ޓެލްއަވީވް (އޮކްޓޯބަރު 1) : ޔުނެސްކޯގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ދިން މައްސަލާގައި އިސްރާއީލު މަޑުން ނޯންނާނެ ކަމަށް ވިދާޅުވެ، އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ ބައިނަލްއަޤްވާމީ މުޖްތަމައަށް އިންޒާރު ކުރައްވައިފި އެވެ.

އިސްރާއީލުގެ ޕަލިމެންޓް (ކެނީސެތް)ގެ ފިނިމޫސުމުގެ ދައުރު އިފްތިތާހު ކޮށްދެއްވަމުން ނަތަންޔާހޫ ވިދާޅުވީ ޔުނެސްކޯގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ދިނުމާއެއްކޮޅަށް ވޯޓުދިން ގައުމުތަކުން އެކުރީ ވަރަށް ބޮޑު ކުށެއް ކަމަށާއި އެކަމާ މެދު އަޅާނުލާ އިސްރާއީލު ނޯންނާނެ ކަމުގަ އެވެ.

ނަތަންޔާހޫގެ އިންޒާރު އެންމެ ބޮޑަށް އަމާޒުކުރެއްވީ ފަލަސްތީނުގެ ޒާތީ އިދާރާއަށާއި ރައީސް މަހުމޫދު އައްބާސްގެ ސަރުކާރަށެވެ. ނަތަންޔަހޫ ވިދާޅުވީ އދ. އާއި އދ.ގެ ކުޑައިގެ ދަށުން އުފައްދާފައިވާ ބައިނަލްއަގުވާމީ ޖަމްއިއްޔާ ޖަމާއަތްތަކުގެ ފުރިހަމަ މެންބަރުކަން ހޯދުމަށް ފަލަސްތީނުން ކުރާ މަސައްކަތަކީ ސުލްހަ އެއްފަރާތް ކުރުމަށް ފަހު އަލިފާނާ ކުޅުން ކަމަށާއި ފަލަސްތީނުގެ މި މަސައްކަތް ހުއްޓުވުމަށް ނުފޮރޮޅާ އެންމެ ގާކޮޅެއް ވެސް އިސްރާއީލުން ނުބާއްވާނެ ކަމުގަ އެވެ.

އިސްރާއީލާއެކު ސުލްހައިގެ ވާހަކަތައް އަލުން ނުފަށައި އަދި އިސްރާއީލުގެ ރުހުންނެތި ފަލަސްތީނުން މިނިވަން ދައުލަތެއް އަމިއްލައަށް އިއުލާންކޮށް އެދައުލަތަށް ދުނިޔޭގެ ގައުމުތަކާއި އދ. ގެ އިއުތިރާފް ހޯދުމަށް ކުރާ މަސައްކަތަކީ ދުނިޔޭގެ އަމްނާއި ސަލާމަތަށް ހުރި ބިރެއް ކަމަށާއި ބިރުވެރިކަމެއްގެ ތެރެއަށް ދުނިޔެ ވައްޓާލުމުގެ ފުރުސަތު ފަލަސްތީނަށް ނުދެއްވާނެ ކަމަށް ވިދާޅުވެ ނަތަންޔާހޫ ފަލަސްތީނުގެ ޒާތީ އިދާރާއަށް އިންޒާރު ކުރެއްވި އެވެ.

ނަތަންޔާހޫގެ ވާހަކާގައި ފަލަސްތީނުގެ ރައީސް މަހުމޫދް އައްބާސް، ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތާ ސުލްހަވުމަށް ކުރައްވާ މަސައްކަތް ވެސް ކުށްވެރިކުރެއްވި އެވެ. ފަލަސްތީނުގެ ޒާތީ އިދާރާއިން ހަމާސް ޖަމާއަތާ ސުލްހަވުމަށް މަސައްކަތް ކުރުމަކީ ޓެރަރިޒަމަށް ހިއްވަރު ލިބޭނެ އަމަލެއް ކަމަށް ނަތަންޔާހޫ ސިފަކުރެއްވި އެވެ.

ޔުނެސްކޯގެ މެންބަރު ގައުމުތަކުން ފަލަސްތީނަށް ފުރިހަމަ މެންބަރުކަން ދޭން ނިންމާފައިވަނީ މިގޮތަށް ނިންމައިފިނަމަ އެމެރިކާ ދެމުންގެންދާ މާލީ އެހީން ޔުނެސްކޯ މަހުރޫމް ކުރާނެ ކަމުގެ ހަރުކަށި އިންޒާރު ޔުނެސްކޯގެ މެންބަރު ގައުމުތަކަށް އެމެރިކާ ދިނުމުގެ އިތުރުން ޔުނެސްކޯއަށް ބިރުދެއްކުމުގެ ވަރުގަދަ ކޭންޕޭނެއްވެސް އިސްރާއީލާ އެމެރިކާ ގުޅިގެން ކުރިޔަށްގެންދަނިކޮށެވެ. އެހެންކަމުން ޔުނެސްކޯއަށް ބިރުދެއްކުމުގަ އާއި އެޖަމާއަތަށް ބާރުފޯރުވުމުގައި އެމެރިކާ އާއި އިސްރާއީލު ފޭލްވެ ޔުނެސްކޯގެ އެސެމްބްލީގައި އެދެގައުމު ވަނީ އެކަހެރިވެގެން ގޮސްފަ އެވެ.

މިކަންހަޖަމު ނުކުރެވުމުގެ އިތުރުން މިމައްސަލާގައި އެމެރިކާ އާއި އިސްރާއީލު ވަނީ ވަރަށް ބޮޑަށް ރުޅިގަދަވެފައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. ޔުނެސްކޯއިން ފަލަސްތީނަށް ފުރިހަމަ މެންބަރުކަން ދޭން ނިންމި ނިންމުމަކީ އެމެރިކާގެ ބާރާއި ނުފޫޒު ބައިނަލްއަގުވާމީ މަހުފަލްތަކުގައި ކުޑަވުމުގެ އިތުރުން ފަލަސްތީނު ފަދަ ނިކަމެތި ގައުމުތަކުގެ ހައްޤުތަކަށް ބައިނަލްއަގުވާމީ މުޖްތައުގައި ތާއީދުއޮތް މިންވަރު ހާމާވާ ކަމެއް ކަމަށް ފަލަސްތީނުން ބުނެ އެވެ.

މިމައްސަލާގައި އެމެރިކާ ވަނީ ޔުނެސްކޯއަށް ދޭ މާލީ އެހީވެސް އެއްކޮށް ކަނޑާލުމަށް ނިންމާފަ އެވެ. (ނޫސްއެޖެންސީތައް)