ޔޫކޭ ވިސާއަށް އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު އަދިވެސް އެބައޮތްކަމަށް ލަންކާގައި ހުންނަ އިނގިރޭސިވިލާތުގެ ހައި ކޮމިޝަނުން ބުނެފިއެވެ.

ރާއްޖެއިން އިނގިރޭސިވިލާތަށް ކިޔަވަންދާ ދަރިވަރުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ޔޫކޭގެ ވަގުތީ ވިސާ ސެންޓަރު މި މަހުގެ ހަވަނަ ދުވަހު ފޮރިން މިނިސްޓްރީގައި ހުޅުވާ ގޮތަށް އޮތީ ހަމަޖެހިފައެވެ.

އެ ސެންޓަރު ހިންގާނީ އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ އެމްބަސީގެ ފަރާތުންނެވެ.

އެ ވިސާ ސެންޓަރު އަންނަ މަހު ހުޅުވަން ނިންމީ ސެޕްޓެމްބަރު މަހަކީ އާންމުކޮށް އިނގިރޭސިވިލާތުގައި ކިޔަވަން ފަށާ މަހަކަށް ވާތީއެވެ.

ފޮރިން މިނިސްޓްރީން ބުނީ ވިސާ ހެއްދުމަށް އެދި ބުކިންއަށް ވީއެފްއެސް ގްލޯބަލް ވެބްސައިޓުން ބުކްވެސް ކުރެވޭނެ ކަމަށެވެ.

ކޮމަންވެލްތު ގައުމުތަކުގެ ރައްޔިތުން ޓޫރިސްޓުންގެ ގޮތުގައި އިނގިރޭސިވިލާތަށް ދިއުމަށް ވިސާއެއް ބޭނުމެއް ނުވެއެވެ. އަދި ރާއްޖެއިން ކޮމަންވެލްތުން ވަކިވި ނަމަވެސް ވިސާގެ އުސޫލު އޮތީ އަދިވެސް ކުރިން އޮތް ގޮތަށެވެ.