މަސްތުވާތަކެއްޗާއެކު ޓީޖެޓީ ސަރަހައްދުން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މަސްތުވާތަކެތި ހިފައިގެން ޓީޖެޓީގައި އޮތް މުދާއުފުލާ ދޯންޏަކުން ރާއްޖޭގެ ރަށަކަށް ފުރަން އުޅޭ މީހެއްގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 40 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އޭނާ ބަލާ ފާސްކުރިއިރު އޭނާ ލައިގެން ހުރި ޖިންސްގެ ވާތްފަރާތު ކުރިމަތީ ޖީބުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި ރަބަރު ޕެކެޓެއް ފެނުނު ކަމަށާއި އޭނާގެ ކޮނޑުގައި އޮތް ދަބަހުންވެސް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ހަތަރު ރަބަރު ޕެކެޓާއި ކޮތަޅެއް ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.

މި ތަކެތީގެ ބަރުދަނުގައި 80 ގްރާމު ހުރިކަމަށް ވެސް ފުލުހުން ބުންޏެވެ.

މީގެ ދެދުވަސް ކުރިން ފުލުހުން ވަނީ ހަ ކިލޯގެ މަސްތުވާާތަކެއްޗާއެކު ފަސް މީހުން ހައްޔަރުކޮށްފައެވެ. އެ މީހުންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހައިފައެވެ.