02 Aug 2019, 17:54
ކުރީގެ ނާއިބު ރައީސް އަހުމަދު ދާދި ފަހުން ފިލައިން އިންޑިއާއަށް އެތެރެވާން އުޅުނު ޓަގު ބޯޓާއި ރާއްޖޭގެ ލޮޖިސްޓިކްސް ކުންފުނި ލިއޯ ޓްރޭޑިންއާ ގުޅޭގޮތުން ދައްކަމުންދާ ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފިއެވެ.
ލިއޯ ޓްރޭޑިންއިން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ އަދިބު ފިލަން އެރި ޓަގުބޯޓާއި އެ ކުންފުންޏާ ގުޅޭގޮތުން ދައްކަމުންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.
"ރާއްޖެއަށް އޮޕަރޭޓުކުރާ އުޅަނދު ފަހަރަކީ ކޮން ފަރާތެއްގެ އެޖެންޓުންކަމުގައި އޮޕަރޭޓްކުރާ އުޅަނދު ފަހަރެއްކަން ކަސްޓަމްސްއާއި އިމިގްރޭޝަންއާއި ކޯސްޓުގާޑަށް ރަނގަޅަށް ސާފުވާނެއެވެ. ވީމާ މިހެން އޮތް ކަމެއްގައި މިފަދަ ދޮގު ވާހަކަތައް މި ކުންފުންޏާ ގުޅުވައިގެން ދެއްކުމަކީ ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތައް ކުރިމަތިވާނެ ކަމެކެވެ،" ލިއޯ ޓްރޭޑުން ނެރުނު ބަޔާނުގައި ވެއެވެ.
ލިއޯ ޓްރޭޑިންއިން އިތުރަށް ބުނީ އެ ކުންފުނިން އަބަދުވެސް ނުރަނގަޅު ހުރިހާ ކަމަކާ ދެކޮޅު ހަދާނެ ކަމަށާއި އަދި ގާނޫނާ ގަވައިދާ ހިލާފު ހުރިހާ ކަމަކާ ދުރުވެ އެކަންކަން ހުއްޓުވުމަށް ބާރު އަޅާނެ ކަމަަށެވެ.
އިންޑިއާގެ ނޫސްތަކުން ބުނީ އަދީބު އިންޑިއާއަށް އެތެރެވާން އުޅުނީ "ވާގޯ-9" ނަމަކަށް ކިޔާ ޓަގް ބޯޓެއްގެ ފަޅުވެރިއަކަށް ވެގެންނެވެ.
އަދީބު ފިލަން މަސައްކަތް ކުރި ޓަގް ބޯޓަކީ ސިންގަޕޫރުގެ ދިދަ ޖެހި ބޯޓެކެވެ. ޓަގް ބޯޓްގެ ދަތުރުގެ މައުލޫމާތުތަކުން އެނގޭ ގޮތުގައި އެ ބޯޓް އިންޑިއާގެ ސޫތުކުޅި ބަނދަރަށް ވަނީ އިއްޔެ ހެނދުނު 9:17ގައެވެ.
ރާއްޖޭގެ ފުލުހުން ބުނީ އަދީބު ރާއްޖެ ގެނައުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ. އަދި އަދީބު ފިލުމަށް އެހީތެރިވެދިން މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.
އެހެން ނަމަވެސް އަދީބު މިހާރު ވަނީ ބައިނަލްއަގުވާމީ ލޯ ފާމެއްގެ އެހީ ހޯދައި، އިންޑިއާގެ ސިޔާސީ ހިމާޔަތަށްވެސް އެދިފައެވެ.