02 Aug 2019, 13:02
ސިންގަޕޫރުގައި އޮންނަ ފަތުރުވެރިކަމުގެ ފެއާއެއް ކަމަށްވާ ނާޓާސް ހޮލިޑޭ އެކްސްޕޯގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ބައިވެރިވެއްޖެއެވެ.
މިއަދުން ފެށިގެން އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާ އެ ފެއާގައި ރާއްޖޭގެ ފަރާތުން އިސްކޮށް ތަމްސީލުކުރަަނީ އެމްއެމްޕީއާރުސީންނެވެ. އެމްއެމްޕީއާރުސީގެ ވަފުދުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދުވެސް ބައިވެރިވެވަޑައިގަންނަވައެވެ.
އޭގެ އިތުރުން އެ ފެއާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަސް ކުންފުންޏެއްވެސް ބައިވެރިވެއެވެ.
އެ ފެއާގައި ރާއްޖޭގެ ސްޓޭންޑް ބޮޑަށް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ގުދުރަތީ ހިތްގައިމުކަން ދައްކައިދޭ ގޮތަށެވެ. އަދި ދިވެހި ކަނޑުތައް ވާޗުއަލް ރިއާލިޓީއިން ބަލާލެވޭގޮތަށް އިންތިޒާމްތައް ހަމަޖައްސައިފައިވާއިރު ދިވެހި ކާނާގެ ރަހަތައް ބަލާލުމުގެ ފުރުސަތުވެސް ލިބެއެވެ.
ރާއްޖޭގެ ސްޓޭންޑްގައި ދިވެހި މިއުޒިކް ބޭންޑެއް ކަމަށްވާ ކްލިއޯގެ ހުށަހެޅުންތައް ފެނިގެންދެއެވެ.
އެ ފެއާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ސިންގަޕޫރުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާ ބައްދަލުކޮށް ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއަށް ގެންދެވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާކުރެވޭނެއެވެ،
ނާޓާސް ހޮލިޑޭ އެކްސްޕޯއަކީ ސިންގަޕޫރުގެ ފަތުރުވެރިންނާއި އަދި އާސިއާންގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި ވަރަށް މަޝްހޫރު ފެއާއެކެވެ. އެ ފެއާއަށް ކޮންމެ އަހަރަކުވެސް 2.4 މިލިއަނެއްހާ މީހުން ޒިޔާރަތްކުރެއެވެ.