02 Aug 2019, 22:29
އެންމެ ގިނައިން ޓެކްސް ދެއްކި ކުންފުނިތަކަށް ރަންލާރި އެވޯޑު ދީފިއެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ އަހަރީ ޖަލްސާގައި އެންމެ ގިނައިން ޓެކްސް ދެއްކި 17 ފަރާތަށް ވަނީ އެވޯޑު ދީފައެވެ. އެވޯޑު ހަވާލުކޮށްދެއްވީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.
ރިސޯޓުތަކުގެ ކެޓަގަރީ އިން 150 އެނދަށްވުރެ މަދުން އެނދު ހުންނަ ރިސޯޓުތަކުގެ ކެޓަގަރީ އިން ރަންލާރިި އެވޯޑު ލިބުނީ ޝެވަލް ބްލަންކް ރަންދެލި ރިސޯޓަށެވެ. 150 އެނދާއި 250 އެނދާ ދެމެދުގެ ކެޓަގަރީ އިން ރަންލާރި އެވޯޑް ލިބުނީ ފޯ ސީޒަންސް ލަނޑާ ގިރާވަރު ރިސޯޓަށެވެ. 250 އެނދަށްވުރެ ގިނަ އެނދު ހުންނަ ރިސޯޓުތަކުގެ ކެޓަގަރީ އިން އެވޯޑް ލިބުނީ ކުރަމަތި މޯލްޑިވްސް ރިސޯޓަށެވެ.
މީގެ އިތުރުން މިރޭގެ ހަފްލާގައި ރަންލާރި އެވޯޑް ލިބުނު އެހެން ވިޔަފާރިތަކަކީ:
ޓްރެވަލް އެޖެންސީތަކުގެ ކެޓަގަރީ އިން:
އިންޓުއާ މޯލްޑިވްސް- ހޮޓެލް ތަކުގެ ކެޓަގަރީ އިން:ހުޅުލޭ އައިލެންޑް ހޮޓެލް
- ޓޫރިސްޓް ވެސަލް ތަކުގެ ކެޓަގަރީ އިން:ފޯ ސީޒަން އެކްސްޕްލޯރާ
- ގެސްޓްހައުސްތަކުގެ ކެޓަގަރީ އިން:ސީޒަން ޕެރަޑައިސް
- އެތެރޭގެ އުދުހުންތަކުގެ ދާއިރާ އިން: ޓްރާންސް މޯލްޑިވިއަން (ޓީއެމްއޭ)
- ކުދި ވިޔަފާރިތަކުގެ ކެޓަގަރީ އިން:އަހުމަދު ވަހީދު / ގ.އޮޓޯގަރާޖް، އޮޓޯ ޕާޓްސް ގެލޯ
- މެދުފަންތީގެ ވިޔަފާރިތަކުގެ ދާއިރާއިން:ޑީ ބްލޫ ޕްރައިވެޓް ލިމިޓެޑް
- ބޮޑެތި ވިޔަފާރިތަކުގެ ކެޓަގަރީ އިން:ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)
- ބޭންކް ޕްރޮފިޓް ޓެކްސް ދައްކާ ކެޓަގަރީ އިން:ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)
- ވިތް ހޯލްޑިން ޓެކްސް ދައްކާ ފަރާތްތަކުގެ ކެޓަގަރީ:ޓީއެމްއޭ
- ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކެޓަގަރީ:ދިރާގު
މީގެ އިތުރުން އެންމެ ގިނައިން ބީޕީޓީ ދެއްކި ތިން ވިޔަފާރިއަށްވެސް މިރޭ ވަނީ އެވޯޑް ދީފައެވެ. އެންމެ ގިނައިން ބީޕީޓީ ދައްކައިންގެ ރަންލާރި އެވޯޑް ލިބުނު ވިޔަފާރިތަކަކީ އުރީދޫ މޯލްޑިވްސްގެ އިތުރުން ޓީއެމްއޭ އަދި ޔުނިވާސަލް އެވެ.
މިރޭގެ ޖަލްސާގައި ފާއިތުވި އަހަރު މީރާގެ އެންމެ ރަނގަޅު މުވައްޒަފަށްވެސް ވަނީ އެވޯޑް ދީފައެވެ. އެންމެ ރަނގަޅު ސްޓާފްގެ އެވޯޑް ލިބުނީ އިބްރާހިމް މުނައްވަރަށެވެ.
މީރާގެ އަހަރީ ޖަލްސާގައި ވާހަކަ ދައްކަވަމުން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދު ވިދާޅުވީ ޓެކުހުގެ އާމްދަނީ އަކީ ގައުމުގެ ތަރައްގީގެ މައި ނާރު ކަމަށާއި ޓެކުހުގެ ނިޒާމު ތަރައްގީކޮށް ކުރިއަރުވައި، ގައުމު ބިނާކުރުމުގައި ޓެކުހުން ލިބެންވާ ފުރިހަމަ މަންފާ ހޯދައިދިނުމަށް މީރާ އިން އަބަދުވެސް މަސައްކަތް ކުރާ ކަމަށެވެ.
ޓެކްސް ދައްކާ ފަރާތްތަކަށް ދެވޭ ލުއިތައް ދީ އެފަރާތްތައް ހިމާޔަތް ކުރުމަށްވެސް މީރާ އިން މަސައްކަތް ކުރަމުންދާ ކަމަށް ޔަޒީދު ވިދާޅުވިއެވެ.
"މީރާ އުފެދުނީއްސުރެ މަސައްކަތް ކުރަނީ ޓެކްސް ދައްކާ ފަރާތްތަކާމެދު އިންސާފުވެރިކަމާ ހަމަހަމަކަމާއެކު އަމަލު ކުރުމަށް. ޓެކްސް ދައްކާ ފަރާތްތަކަށް ވީހާވެސް ފުރިހަމަ ހިދުމަތެއް ދިނުމަށް،" ޔަޒީދު ވިދާޅުވީ މީރާއިން އަބަދުވެސް މަސައްކަތް ކުރަނީ ޓެކުހުގެ ނިޒާމު ތަރައްގީކޮށް ވިޔަފާރިތަކާ ގުޅިގެން މަސައްކަތް ކުރުމަށް ކަމަށެވެ.
"ހަމަހަމަ ކަމާއެކު، ޓެކުހުގެ ނިޒާމަކީ ވިޔަފާރިތަކާ ރައްޓެހި، އެފަރާތްތަކަށް ފުރިހަމަ އިތުބާރު ލިބިފައިވާ ނިޒާމަކަށް ހެދުމަށް،" ޔަޒީދު ވިދާޅުވިއެވެ.
ޔަޒީދު ވިދާޅުވީ ތަރައްގީވެފައިވާ ޓެކްސް ނިޒާމުތަކުން ފެންނަ ހުރިހާ ކުލަތަކެއް ރާއްޖޭގެ ޓެކްސް ނިޒާމުން ފެންނަމުންދާ ކަމަށެވެ.