02 Aug 2019, 19:27
ސ. ހިތަދޫއަށް ނިސްބަތްވާ އައިހަމް އަލީގެ މަންމަ ޝަޒުނާ ލަތީފަށް އައިހަމްގެ މައްސަލައެއް އުޅޭކަން އެނގުނީ އުމުރުން އެންމެ ހަތަރު އަހަރުއެވެ.
އައިހަމްގެ އުމުރުގެ އެހެން ކުއްޖަކާ އައިހަމްއާ ތަފާތުކަމެއް ހުރުމުން ޝަޒުނާ ގަސްދުކުރީ އިންޑިއާއަށް ގޮސް ޗެކަޕެއް ހެދުމަށެވެ. އެ ޗެކަޕުން ލިބުނު ނަތީޖާ ޝަޒުނާއަށް ގަބޫލުކުރަންވެސް ދަތިވިއެވެ.
އިންޑިއާއިން ކުރި ޓެސްޓުތަކުން އެނގުނީ އައިހަމްއަށް މަސްކިއުލާ ޑިސްޓްރޮފިއާ ނަމަކަށް ކިޔާ ބައްޔެއް ހުންނަ ކަމަށެވެ. އެ ބަލީގެ ސަބަބުން އައިހަމްގެ މަސްތަކުގެ ބާރު ދުވަހެއް ދުވަހަކަށް ދަށްވަމުން ދެއެވެ.
" އިންޑިއާއިން ބުނީ ކޮންމެ އަހަރަކު އެއް ފަހަރު އަންނާށޭވެސް. އެކަމަކު އަޅުގަނޑުމެންނަށް ދެވުނީ އެންމެ ދެ ފަހަރު. ދެން ގްރޭޑް ތިނެއްގައި އުޅެނިކޮށް އައިބުތައް ބޮޑަށް ފެންނަންފެށީ. އިންޑިއާގެ ޑޮކްޓަރުންވެސް ބުނީ 10 އަހަރުވާއިރު ނުވެސް ހިނގޭނެޔޭ. " ޝަޒުނާ ބުންޏެވެ.
އައިހަމްގެ އުމުރުން 10 އަހަރުވީތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި އޭނާއަށް ހިނގުމުން މަހުރޫމްވިއެވެ. ހިނގުމުން އެކަނި މަހުރޫމްވީއެއް ނޫނެވެ. މަސްތަކުގެ ބާރު ދޫވަމުން ދިޔަހެން ސިކުނޑިއަށްވެސް ދިޔައީ އަސަރުކުރަމުންނެވެ.
" ފަހުން ކިޔަވައިދޭ އެއްޗެތިވެސް ހަނދާނެއް ނުހުރޭ. މަސްތަކުގަ ބާރު ނުހުންނާތީ ލިޔަންވެސް އުނދަގޫވޭ. އެހެންވެ ފަހުން ހާއްސަ ކްލާސް (ސެން)އަށްވެސް ބަދަލުކުރީ." ޝަޒުނާ ބުންޏެވެ.
އައިހަމްގެ ހާލަތު އިތުރަށް ގޯސްވުމުގެ ސަބަބުން މިދިޔަ ރޯދަމަހުން ފެށިގެން ސްކޫލަކަށްވެސް ނުގެންދެއެވެ.
އައިހަމްއަށް އުއްމީދުގެ އަލިކޮޅެއް ފެނުނީ ބީއެމްއެލްއިން އޭނާއަށް ދިން ހަދިޔާއާއެކުއެވެ.
" އެއް ދުވަހަކު އަޅުގަނޑަށް ބޭންކުން ގުޅާލާފަ ބުނީ ވީލްޗެއާއެއް ޑޮނޭޓް ކުރަން ބޭނުން ވާހަކަ. އަޅުގަނޑު ނުވެސް އެދެން ކުރިން ވީލްޗެއާއަކަށް، އެ ދުވަހު އެކަން ގަބޫލުކުރަންވެސް ދަތިވި" އައިހަމްގެ މަންމަ ބުންޏެވެ.
އައިހަމްއަށް ބީއެމްއެލްއިން އެހީތެރިކަން ފޯރުކޮށްދިނީ އެ ކުންފުނިން ހިންގަމުންދާ ސީއެސްއާރު ހަރަކާތެއް ކަމަށްވާ މޯޓަރައިޒް ވީލްޗެއާ ޕްރޮގްރާމްގެ ދަށުންނެވެ.
އެ ޕްރޮގްރާމްގެ ދަށުން މީގެ ކުރިންވެސް ބީއެމްއެލްއިން ވަނީ ނުކުޅެދުންތެރިކަން ހުންނަ އެތަކެއް ފަރާތްތަކަށް ވީލްޗެއާ ހަދިޔާކޮށްފައެވެ. ބީއެމްއެލްއިން ބުނީ އެ ސީއެސްސީއާރު ޕްރޮގްރާމްގެ ދަށުން މިއަހަރު 60 މޮޓޮރައިޒް ވީލްޗެއާ ހަދިޔާ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
" ބީއެމްއެލްއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ބޭނުން. ކުރިން އެއްގޮތަކަށްވެސް ހިތަކަށް ނާރާ މިފަދަ ހަދިޔާއެއް ލިބޭނެއެކޭ. އައިހަމްވެސް ހުރީ ވަރަށް ބޮޑަށް އުފާވެފައި" އައިހަމްގެ މަންމަ ބުންޏެވެ.
ވީލްޗެއާއެއް ލިބުނަސް އައިހަމްއަށް އަދި ސްކޫލަށް ދެވޭނެ ދުވަހެއް ނޭނގެއެވެ. އޭނާ ސްކޫލަށް ގެންގޮސް ފާހާނާއަށާ އެހެން ތަންތަނަށް ގެންދިއުމުގައި ވަރަށް ބޮޑަށް ގޮންޖެހުންތައް އެބަހުއްޓެވެ. ނަމަވެސް ބީއެމްއެލްގެ ހަދިޔާއާއެކު އައިހަމްގެ ހަޔާތަށް މިވަގުތަށް ކުޑަކުޑަ އުފާވެރިކަމެއް ވަނީ އައިސްފައެވެ.