ހޯއްދަވަން މަސައްކަތް ކުރައްވަމުންނެވެ. އެކަމަކު، އޭނާ ދިވެހި ފުލުހުންނާ ހަވާލު ކުރަން ހަމަޖެހިފައިވާ ކަމަށް އިންޑިޔާގެ ބައެއް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.