ރާއްޖެއިން ފިލައިގެން އިންޑިއާއަށް ޓަގު ބޯޓެއްގައި ދަތުރުކުރި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އިންޑިއާގެ ސިޔާސީ ހިމާޔަތަށް އެދިފައިވާ މި ދަނޑިވަޅުގައި، އިންޑިއާއިން އޭނާ އަނބުރާ ރާއްޖެ ފޮނުވާލުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް އަދީބުގެ ބައިނަލްއަގުވާމީ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފިއެވެ.

އެ ޓީމުންމިއަދު ނެރުނު ބަޔާނެއްގައިބުނެފައިވަނީ ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ، ކުރީގެ ސަރުކާރުގެ ބައެއް ބޭފުޅުންނާ ދެކޮޅަށް ވާހަކަ ދެއްކެވުމަށް ޝަރުތުކޮށް، އެގްރިމެންޓެއްގައި ސޮއިކުރައްވާފައި ކަމަށެވެ. އަދި އެ އެގްރިމެންޓުގައި ސޮއިކުރައްވަންދެން އަދީބަށް ދޭންޖެހޭ ސިއްހީ ފަރުވާ ނުދީ ހިފެހެއްޓިކަމަށް ތުހުމަތުކުރިއެވެ.

އަދި ވަކީލުންގެ ޓީމަށް އެ އެގްރިމެންޓު ލިބިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

އެ ބަޔާނުގައި ވަކީލުންގެ ޓީމުން ބުނެފައިވަނީ ރާއްޖެއަކީ އަދީބަށް ރައްކާތެރި ތަނެއް ނޫންކަމަށާއި، މީހެއްގެ ފުރާނައަށާއި މިނިވަންކަމަށް ނުރައްކާތެރި ތަނަކަށް އޭނާ ފޮނުވާލުމަކީ އޭނާގެ މިނިވަންކަމާއި ރައްކާތެރިކަމަށް އޮތް އިންސާނީ ހައްގަށް ނުރައްކަލެއް ކަމަށެވެ.

"އެސައިލަމަށް އެދޭ ކޮންމެ މީހަކަށްވެސް، ހޯސްޓް ގައުމުން ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭނެ. ކުރީގެ ނައިބު ރައީސް އަދީބު އިންޑިއާގެ ސަރަހައްދަށް ގާނޫނާ ހިލާފަށް ވަން ކަމުގައި ވީ ނަމަވެސް، އެސައިލަމަށް އެދުނު ވަގުތުން ފެށިގެން ކަމާބެހޭ ފަރާތްތަކުން އެ އެދުމާ މެދު ވިސްނަންޖެހޭ،" ބަޔާނުގައި ވެއެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ އަދީބު ރާއްޖެއަށް އަލުން ފޮނުވާލުމަކީ އިންޑިއާއަށް ކުރެވޭނެ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ. އަދި އެކަމުން އެ ގާއިމުކުރަނީ ރައްކާތެރިކަން ހޯދުމަށް އެހެން ގައުމުތަކަށް ދާ އެހެން ފަރުދުންނަށްވެސް ވަރަށް ނުރައްކާތެރި މިސާލެއްކަމަށް ބުނެފައިވެއެވެ.

"އިންޑިއާއަކީ ނުރައްކާތެރިކަމުން ރައްކާތެރިކަން ހޯދަން ދާ އެކި ފަރުދުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ފަޚުރުވެރި ތާރީޚެއް އޮތް ގައުމެއް. މިވަގުތު އެކަން ހަނދާން ނައްތާލުމަކީ އިންޑިއާގެ ނަން ކިލަނބުވެދާނެ ފަދަ ކަމެއް،" އެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ގާނޫނީ ވަކީލުން ބުނެފައިވަނީ އަދީބު އަނބުރާ ރާއްޖެ ގެނައުމުގެ ކަންކަން ފުރިހަމަކުރުމަށްޓަކައި ރާއްޖޭގެ ގާނޫނު ތަންފީޒުކުރާ އޮފިޝަލުން ވަރަށް އަވަހަށް ޗެންނާއީއަށް ދާނެކަމަށް މައުލޫމާތު ލިބޭ ކަމަށެވެ.

"ރާއްޖެއާއި އިންޑިއާގެ ސަރުކާރުތަކަށް އަޅުގަނޑުމެން ހަނދާންކޮށްދެން، އަމަލުކުރަންޖެހޭ ގާނޫނީ ޕްރޮސެސްއެއް ގާއިމުވެފައި ވާ ކަމާއި، އޭގެ ބޭރުން ކުރާ ކޮންމެ ކަމަކީ ދެ ދައުލަތުގައިވެސް ގާނޫނާއި ހިލާފަށް ކުރެވޭނެ ކަންތައްތަކެއްކަން،"

އެއާ އެކު އެ ޓީމުން ވަނީ އަދީބު ސިޔާސީ ހިމާޔަތަށް އެދިފައިވާ އެޕްލިކޭޝަން ބަލައިގަތުމާ މެދު ވިސްނުމަށާއި، އޭނާގެ އެޕްލިކޭޝަން ރިވިއުކުރަމުން ދާ ހިނދު އޭނާއަށް ރަައްކާތެރިކަން ދިނުމަށް ގޮވާލައިފައެވެ.