02 Aug 2019, 20:54
ރާއްޖޭގައި ގައުމީ ފެންވަރުގައި ޓެނިސް މުބާރާތްތައް އިންތިޒާމް ކުރެވޭތާ 50 އަހަރު ފުރުން ފާހަގަ ކުރުމުމުގެ ގޮތުން ޓެނިސް އެސޯސިއޭޝަނުން މިއަހަރު ހިންގަން ކަޑައަޅައިފައިވާ ހަރަކާތް ތަކުގެ ތެރޭގައި ހިމެނޭ ޓެނިސް ޓީމް ކޮމްޕެޓިޝަން ފެށިއްޖެއެވެ.
އިއްޔެ ފެށި މި މުބާރާތުގައި ޖުމްލަ 12 ޓީމު ހިމެނޭ އިރު ރާއްޖޭގައި ގައުމީ ފެންވަރުގައި ޓެނިސް ކުޅެން ފެށިތާ މި ވަނީ 50 އަހަރު ވެފަ އެވެ. އެގޮތުން އިއްޔެ ފެށި މި މުބާރާތުގައި ޖޫނިއަރ 6 ޓީމް އާއި ސީނިއަރ 6 ޓީމް ވަނީ ބައިވެރި ވެފަ އެވެ. ޓެނިސް ކުޅޭ އެކި އުމުރުފުރާ ތަކުގެ ކުޅުން ތެރިން މި މުބާރާޓުގައި ބައިވެރި ވާނެ އެވެ. އަދި މި މުބާރާތުގައި އުމުރުން 8 އަހަރުން ދަށުގެ ކުޅުންތެރިންނާއި 65 އަހަރުން މަތީ އުމުރުފުރައިގެ ކުޅުންތެރީން ވެސް ބައިވެރިވާނެ އެވެ.

ގައުމީ ފެންވަރުގައި ޓެނިސް ކުޅެން ފެށިތާ 50 އަހަރުވުން ފާހަގަ ކުރުމުގެ ގޮތުން އިއްޔެ ފެށި މުބާރާތުގެ ތެރެއިން --- ފޮޓޯ// ޓެނިސް އެސޯސިއޭޝަން
މި މުބާރާތުގެ އެންމެ ހާއްސަ ކަމެއްގެ ގޮތުގައި ފާހަގަ ކުރެވިފައި ވަނީ މުބާރާތުގައި ވާދާ ކުރާ ޓީމް ތަކަށް ނަންދެވިފައިވަނީ ރާއްޖޭގެ ޓެނިހުގެ ތާރީޚުގައި ނަން މަޝްހޫރު ކުޅުންތެރިންގެ ނަން ތަކުން ކަމަށް ވާތީ އެވެ. އެގޮތުން ޓީމް ތަކަށް ނަންދެވިފައިވަނީ 1. ޓީމް ހިތްވަރު 2. ޓީމް ހުރާބޭ 3. ޓީމް މޮހެދޭ 4. ޓީމް ކޮކާ 5. ޓީމް އޭސް 6. ޓީމް ޞައްޔިދު އެވެ.
މި މުބާރާތުގައި މިހާތަނަށް ކުޅެވުނު މެޗްތަކުން ޖޫނިއަރ ކެޓަގަރީން ޓީމް ހިތްވަރު އާއި ޓީމް މޮހޮދޭ ވަނީ އެއްފަޅިން ސެމީފައިނަލަށް ދަތުރުކޮށްފައެވެ. އަދި އަނެއް ފަޅިން ސެމީއަށް ދަތުރު ކުރީ ޓީމް ކޮކާ އުމަރޭ އަދި ޓީމް އޭސް އެވެ. މިހާރު ކުޅެވެމުން ދަނީ ސީނިއަރ ކެޓަގަރީގެ މެޗް ތަކެވެ.
މުބާރާތުގެ ފައިނަލް މެޗުތައް ކުޅެން ހަމަޖެހިފައި ވަނީ މާދަމާ ރޭގަނޑުއެވެ.