ފަލަސްތީނުގެ މައްސަލާގައި ކޮނޑާއި ކޮނޑުޖައްސައިގެން ތިބި ކަމުގައި ސަރުކާރުން މީގެ ކުރިން ބުނެފައި ވަނީ މޮހޮނަށް އޮޑިދޭ އުސޫލުން ބުނި ބުނުމެއް ކަމަށް ޑީއާރުޕީން މިއަދު ބުނެފި އެވެ.

ޑީއާރުޕީގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ނައިބް ލީޑަރު އަހުމަދު މުހައްމަދު (އަންޑޭ) މިއަދު ވިދާޅުވީ ޔުނެސްކޯގެ ފަރާތުން ފަލަސްތީނު ބަލައިގަތުމަށް އިއްޔެ ނެގި ވޯޓުގައި ދިވެހިސަރުކާރުން ބައިވެރިވެފައި ނުވާތީ އެކަން ވަރަށް ހަރުކަށި އިބާރާތުން އެ ޕާޓީން ކުށްވެރިކުރާ ކަމަށެވެ.
ފަލަސްތީނުން އާ ހިތްވަރަކާ އެކު މިނިވަން ދައުލަތެއް ގާއިމުކުރަން ކުރަމުން އައި މަސައްކަތުގައި ދިވެހި ރާއްއޖޭގެ ފަރާތުން އެއްބަރާލުން ދިނުމަށާއި އދ.ގެ އެކި ގުނަވަންތަކުގައި ނަގާ ވޯޓުތަކުގައި ތާއިދު ކޮށްދެވުމަށާއި އަދި ތާއިދު ހޯއްދެވުމަށް މަސައްކަތް ކޮށްދެއްވުމަށް އެދި މި އަހަރުގެ ސެޕްޓެމްބަރު މަހު ފޮރިން މިނިސްޓަރަށް ސިޓީއަކުން ދަންނަވާފައި ވާނެ ކަމުގައި އަންޑޭ ވިދާޅުވި އެވެ.

"ޑީއާރުޕީގެ ފަރާތުން ސިޓީ ފޮނުވީ ވެސް މިސަރުކާރުން ޒަޔަނިސްޓު ހިޔާލުތަކަށް، ހާއްސަކޮށް އިޒުރާއިލުގެ ހިޔާލްތަކަށް މަސައްކަތް ކުރާ ސަރުކާރެއް ކަމަށް ގަބޫލު ކުރެވޭތީ. ސަރުކާރުގެ އުސޫލު ހުންނަނީ މޮހަނަށް އޮޑިދޭ އުސޫލުން ވާހަކަ ބުނެލާފައި ކަން ނިމިގެންދާ އިރު އެހެން ގޮތަކަށް ދާގޮތަށް،" އަންޑޭ ވިދާޅުވި އެވެ.

އަދި އޭނާ ވިދާޅުވީ މިދިޔަ ސެޕްޓެމްބަރު މަހު އެ ޕާޓީގެ ފަރާތުން ސިޓީއެއް ފޮނުވުމުން މަލާމާތުގެ ރާގަށް ސަރުކާރުން "ފަލަސްތީނާ އަތާއި އަތްގުޅާ ކޮނޑާއި ކޮނޑު ޖައްސައިގެން" މަސައްކަތް ކުރާނެ ކަމަށް ފޮރިން މިނިސްޓަރު ވިދާޅުވި ކަމަށް އަހުމަދު ވިދާޅުވި ކަމަށެވެ.

ފަލަސްތީނުގެ މައްސަލާގައި ވޯޓަށް އެހުމުގެ ތާރީހު ސަރުކާރަށް ނޭނގޭ ކަމަށް ބުނި ބުނުމަކީ މިސަރުކާރުގެ ތެރެއިން ކޯޑިނޭޓުކުރުން ނެތްކަން ދޭހަވާ ކަމެއް ކަމަށާއި އެކަން އެހެންވާނެ ކަމަށް ގަބޫލް ނުކުރަށްވާ ކަމަށް ވެސް އަހުމަދު ވިދާޅުވި އެވެ.

ލިޔުމާ ގުޅޭ އޯޑިއޯ:

Ahmed Mohammed (mp3)