02 Aug 2019, 14:02
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ސީޝެލްސްއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ސީޝެލްސްގެ ރައީސް ޑެނީ ފޯރއާ ބައްދަލުކުރައްވައި، ރަސްމީ މަޝްވަރާތައް ބާއްވަވައިފިއެވެ.
ރައީސްގެ ދެކަނބަލުންނަށް ސީޝެލްސްގެ ސްޓޭޓް ހައުސްގައި، އެގައުމުގެ ސަރުކާރުން މިއަދު ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އެ ދެކަނބަލުންނަށް މަރުހަބާ ދެންނެވީ ސީޝެލްސްގެ ރައީސް ޑެނީ ފޯރއެވެ.
މަރުހަބާ ދެންނެވުމަށްފަހު ދެ ރައީސުން ބޭއްވެވި ރަސްމީ މަޝްވަރާތަކުގައި ވަނީ އިންޑިއާ ކަނޑުގެ ޖަޒީރާ ދެ ގައުމުގެ ހައިސިއްޔަތުން ދެގައުމަށް ކުރިމަތިވާ އެކިއެކި ގޮންޖެހުންތަކާ ބެހޭގޮތުން ވާހަކަދައްކަވާފައެވެ.
ރައީސްގެ ދެކަނބަލުންނަށް ސީޝެލްސްގެ ސަރުކާރުން ވަނީ ހޫނު މަރުހަބާއެއް ދަންނަވައިފައި--- ފޮޓޯ/ ރައީސް އޮފީސް
އެގޮތުން އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސުލްހައާއި ސަލާމަތީ ކަންކަން ދެމެހެއްޓުމަށް ގުޅިގެން މަސައްކަތްކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ އިތުރުން ނޫ އިގްތިސާދު ކުރިއަރުވައި ތަރައްގީކުރުމާއި، ކަނޑުފޭރުމާއި މަސްތުވާތަކެތި އަދި އިންސާނުން ޓްރެފިކުކުރުމާއި ޓެރަރިޒަމް ފަދަ ގާނޫނާއި ގަވައިދާ ހިލާފު އަމަލުތައް ހުއްޓުވުމަށް އެކުގައި މަސައްކަތްކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.
މިއީ ރާއްޖޭގެ ރައީސަކު ސީޝެލްސްއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.
މަޝްވަރާތަކުގައި، ރައީސް ސޯލިހުގެ މި ދަތުރުފުޅުގެ ސަބަބުން ނުކުމެގެން އަންނަ ފޮނި ނަތީޖާތަކުގެ ވާހަކަތައް ދެ ރައީސުން ދެއްކެވިއެވެ. އެގޮތުގެ މަތިން ދެގައުމުގެ ދެމެދުގައި އެއްބާރުލުން ދިނުމާ ބެހޭ އެމްއޯޔޫތަކުގައި ސޮއިކުރުމަށް ވަނީ ނިންމާފައެވެ.
ރާއްޖެއިން 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބާއްވަން ކުރި ބިޑަށް ސީޝެލްސްއިން ތާއީދުކޮށްފައިވާތީ، ރައީސް ސޯލިހު ވަނީ ސީޝެލްސްގެ ރައީސަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެ ގޭމްސްގައި ސީޝެލްސްއިން ބައިވެރިވާނެކަމުގެ އުންމީދު ކުރައްވާކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.