ރާއްޖޭގެ މުއްސަނދިކަމުގެ ގޮތުގައި ބަލާ ދޮންވެލި ރީތި ރަށްތަކާއި ފަޅުތަކާއި ގިރިތައް ވިއްކާލައިގެން ވަގަށް ނެގ،ި 1.2 ބިލިއަން ރުފިޔާގެ ހިޔާނާތުގެ މެދުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު "ފަސޭހަކަމާ" އެކު، ރާއްޖެއިން ފިލައިގެން ހިނގައްޖެ އެވެ. ޔަގީނަށް ވެސް އަދީބު މިހާރު އެ ހުރީ، ރާއްޖޭގެ މުއައްސަސާތަކަށް އަތުޖެހޭ ވަރަށް ވުރެ މާ ދުރުގަ އެވެ. އެކަން އެންމެންނަށް ވެސް ރެއަކާލީ، ޓަގް ބޯޓެއްގައި އަދީބު އިންޑިއާ ކަނޑުގެ ސަރަހައްދަށް ވަނުމާ އެކު އަތުލައިގަނެފައިވާކަން އެ ގައުމުގެ ނޫސްތަކުގައި އިއްޔެ ޖެހުމާ އެކު އެވެ.

ޔަގީން ކުރެވޭ ކަމަކީ އަދީބު ރާއްޖެއިން ފިލައިގެން ދިޔަފަހުން ދެތިން ދުވަހެއް ވެދާނެކަމެވެ. އެއީ ޓުޓިކޮރިން އާއި ރާއްޖެއާ ދެމެދު 380 މޭލު ހުންނަ އިރު، އެޒާތުގެ ޓަގް ބޯޓަކަށް ޓުޓިކޮރިންއަށް ފޯރަން ދެތިން ދުވަސް ނަގާނެ ކަމަށް ލަފާވާތީ އެވެ.

ބޮޑު ހިޔާނާތުގެ މައްސަލައިގެ ތަހުގީހަށް، މިދިޔަ ބުދަ ދުވަހު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަދީބަށް އޮތީ އަންގައިފަ އެވެ. ފުލުހަށް ހާޒިރުވާނެކަން އެސްއެމްސްއަކުން އަދީބު ފުލުހުންނަށް ޔަގީންކަން ދިން ނަމަވެސް، އޭނާ އެ ދުވަހު ފުލުހަށް ހާޒިރެއްނުވި އެވެ. ކިތަންމެ ވަރަކަށް، ފުލުހުން އަދީބަށް ފާރަލީ ނަމަވެސް، އޭނާ އެ އެންމެންގެ އަތް ދަށުން ފިލީ އެވެ. އަދި ފިލިފަހުން އެތައް ދުވަހެއް ވެސް ވެއްޖެ އެވެ. ރައްޔިތުންގެ ބައިތުލްމާލުން ރެކޯޑް އަދަދެއްގެ ވައްކަމެއް ހިންގުމުގައި ބައިވެރިވި މީހަކު ފިލައިގެން ދިޔުމުގައި އިހުމާލުވީ ކޮން ބަޔެއް ހެއްޔެވެ؟ ޒިންމާ ނަގާނީ ކާކު ހެއްޔެވެ؟

އަދީބު އިންޑިއާގެ ފުލުހުންގެ ބެލުމުގެ ދަށުގައި ހައްޔަރުކޮށްފައި. --

ސިއްރު ފުލުހުން ބޮޑުތަނުން ފެއިލް!

އަދީބަކީ އަބަދުވެސް އެންމެންގެ ސަމާލުކަމުގައި ހުއްޓިފައި ހުރި ބޭފުޅެކެވެ. އެކަމަކު ހުރިހާ ހުކުމަކުން ވީއްލުމާ އެކު އަދީބު މަންޒަރުން ގެއްލި ހިމޭންވި އެވެ. އެންމެން އޭނާގެ މަތިން ދުވަސްކޮޅަކަށް ހަނދާން ނެތުނީ އެވެ. ހިމޭންކަމުގައި މިދިޔަ ދުވަސްކޮޅަކީ، "އުމުރަށް މިނިވަންވާނެ" ގޮތުގެ ޕްލޭން ރާވަން އޭނާ ނެގި ވަގުތުކޮޅެއް ކަމަށް ވެދާނެ އެވެ.

އެވަރުގެ ބޮޑުކަމެއް ރޭވިއިރު ދިވެހި ފުލުހުންގެ މުއައްސަސާ ކޮބައި ހެއްޔެވެ؟ ރާއްޖެއިން ފުރައިގެން އަދީބު ގޮސް ދެތިން ދުވަސްވީއިރު އެކަން ނޭނގުނީ ކީއްވެ ހެއްޔެވެ؟ އެންމެ ބޮޑު ހިޔާނާތުގެ މުގޫ ކަމުގައި ފުލުހުން ތުހުމަތު ކުރާ މީހާގެ މައްޗަށް ހިނގަމުން ދާ ތަހުގީގެއް އޮތް އިރު، އޭނާ ނުފިލޭނެ ފިޔަވަޅުތައް އެޅީ ކިހާވަރަކަށް ހެއްޔެވެ؟މިހިރީ ހައްތަހާވެސް ސުވާލެވެ.

އަދީބު ފިލައިގެން ދަނިކޮށް އިންޑިއާއިން އޭނާ އަތުލައިގަތުމުގެ ހައިރާން ކުރުވަނިވި ހަބަރާ އެކު އާންމުން މުއައްސަސާތަކަށް އޮއްސާލީ މި ސުވާލުތަކެވެ. އެންމެ ބޮޑު ފާޑު ކިޔުމެއް އަމާޒުވަނީ ފުލުހުންގެ އިދާރާއަށެވެ. އެއަށް ފަހު ކަސްޓަމްސް އާއި ޕޯޓާއި އިމިގްރޭޝަނަށް ވެސް ފާޑުކިޔުން މި އޮތީ އަމާޒުވެފަ އެވެ. އެކަމަކު އެންމެ ބޮޑު ސުވާލަކީ ފުލުހުންގެ އިންޓެލިޖެންސް ކޮބައި ހެއްޔެވެ؟

ތެދެކެވެ. އަދީބު އަކީ މިނިވަނެއް ނަމަވެސް ފުލުހުން އޭނައަށް ފާރަލާން ޖެހެވެ. އެނާ ބައްދަލު ކުރާ މީހުންނާއި އޭނާ އުޅޭ ނޫޅޭ ގޮތް ފުލުހުން ބެލުމަކީ މުހިންމު ކަމަކަށް ވާން ޖެހޭނެ އެވެ. އާންމުންގެ ނަޒަރުގައި އަދީބުގެ މައްޗަށް ހުކުމެއް ނެތަސް އޭނާއަށް ފާރަލުން ކުޑަ ކަމެއްގެ ގޮތުގައި ބަލައިގެން ނުވާނެ އެވެ.

އަދީބު ނައިބު ރައީސް ކަމަށް ގެނައުމަށް ނައިބު ރައީސް ކަމުން ވަކިކުރި ކުރީގެ ނައިބު ރައީސް ޑރ. އަހްމަދު ޖަމީލު އަހްމަދު، އަދީބު ފިލުމާ ގުޅޭގޮތުން ވިދާޅުވީ، އޭނާ ފިލުމުގެ ޒިންމާ ސަރުކާރުން ނަގަން ޖެހޭ ކަމަށެވެ. ސަރުކާރުން ބޭނުންވާ މީހުންގެ މައްސަލަތައް އަވަސްކުރެވޭއިރު އަދީބުގެ މައްސަލަ ތަފާތުވަނީ ކީއްވެ ކަމާ މެދު ޖަމީލު ސުވާލު އުފެއްދެވި އެވެ.

އަދީބު ފިލި ހަބަރު ނޫސްތަކުގައި ޖެހިތާ 24 ގަޑިއިރަަށް ވުރެ ގިނަ އިރުވީ އިރުވެސް ފުލުހުންގެ ފަރާތުންވެސް އަދި ސަރުކާރުގެ ފަރާތުންވެސް މާ ބޮޑު ޖަވާބެއް ނުލިބެ އެވެ. ފުލުހުން ކުރު ބަޔާނެއް ނެރެ ބުނީ އަދީބު ގެނައުމުގެ މަސައްކަތް ކުރާ ކަމަށާއި ފިލުވަން އެހީތެރިވި އެންމެންނަށް އަދަބު ދޭނެ ކަމަށެވެ. ފުލުހުންނަށް އެނގޭހާ ވެސް ވަރަކީ އަދީބު ތަހުގީގަށް ފިލިކަމެވެ. އެ ނޫން ކަމެއް އެނގޭ ހެނެއް ހިއެއް ނުވެ އެވެ.

އަދީބު މީގެ ދުވަސްކޮޅެއް ކުރިން ވިދާޅުވީ؛ "އޭނާ އަކީ ފިލާނެ މީހެއް ނޫން" ކަމަށާއި ނުފިލާނެ ކަމަށެވެ. ލަފަޔަކީ، އެނާ ޖެހި މަޅީގައި ދިވެހި ފުލުހުން ރަނގަޅަށްވެސް ޖެހުނީ އެވެ. މިހާރު އޭނަ ވަނީ ބައިނަލް އަގުވާމީ ގަނޫނީ ވަކީލުންގެ ޓީމެއް އެކުލަވާލާ އިންޑީއާގެ ހިމާޔަތަށް ވެސް އެދެފަ އެވެ. މަންޒަރު ދައްކާ ގޮތުން، އަދީބުގެ އެސްކޭޕް ޕްލޭންގެ ބައިތައް އޭނާ އެގްޒިކިއުޓް ކުރަން ފަށައިފި އެވެ. އެކަމަކު ކަމާ ބެހޭ މުއައްސަސާތަކުގެ ކައުންޓާ ސްޓްރެޓެޖީ އަދި އެކްޓިވޭޓެއް ނުވެ އެވެ. ބޮޑު ޕްލޭނެއް ނެތި ހަމަ ގައިމުގެ ވެސް އަދީބު ކަނޑު ހުރަސްކޮށް އެެހެން ގައުމަކަށް ނުފިލާނެ އެވެ. އެ ވަރުގެ ރިސްކެއް އޭނާ ނަގާނެ ކަމަށް ގަބޫލެއް ނުކުރެވެ އެވެ.

ކެޕްޝަން..

އެވަރުގެ ބޮޑު ކަމެއް އަދީބު ރާވަމުން ދިޔައިރު ހޯމް މިނިސްޓްރީ އަށާއި ފުލުހުންނަށް ނޭނގި އަދީބު އަތުން ދޫވެގެން ދިޔުމަކީ ފުލުހުންގެ މުއައްސަސާއަކަށް ހެދޭނެ ވަރުގެ ގޯހެއް ކަމަށް ރައްޔިތުން ގަބޫލެއް ނުކުރެ އެވެ. ބަޖެޓްގެ ބޮޑު ބައެއް ފުލުހުންނާއި ސަލާމަތީ ހިދުމަތްތަކަށް ހަރަދު ކުރާއިރު އެވަރުގެ ބޮޑު އިހުމާލެއް ރައްޔިތުންނަށް ބަލައެއް ނުގަނެވެ އެވެ. ޝަކުވާ ކުރިޔަސް އެކަށީގެންވާ ވަސީލަތް ސަލާމަތީ ހިދުމަތްތަކަށް އަބަދުވެސް ދީފައި ހުރެ އެވެ.

ބައެއްގެ ބައިވެރިވުން އޮތްކަމުގެ ތުހުމަތު!

އެއް ބަޔެއްގެ ތުހުމަތަކީ އަދީބު ރާއްޖެ ފިލައިގެން ދިޔުމުގައި ބައެއް މުއައްސަސާތަކުގެ އެކި ފަންތީގެ މީހުން ބައިވެރިވާނެ ކަމަށެވެ. ހާއްސަކޮށް ޕޯޓާއި ކަސްޓަމްސްގެ ބަޔަކު ބައިވެރިވުން ކައިރިކަމަށް ބުނާ ތުހުމަތެއް އެބަ އޮތެވެ. އެއީ ރާއްޖޭގެ ސަރަހައްދުން ނައްޓާލި ބޯޓަކަށް، ބާރު ހުރި ބަޔަކު އެހީވެގެން ނޫން ގޮތަކަށް އަދީބަށް އެރުމުގެ ފުރުސަތު ކުޑަވުމެވެ. އެއީ ރާއްޖެއަށް އަންނަ ބޯޓްތަކާއި ދާ ބޯޓްތައް ކަސްޓަމާއި ޕޯޓްސްއިން ބަލައި އިންސްޕެކްޓް ކުރާއިރު، އާންމު ގަބޫލު ކުރުމަކީ އެ ލެވަލްއިން ބަޔަކު ގޯސްހެދީ ކަމަށެވެ. އެކަމަކު އެއީ ފުޅާ ތަހުގީގަކުން އެނގޭނެ ކަމެކެވެ. އެކަމަކު އެތައް ވަގުތެއް ފާއިތުވެގެން ދާއިރުވެސް މުއައްސަސާތައް ފެންނަނީ ހިމޭނުން އޮއްވަ އެވެ. އަދީބު ފިލި ޓަގްބޯޓް، "ވާގޯ-9" އަކާ ބެހޭ ގޮތުން ސަރުކާރުން މައުލޫމާތެއް ހާމައެއް ނުކުރެ އެވެ. އެނގޭ އެއްޗެއް އެނގެނީ މީޑިއާއިން ތިލަކުރީމަ އެވެ.

"ސަރުކާރުން މިކަމުގަިއ ޖަވާބެއް ނުދީ ދާ ކޮންމެ ވަގުތަކީ ސުވާލު އުފައްދަން ލިބޭ ފުރުސަތެއް. މިކަން ބަލައެއް ނުގަނެވޭ. އަދީބު ފިލުން ސަރުކާރަށް ބޮޑު ކަމަކަށް ނުވި،" ޓްވިޓާގައި ހިޔާލުފާޅުކުރި މީހަކު ބުންޏެވެ.

--- ސަން އިންފޯ ގްރެފިކްސް

ކޮންމެ ގޮތެއް ވިޔަސް، ބޮޑު ރިސްކެއް ނަގައި އަދީބު ފިލީ ފާރަވެރި މުއައްސަސާތަކުން ލޯ ހުޅުވައިގެން ތިއްބައި އެ މީހުންނަށްވެސް ސިއްރު ސިއްރުން އެވެ.

އަދީބު ރާއްޖެއިން ފިލުމުގެ ބޮޑު ޕްލޭނެއް އޭނާ އޮންނާނީ ރާވައިފަ އެވެ. އެއީ، އާދައިގެ ޕްލޭނަކަށް ނުވާނެ އެވެ. އޭނާ ރާއްޖެއިން ފިލުމާއި އެ ޕްލޭންގެ ބައިތައް ކުރިއަށް އޮތް ދުވަސްތަކުގައި ނިއުޅެމުން އަންނާނެ އެވެ. އަދީބު އެ ނެގީ އާދައިގެ ރިސްކެއް ނޫނެވެ. އެއީ، ހިސާބު ޖަހައި ވަރަށް މޮޅަށް ކުރަހާފައިވާ އޮންނާނެ ޕްލޭނެއް ކަމަށް ބެލެވެ އެވެ. ދެން އެހެން ވީއިރު، އަހަރުމެންނަށް އޮތީ ބަލަން ތިބުމެވެ. އެކަމަކު އިހުމާލުވި މީހުން ކޮބައި ހެއްޔެވެ؟ އެއީ، ސަރުކާރުން މިވަގުތު ރައްޔިތުންނަށް ޖަވާބުދޭން ޖެހޭ އެންމެ ބޮޑު ސުވާލެވެ. އެކަމަކު ޖަވާބު ދޭނެ ހެއްޔެވެ؟