ރިޔާޟް (އޮގަސްޓް 2) : ސައޫދީ އަންހެނުން ބޭރަށް ދަތުރުކުރުމުގައި މަހްރަމެއް (ފިރިހެން ބެލެނިވެރިއެއް) ގެ ހުއްދަ ހޯދަން ޖެހޭގޮތަށް އޮންނަ އޮތުން ސައޫދީ ސަރުކާރުން އުވާލައިފިއެވެ.

މިކަން އުވާލިކަން އިއްލާން ކުރުމުގެ ގޮތުން ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ސޮއިކުރައްވައި ސައޫދީ ރަސްކަމުގެ ދީވާނުން ނެރުނު ޝާހީ އަމުރުފުޅެއްގައި ވާގޮތުން، އުމުރުން 21 އަހަރު ވުމުން ސައޫދީ ކޮންމެ އަންހެނަކަށްވެސް މަރްރަމަކާނުލައި ބޭނުންތަނަކަށް ދެވޭނެއެވެ. އަދި ޕާސްޕޯޓްވެސް ހެއްދޭނެއެވެ. ޕާސްޕޯޓު ހެއްދުމަށް ބެލެނިވެރިއެއްގެ ހުއްދަ ދެން ބޭނުންވާނީ ދެޖިންސުގެވެސް ކުޑަކުދިންނަށް އެކަންޏެވެ. އަދި ގައުމުން ބޭރަށްދާނަމަ ނުވަތަ ގައުމުގައިވެސް ދުރުތަނަކަށް ދަތުރުކުރާނަމަ މަރްހަމަކު ބޭނުންވާނީ 21 އަހަރުން ދަށުގެ އަންހެނުންނަށެވެ.

އުމުރުން 21 އަހަރު ވުމުން ކޮންމެ އަންހެނަކަށްވެސް ފުރިހަމަ އިޚްތިޔާރާއި މިނިވަންކަމާއެކު ބޭނުންތަކަށްގޮސް އުޅުމުގެ ފުރްސަތާއި މިނިވަންކަން އޮންނާނެއެވެ. އެކަމަށް އެއްވެސް ފިރިހެނަކަށް ހުރަހެއް ނޭޅޭނެއެވެ. ކުރިން ސައޫދީ ގައި އަމަލުކުރަމުން އައީ ކޮންމެ އުމުރެއްގެ ނަމަވެސް އަންހެނަކަށް ވެއްޖެނަމަ އެމީހަކަށް ބޭރަށް ދެވޭނީ އަދި ޕާސްޕޯޓުވެސް ހެއްދޭނީ އެ އަންހެނެއްގެ ބައްޕަ ނުވަތަ އެއްބަފާބޭބެ، ފިރިމީހާ، ނުވަތަ ފިރިއަކު ނެތް އަންހެނެއްނަމަ އެންމެ ގާތް ފިރިހެން ވާރުތަވެރިޔާގެ ހުއްދަ ލިބިގެންނެވެ.

މިއީ ސައޫދީއަށް ޒަމާނީ ތަރައްގީ ގެނައުމަށްޓަކައި އެގައުމުގެ "ބާރުގަދަ މީހާ" ގެ ގޮތުގައި ސިފަކުރެވޭ ވަލީއުލްއަހްދު މުޙައްމަދު ބިން ސަލްމާން އެކުލަވާލައްވާފައިވާ "ވިޝަން 2030" ޕްލޭންގެ ދަށުން، ސައޫދީ އަންހެނުން "މިނިވަން ކުރުމަށާއި" އެހެން ގައުމުތަކުގައި ވެސް އޮންނަ ޒަމާނީ މިޔުޒިކީ ހަފްލާތަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި ޔޫރަޕްގައި އޮންނަ ބާވަތުގެ ބިކިނީ ޓޫރިޒަމް ފަދަ ހުރިހާ ކަމެއް ސައޫދީގައި ތައާފް ކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގެ ދަށުން ކުރި ކަމެކެވެ.

ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން އަންހެން ބޭފުޅުންނާ ސަލާމް ކުރައްވަނީ

"ވިޝަން 2030" ޕްލޭންގެ ދަށުން، އަންހެނުންނަށް ކާރުދުއްވުމުގެ ހުއްދަވެސް ވަނީ ދީފައެވެ. މިއީ ކުރިން ސައޫދީގައި ބޮޑު އަދަބު ދެވޭ ކުށެކެވެ. ސައޫދީ އަންހެނުންނަށް މިހުރިހާ ކަމެއްގައި މިނިވަންކަން ދީނުމަށް ރަސްގެފާނުން ނިންމާފައި މިވަނީ އެ މައްސަލަތަކުގައި އެގައުމުގެ ޝޫރާ މަޖިލީހުގައި ބަހުސްކޮށް އެޖމަޖިލީހުގެ ރުހުން އެކަމަށް ލިބިގެންނެވެ. މީގެއިތުރުން މިކަންކަން ކުރިން ހަރާމްކުރި ސައޫދީ ބައެއް ދަންނަބޭކަލުންވެސް ފަހުންވަނީ ހާލަތަށް ބެލުމަށްފަހު މިކަންކަން ހުއްދަވާނެކަމަށް ވިދާޅުވެ ސަރުކާރުގެ ނިންމުމަށް ތާއީކުރައްވައި ފަތުވާ ދެއްވާފައެވެ. ނަމަވެސް އަނެއްބައި ދަންނަބޭކަލުން ތިއްބަވަނީ މިކަންކަމާމެދު ބަހެއް ވިދާޅުނުވެއެވެ.

ސައޫދީ ސަރުކާރުން އެގައުމުގެ އަންހެނުން ފިރިހެނުންގެ "ކޮންޓްރޯލް" ގެ ދަށުން މިނިވަން ކުރުމުގެ ނިންމުންތައް ނިންމަމުން މިގެންދަނީ ސައޫދީގައި އިންސާނީ ހައްގުތަކަށާއި ހުޅަނގުގެ ޑިމޮކްރަސީ އަށް ވަކާލާތުކުރާ ގިނަ އަދަދެއްގެ އަންހެން ބޭފުޅުން، އެމީހުންގެ މަހްރަމުންގެ "އަޅުވެތިކަމުން" ސަލާމަތްވުމުގެ ނަމުގައި ދުނިޔޭގެ ފެންވަރުގައި ހިންގަމުން ގެންދިޔަ ވަރުގަދަ ކޭންޕޭންތައް އެމެރިކާއާއި ޔޫރަޕްގެ ސަމާލުކަމަށް އައިސްފައިވާ ދަޑިވަޅެއްގައެވެ.

މީގެއިތުރުން ސައޫދީ "ޒަމާނީ ކުރުމަށް" ވަލީއުލްއަހްދު މުޙައްމަދު ބިން ސަލްމާން އެކުލަވާލައްވާފައިވާ "ވިޝަން 2030" ޕްލޭންގައިވެސް މިކަންކަން ވަނީ ހިމަނާފައެވެ. މިކަމުގެ ސަބަބުން ސައޫދީ ވިރާޘީ ރަސްކަމުގެ ނިޒާމަށް ހުޅަނގުން ކިޔާ ފާޑުކިޔުންތައް ކުޑަވެ ރަސްކަން ދެމެހެއްޓުމަށް މަގުފަހިވެ ރަސްކަމަށް ހުޅަނގުގެ ގައުމުތަކުން ކުރިމަތިވާ ގޮންޖެހުންތައްވެސް ކުޑަވެގެންދާނެ ކަމަށް މުހައްލިލުން ދެކެއެވެ.

ސައޫދީ އަންހެނުންނަށް މިހާރުވަނީ ސިފައިންނާއި ފުލުހުންނާއި އެނޫންވެސް ހުރިހާ ދާއިރާއެއްގައި ފިރިހެނުންނާ އެއް ސަފެއްގައި ފިރިހެނުންވާ އެއް ހަމައެއްގައި މަސައްކަތް ކުރުމުގެ ހުއްދަވެސް ލިބިފައެވެ.

(ސައޫދީ މީޑިއާ + ނޫސްއެޖެންސީތައް)