02 Aug 2019, 11:00
މަޝްހޫރު ވާހަކަ ލިޔުންތެރިޔާ، އަދި ޕްރޮޑިއުސަރު ފާތިމަތު ނަހުލާ (ނަހޫ)ގެ "ބޮސް"ގެ ޝޯއެއް މިރޭ އޮލިމްޕަހުގައި އަޅުވާނެއެވެ.
ބެލުންތެރިން އެދުމުގެ މަތިން އަޅުވަން ހަމަޖެހިފައިވާ އެ ފިލްމަކީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފައިވާ ފިލްމެކެވެ.
ޓިކެޓް ވިއްކާނީ ހެނދުނު 10 އިން މެންދުރު 12 އަށެވެ. އަދި މެންދުރު 2:00 އިން އިރުއޮއްސި 6:00 އަށެވެ. އަދި ރޭގަނޑު އަށަކުން 11 އަށް ވެސް ބޮސްގެ ޓިކެޓް އޮލިމްޕަހުން ލިބޭނެ ކަމަށް ނަހޫ ބުންޏެވެ.
"ބޮސް"އަކީ ނަހުލާގެ ވާހަކައަކަށް އޭނާ ޕްރޮޑިއުސްކޮށް، އާއިޝަތު ރިޝްމީ ޑައިރެކްޓް ކޮށްފައިވާ އަސަރުގަދަ ލޯބީގެ ފިލްމެކެވެ.
މާލޭގެ އިތުރުން ފިލްމު ވަނީ 97 އަށް ވުރެ ގިނަ ރަށުގައި ސްކްރީން ކޮށްފައެވެ. އަދި އޭގެ އިތުރުން ލަންކާގައި ވެސް ފިލްމު ވަނީ އަޅުވާފައެވެ.
"ފިލްމު އަޅުވާނީ ހަމަ އެކަނި މިރޭ. އުންމީދަކީ ވީހާވެސް ގިނަ ބެލުންތެރިން ފިލްމު ބަލަން އައުން. ފިލްމަށް ލިބޭ ތަރުހީބު އަދިވެސް ފަނޑެއްނުވޭ،"
އެ ފިލްމަކީ ފާއިތުވި ދެ އަހަރެއްހާ ދުވަސްތެރޭ އެޅުވި އެންމެ އަސަރުގަދަ އެއް ފިލްމެވެ.
"ފިލްމު އަސްލު ވަރަށް ސަޅި. ކިތަންމެ ގިނަ ފަހަރު ބަލަންޖެހުނަސް ފޫހިނުވޭ. މިހާރު ނޭނގެ ފިލްމު ބެލުނު އަދަދެއްވެސް. އެކަމަކުވެސް އަދިވެސް ވަރަށް ބަލާ ހިތްވޭ. ފިލްމަކީ ފުރިހަމަ ފިލްމެއް،" ސޯޝަލް މީޑިއާގައި ބެލުންތެރިއަކު ބުނެފައިވެއެވެ.
"ބޮސް"އިން ދައްކައިދެނީ، މުއްސަނދި އަންހެއްކުއްޖެއްގެ މުދާގަނޑުގެ މައްޗަށް ގަދަވެގަތުމަށް ބަޔަކު ކުރާ މަސައްކަތެވެ. ކުޑައިރު މަންމަ ނިޔާވެފައިވާ އެ އަންހެން ކުއްޖާ، ބޮސްގެ ލީޑުން ފެނިގެންދާ މަރިޔަމް އައްޒަ (އިބާ) ހަމައެކަނި ބައްޕަގެ ލޯބި ލިބިގެން ބޮޑުވެ ކުއްލިއަކަށް އެ ބައްޕަ ނިޔާވުމުން ނަފްސާނީ ގޮތުން އޭނާ ކުރިމަތިލާ ހަނގުރާމައެވެ.

ދިވެހި ފިލްމު ބޮސްގެ މަންޒަރެއް --- ސަން ފޮޓޯ: ކްރިސްޓަލް އެންޓަޓެއިންމެންޓް
މީގެ އިތުރުން "ޑިޕްރެޝަން"އިން އަރައިގަތުމަށް އިބާ ކުރިމަތިލާ ގޮންޖެހުންތަކާއި އެކަމުގެ ތެރޭގައި ކުރެވޭ މަޖުބޫރީ ކައިވެންޏަކާ އެކައިވެނިން ލިބޭ ހިތްދަތިކަން، އަދި ލޯބިވާ މީހާ ނުލިބުމުން ކުރާ ހިތްދަތި އަސަރު ވެސް ބޮސް ފިލްމުން ފެނިގެން ދެއެވެ.
ފިލްމުގެ ނަން "ބޮސް" އިޝާރަތް ކުރަނީ ބޮސް ދިނުމަށެވެ. "ލޯތްބަށްޓަކައި ދޭ ބޮސްގެ ބާރު" މި ފިލްމުން ދައްކައިދެއެވެ. މީގެ އިތުރުން އިހްލާސްތެރި ދުއާގެ ބާރު ވެސް މި ފިލްމުން ފެންނާނެއެވެ.
މިއީ ހަމައެކަނި ލޯބީގެ ފިލްމެއް ނޫނެވެ. މުޖްތަމައުތެރޭގައި މީހުންނަށް ވަރަށް ބޮޑަށް އޮޅުން އަރާފައިވާ، ވަރަށް މުހިންމު މައްސަލައެއް މި ފިލްމުން މީހުންގެ ސަމާލުކަމަށް ގެނެސްދީ ހޭލުންތެރިކުރުވައެވެ.